ބޮލީވުޑް

ބާންސާލީގެ "ބައިޖޫ ބަނވުރާ" އިއުލާންކޮށްފި

ސަންޖޭ ލީލާ ބާންސާލީ އެންމެ އުފައްދަން ބޭނުންވާ ފިލްމު "ބައިޖޫ ބަނވުރާ" އިއުލާންކޮށްފި އެވެ.

ފިލްމު އުފައްދާ ރިލީޒްކުރަން ހަމަޖެހިފައިވަނީ 2021 ވަނައަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ. ބާންސާލީގެ ޚަބަރުތައް މި ފަހަކަށް އައިސް އެންމެ ގިނައިން ފެންނަނީ "އިންޝާﷲ" ކިޔާ ފިލްމަކާ ގުޅުވައިގެންނެވެ. މިއީ ސަލްމާން ޚާނާއި އާލިއާ ބަޓް ލީޑް ރޯލަށް ލައިގެން އޭނާ އުފައްދަން އިއުލާން ކުރި ފިލްމެކެވެ. ނަމަވެސް ސަލްމާނާއި ބާންސާލީގެ މެދުގައި އުފެދުނު ކޮންމެވެސް މައްސަލަ ތަކަކަށްފަހު ފިލްމު އުފެއްދުމުގެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ.

ބާންސާލީ މިފަހަރު އިއުލާންކުރި "ބައިޖޫ ބަނވުރާ" އަކީ ކުރީ ޒަމާނުގެ މަޝްހޫރު މިއުޒިކް ޝަޚްސިއްޔަތެއް ހަޔާތުގެ މައްޗަށެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚާއި ދީޕިކާ ޕަދުކޯންގެ "މަހާބާރާތު" ރިލީޒްކުރާ ދުވަސްވަރާ އެއް ދުވަސްވަރަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

"ބައިޖޫ ބަނވުރާ"އަކީ ޓެންސެން ނަމަކަށްކިޔާ ބަޔަކު ބަލިކޮށް ބައްޕަގެ މަރުގެ ބަދަލުހިފަން މަސައްކަތްކުރާ މިއުޒީޝަނެއްގެ ވާހަކަ އެވެ.

މި ފަހަކަށް އައިސް ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ބާންސާލީގެ އޮފީހަށް މާ ގިނަގިނައިން ދާތަން ފެންނަމުންދާތީ "ބައިޖޫ ބަނވުރާ" އެ ދެ ތަރިންނަށް ދޭން އުޅޭހެން ހީވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ލަފާ ކޮށްފަ އެވެ. އަދި ކާރްތިކް އާރްޔަން ވެސް ބާންސާލީގެ އޮފީހަށް ދިޔަ ތަން ފެނުމުން އޭނާ ވެސް ފިލްމުގައި ބައިވެރިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ.

ފިލްމު އިއުލާންކުރުމުގެ ގޮތުން ބާންސާލީ ކުރި ޓުވީޓްގައި ފިލްމާ ގުޅޭ މައުލޫމާތު ހިމެނުނު ނަމަވެސް ފިލްމުގެ ތަރިންގެ ނަންތައް ބަޔާންކޮށްފައެއް ނުވެ އެވެ.

ބާންސާލިގެ ޓުވީޓަށް ކޮމެންޓްކުރި ބައެއް މީހުން ޓުވިޓާގައި ބުނެފައިވަނީ އަޖޭ ދޭވްގަން އަށް މި ފިލްމުގެ ލީޑް ރޯލް ދޭން ބާންސާލީ ނިންމާފައިވާ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން ބާންސާލީ ވަނީ "ގަންގޫބާއީ" ކިޔާ ފިލްމެއް ވެސް އިއުލާން ކޮށްފަ އެވެ. މިއީ ގަންގޫބާއީ ކަތުވާޑީ ކިޔާ އަންހެނެއްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މި ފިލްމުގައި "ގަންގޫބާއީ"ގެ ރޯލު އަދާކުރަނީ އާލިއާ ބަޓް އެވެ. ކުރިން މި ރޯލު ކުޅެން ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާ ނަމަވެސް ކައިވެންޏަށްފަހު ދިރިއުޅުން އެމެރިކާ އަށް ބަދަލުކުރުމާ ގުޅިގެން ޕްރިޔަންކާ އަށް މި ފިލްމަށް ވަގުތު ނުދެވުނީ އެވެ. ބާންސާލީ އިއުލާން ކޮށްފައިވާ ގޮތުގައި "ގަންގޫބާއީ" ރިލިޒްކުރާނީ އަންނަ އަހަރުގެ ސެޕްޓޭމްބަރު 11 ވަނަ ދުވަހު އެވެ.