ހަބަރު

ހިޔާނާތުގެ ފައިސާ ލިބުނު މެންބަރުންގެ ނަންތައް ދޭން މަޖިލީހުން އެދިއްޖެ

Oct 27, 2019
5

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ އެވެ.

ފުލުހުންނާއި، އޭސީސީގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައި އެމްއެމްޕީއަރުސީ ހިޔާނާތުގެ ފައިސާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރެއްގެ އިތުރުން މިހާރު މަޖިލީހުގެ 16 މެންބަރަކަށް ލިބިފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ 19 މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއްކަން ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ރައީސާއި، މެންބަރުންގެ އިތުރުން މަޖިލީހުގެ އިދާރާއިން މަސައްކަތްކުރަމުންދަނިކޮށް މި ހިނގާ މަޖިލީހުގެ މެންބަރުންގެ ހިޔާނާތުގެ މައްސަލައެއް ފެންމަތިވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

އެހެންކަމުން، ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ މެންބަރުންގެ ނަންތައް މަޖިލީހާ ހިއްސާކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގެ ކިބައިން މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފައިވާކަމަށް ނިއުޝާ ވިދާޅުވި އެވެ. ނަމަވެސް އަދި ޖަވާބެއް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ނަންތައް ލިބުމާއެކު އެ މައްސަލަ މަޖިލީހުން އިސްވެ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އަމީންއާންމު ވިދާޅުވި އެވެ. ނަމަވެސް، އެއީ ކޮން ފިޔަވަޅެއްކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ހިޔާނާތުގެ ތަހުގީގާ ގުޅޭގޮތުން، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނީ 177 މީހުންނަށް ކަމަށް ކުރިން ބުނެވުނު ނަމަވެސް، މިހާރު ލިބިފައިވާ އާ މައުލޫމާތުތަކަށް ބަލާއިރު އެ އަދަދު 267 މީހުންނަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި މިހާރުގެ ސަރުކާރުގައި ތިއްބެވި ހަތް ބޭފުޅަކާއި، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި އަދި މިހާރު ކޯޓުތަކުގައި ތިއްބެވި އަށް ފަނޑިޔާރަކަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.