މީހުން

ލަތީފް ރަޝީދު: އިރާގު ބިނާކުރަން ބޮޑު އިސްކަމެއް ދެއްވާ

އިރާގުގެ ނުވަވަނަ ރައީސް ކަމަށް އަބްދުއްލަތީފް ރަޝީދު ވަޑައިގެންނެވީ 2022 ވަނަ އަހަރު އިރާގުގައި ބޭއްވުނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.

ލަތީފް ރަޝީދު އުފަންވެވަޑައިގެންފައިވަނީ ކުރުދީންގެ މަތީ ފަންތީގެ އާއިލާއަކަށް އޮގަސްޓް 10، 1944 ގައި އިރާގުގެ ކުރުދިސްތާނު ސަރަހައްދުގައި އިރުމަތިން އޮންނަ ސުލައިމާނިއްޔާ ސަރަހައްދުގަ އެވެ. މިތަނަކީ އިރާގު އިރާން ސަރަހައްދީ ބޯޑަރާއި ދާދި ކައިރީގައި އޮންނަ ތަނެކެވެ. އެމަނިކުފާނުގެ މުޅި ތައުލީމީ ހަޔާތް ހޭދަކުރައްވާފައިވަނީ އިނގިރޭސިވިލާތުގަ އެވެ. ހާއްސަވެވަޑައިގެންފައިވާ ދާއިރާއަކީ ސިވިލް އިންޖިނިއަރިން ދާއިރާ އެވެ.

އިނގިރޭސި ވިލާތުން އިރާގަށް ވަޑައިގެން ސުލައިމާނިއްޔާ ޔުނިވަސިޓީގައި ލެކްޗަރާ އަކަށް އުޅުއްވި އެވެ.
ލަތީފް ރަޝީދު ވަނީ އޭނާގެ ޅިޔަނު -- ކުރީގެ ރައީސް ޖަލާލް ޠާލިބާނީ އިރާގުގެ ޕެޓްރިއޮޓިކް ޔުނިއަން އޮފް ކުރުދިސްތާން ޕާޓީ ހިންގަވަމުން ވަޑައިގެންނެވިއިރު އެމަސައްކަތުގައި ބައިވެރިވަ ވަޑައިގެންފަ އެވެ. އޭގެ ކުރިން 1960 ގެ އަހަރުތަކުގައި ކުރުދިސްތާން ޑިމޮކްރެޓިކް ޕާޓީއާއި ގުޅިވަޑައިގެންފައިވެ އެވެ. ކުރީގެ ރައީސް ސައްދާމު ހުސައިން ނިސްބަތްވި ބައަސް ޕާޓީގެ ވެރިކަން ނިމެންދެން އެމަނިކުފާނަކީ އަރަބި ނެޝަނަލިޒަމްގެ ބައަސް ޖަމާއަތާ ދެކޮޅު ހައްދަވަމުން ގެންދެވި ބޭފުޅެކެވެ.

އިރާގުން ބޭރުގައި ކުރީގެ ރައިސް ސައްދާމް ހުސައިނާ ދެކޮޅު ހަރަކާތްތައް ހިންގަމުން އައި އިރާގުގެ ނެޝަނަލް ކޮންގްރެސްގެ ނައިބް ރައިސް އަދި އެގްޒެކަޓިވް މެންބަރެއްގެ ގޮތުގައި 1992 ގައި ލަތީފް ރަޝިދު ހަމަޖެއްސުނެވެ. އަދި 1998 ގައި ހޮވި އެ ކޮންގްރެސްގެ ހަ ލީޑަރުންގެ ތެރޭގައިވެސް ރަޝީދު ހިމެނިވަޑައިގެންފައިވެ އެވެ.

ކުރީގެ ރައިސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށްފަހު ގައުމަށް އެނބުރި ވަޑައިގެން އޭރު އުފެއްދި ނޫރީ އަލް މާލިކީގެ ސަރުކާރުގެ ފެނާ ބެހޭ ވަޒީރުކަމުގައި 2003 އިން 2010 އަށް ލަތީފް ރަޝީދު ހުންނެވި އެވެ.

އިރާގުގެ ރައީސް ކަމާއި ހަމައަށް ވަޑައިގަތުމަށް ދަންދެން 2010 އިން ފެށިގެން އިރާގުގެ ރައީސްގެ އެޑްވައިޒަރު ކަމުގެ މަގާމު ފުރުއްވަމުންވެސް ގެންދެވި އެވެ. ލަތީފް ރަޝީދު، ނޫރީ އަލް މާލިކީގެ ސަރުކާރުގެ ވަޒީރަކަށް ވެވަޑައިގަތުމުގެ ކުރިން އިރާގުގެ ޓްރާންސިޝަނަލް ގަވަރުމަންޓް އަދި ފަހުން އިރާގުގެ ވަގުތީ ސަރުކާރުގައިވެސް ވަޒީރުކަމުގެ މަސްއޫލިއްޔަތު އުފުއްލަވާފައިވެ އެވެ.

އިރާގުގެ ރައީސް ކަމަށް ލަތީފް ރަޝީދުގެ ނަން ހުށަހެޅިގެން ދިޔައީ އިރާނާ ގާތް ޝިއައީންގެ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހިނގަމުން ދިޔަ ދުވަސްވަރެއްގަ އެވެ. އެމަނިކުފާނަކީ އިރާގުގެ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ ސިޔާސީ ބޭފުޅެކެވެ. އެމަނިކުފާނު ކުރުދީންގެ ދައުލަތެއް އުފެއްދުމަށް އިރާގުން ބޭރުގައި ޔޫރަޕުގައި ބޮޑެތި މަސައްކަތްތަކެއްވެސް ކުރެއްވި އެވެ.

ލަތީފް ރަޝީދު ވަނީ މުނިސިޕަލް ދާއިރާގައި ވީރާނާވެފައިވާ އިރާގުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރެއްވުމުގެ މަސައްކަތުގެ ތެރޭގައިވެސް ފާއިތުވި ދިގުމުއްދަތެއްގައި އުޅުއްވާފަ އެވެ. ވަރުގަދަ އިގްތިސޯދަކާ އެކު ކުރިން ކުރިއަރަމުން އައި އިރާގުގައި ގަލްފް ހަނގުރާމައަށްފަހު ވީރާނާ ކުރެވިގެން ދިޔަ އިގްތިސޯދާއި ބައިބައި ކުރެވިފައިވާ މުޖުތަމައުތަކާ އެކު އިޖުތިމާއީ، ސިއްހީ ކަންކަމަކީ އިރާގުގައި މިއަދު ރަޝީދު ލަތީފަށް ހުރި ވަރުގަދަ ގޮންޖެހުންތަކެވެ.

މިއަދު ސިޔާސީ ހަމަނުޖެހުން ބޮޑު އިރާގުގެ އާ ގާނޫނުއަސާސީ ގައިވާ ގޮތުން އިރާގުގެ ރައީސް ކަމަށް ކުރުދީ ބޭފުޅަކު ހަމަޖަައްސާއިރު، ޕާލިމެންޓުގެ ރައީސަކަށް ސުންނީ މުސްލިމެއް އަދި ބޮޑު ވަޒީރަކަށް ޝިއައީ ބޭފުޅަކު ކަނޑައަޅަންޖެހެ އެވެ.