ދުނިޔެ

މުޒާހަރާ އިތުރަށް ހޫނުވެ އިރާގުގައި ކާފިއު ހިންގައިފި

Oct 29, 2019

ބަޣުދާދު (އޮކްޓޯބަރު 29) - އިރާގުގެ ވެރިރަށް ބަޣުދާދުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެގައުމުގައި ކާފިއު ހިންގައިފި އެވެ.

ބަޣުދާދުގެ މަޝްހޫރު ތަހުރީރު ސްކޮޔާއަށް އެއްވެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ މިހާރު ހަތަރު ދުވަސްވެފައިވާއިރު، މުޒާހަރާގެ ބައިވެރިން ދަނީ ސަލާމަތީ ބާރުތަކާ ކުރިމަތިލަމުންނެވެ.

ބަޣުދާދުގައި ކިޔަވަމުންދާ ދަރިވަރުންވެސް އިއްޔެ މުޒާހަރާއަށް ނުކުމެފައިވާއިރު، އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ދެ މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ދަރިވަރުން މުޒާހަރާއަށް ނުކުތުމުން ބަޣުދާދުގެ ގިނަ ޔުނިވާސިޓީތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ވެރިރަށުގެ ގްރީން ޒޯނަށް ވަދެވެން އޮންނަ މަގުތައް ބަންދުކޮށްގެން ސަލާމަތީ ބަރުތަކާ މުޒާހަރާގެ ބައިވެރިން ކުރިމަތިލަމުންދާކަމަށް ވަނީ ބުނެފަ އެވެ.

އިގުތިސޯދު ވަޅުޖެހިފައިއޮތް އިރާގުގެ ސަރުކާރާ ދެކޮޅަށް އާއްމުން ނުކުމެފައިވަނީ މި މަހު ކުރީކޮޅެވެ. އެ މުޒާހަރާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން މުޒާހަރާގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން 230 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.