ވިޔަފާރި

ފަންނު އެކްސްޕޯގެ ތަކެތި ބަލައިގަތުން މި ހަފުތާގެ ނިޔަލަށް

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، ފަންނު އެކްސްޕޯއަށް ހުށަހަޅާ ތަކެތި ބަލައިގަތުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 31 ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހަފްތާ އިން ފެށިގެން ތަކެތި ގެންނަން ހުޅުވާލާފައިވާ އިރު މިހާތަނަށް 300 އަށް ވުރެ ގިނަ އެއްޗެހި ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ބައިވެރިންގެ ތެރެއިން މި ހަފްތާ އަށް އެއްޗެހި ހުށަހަޅަން ނުޖެހޭނީ ކައްކާ ކެޓަގަރީ އިން ކޭކް ޑެކަރޭޓް ކުރާ މީހުންގެ އެއްޗެހި އެކަންޏެވެ. އަދި ކޭކް ޑެކަރޭޓަރުންގެ ކޭކުތައް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 13 އާއި 14 ގަ އެވެ.

"ކޭކް ޑެކަރޭޓާސް ނޫން އެހެން ހުރިހާ ބައިވެރިންގެ ޕްރޮޑަކްޓްތައް ސަބްމިޓް ކުރަން ޖެހޭނެ މި ހަފްތާގެ ނިޔަލަށް" އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ މާކެޓިން އެންޑް ޕީއާރް، ފާތިމަތު ހިމާ ބުންޏެވެ.

އަންނަ މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގޭގަ އާއި ކަލާފާނު ސްކޫލްގައި އޮންނަ ފަންނު އެކްސްޕޯ އަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް ފަތުރުވެރިންނަށާއި އާއްމުންނަށް އެއް ތަނަކުން ދިވެހި އުފެއްދުންތައް ފެންނާނެ މާހައުލެއް ގާއިމުކޮށްދޭން ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގައި ތަފާތު 78 ކެޓަގަރީއަކުން 600 އަށްވުރެ ގިނަ ވަނަ ހޮވާނެ އެވެ. އެގޮތުން، އުފެއްދުންތަކުގެ ތެރެ އިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރާނެ އެވެ. އަދި ދުބާއީގައި އޮންނަ ހަ މަސް ދުވަހަށް ދެމިގެންދާ "އެކްސްޕޯ 2020" ގައި އެ އުފެއްދުންތައް ބައިވެރި ކުރަން ފުރުސަތު ދޭނެ އެވެ.