އޮފްބީޓް

ބެގޭޖް ފޮރުވާނެ ގޮތް ބުނެދިން ލިޔުންތެރިޔާ ފަޅާ އަރައިފި

ވައިގެ މަގުން ދަތުރުކުރާ މީހުންގެ އޮންނަ އެންމެ ބޮޑު ބޮލު ރިހުމަކީ ފޮށި ބަރުވެގެން އިތުރަށް ފައިސާ ދައްކަން ޖެހުމެވެ. ބައެއް މީހުން ފޮށީގެ ބަރުދަން ލުއި ކުރަން މަތިމައްޗަށް އަންނައުނު ލައެވެ. މިފަދަ ހާދިސާއެއް ދާދިފަހުން ވެސް މީޑިއާ އަށް ފެންމަތިވި އެވެ. އެމީހާ ލާފައި ހުރި އަންނައުނުގައި ހަތަރު ކިލޯ ހުއްޓެވެ.

އެންމެ ފަހުން މިފަދަ ކަމެއް ކުރަނިކޮށް ފަޅާ އެރި މީހާ ހުރީ ލެޕްޓޮޕަކާއި ވަޔަރުތަކެއް ބަނޑުގަޔާއި ބުރަކަށީގައި ބަނދެފަ އެވެ. މާބަނޑު މީހެއްކަން ދައްކާށެވެ. އެ މީހާ އެއްޗެހިތައް ބަނޑުގައި ބަނދެލާފައި ހުރިލެއް ރީތި ކަމުން އެއީ މާބަނޑު މީހެއް ނޫން ކަމެއް ބަލާ ބެލުމަކަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

ޓްރެވަލް ލިޔުންތެރިޔެއް ކަމަށްވާ ރެބެކާ އެންޑްރޫޒް ޖެޓްސްޓާ ފްލައިޓަކަށް އަރަން ވެގެން ބަނޑުބޮޑު މީހަކަށް ހެދުނެވެ. ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ހެދި މަކަރު ފަޅާ އެރީ ވަރަށް މަޖާ ގޮތަކަށެވެ.

ރެބެކާ ވަނީ އޭނާގެ އިންސްޓަގްރާމް ޕޭޖްގައި އައިޖީޓީވި ވީޑިއޯއެއް ޕޯސްޓްކޮށް އިތުރުވާ ކިލޯއަށް ދައްކަން ޖެހޭ ބެގޭޖް ފީ ނުދައްކާ ފަރުޖެއްސޭނެ ގޮތް ކިޔައިދީފަ އެވެ. މި ވީޑިއޯގައި އޭނާ އެންމެ ފުރަތަމަ ކުރާ ކަމަކީ ކޭބަލް ވަޔަރުތަކެއް ބަނޑުގައި އޮޅަނީ އެވެ. ދެން އޭގެ މަތިން ހެދުމެއް ލާފައި އޭނާ ލައިގެން ހުރި ޖަމްޕްސޫޓުގެ ދަށަށް ޖަހަނީ އެވެ. ދެން އޭނާގެ ލެޕްޓޮޕް ބުރަކަށީގައި ހަރުކުރެ އެވެ. އެއީ އޭނާގެ ހަށިގަނޑު ސީދަކަށް ބެހެއްޓުމަށެވެ. އޭގެ މަތިން އަނެއްކާވެސް މަތިމައްޗަށް އެތައް ހެދުމެއް ލައެވެ. އޭގެ ފަހުން ލަނީ ގަޔަށް ދޫ ބެގީ މައްޗެކެވެ. އަދި އޭގެ މަތިން ދިގުކޮށް ހުރި ދޫ ހެދުމެއް ލުމުން މާބަނޑު މީހެއްގެ ސިފަ އޭނާގެ ހަށިގަނޑުގައި ޖަހަ އެވެ.

ނަމަވެސް ރެބެކާ އަމިއްލައަށް އިއުތިރާފުވީ ގޮތުގައި ހުރިހާ ކަމެއް ކޮށްގެން ވެސް އޭނާއަކަށް މިކަން ކާމިޔާބު ވާގޮތެއް ނުވި އެވެ.

އޭނާ ބުނި ގޮތުގައި އޭނާ ހިނގީ ވަރަށް ބޮޑަށް ހަށިގަނޑު ސީދާކޮށް ބަހައްޓައިގެންނެވެ. މިހެން ހަދަން ޖެހޭ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.

"ހުރިހާ އަންނައުނު ލާ ތައްޔާރުވާން ހަދައިގެން އަހަންނަށް ބޯޑިން ގޭޓަށް ދެވުނީ އެންމެ ފަހުން. އެހެން ހުރިހާ މީހުން އޭރު ބޯޓަށް އަރާ ނިމިއްޖެ. އެއީ އަހަންނަށް ހެދުނު ގޯހަކީ. އަހަންނަކީ އެންމެ ފަހު މީހާ ވީމަ ހުރިހާ ސްޓާފުންގެ ނަޒަރު ހުރީ އަހަންނަށް ހުއްޓިފައި. އެމީހުން އަހަރެންގެ ދަބަސް ކިރާލާފައި ބޯޓަށް އަރަން ދާން އޯކޭ ދިން. އަހަރެން މާބަނޑު މީހަކު ދާހެން ހިނގާފައި ވަކި ހިސާބަކަށް ދިޔަ ތަނާ ބޯޑީން ޕާސް އަހަރެން ވަތުން ވެއްޓުމާއެކު އަޑެއް ގޮވި. އެހެންވެ އެމީހުން އެންމެން އަނެއްކާ އަހަންނާ ދިމާލަށް ބަލަން ފެށީ،" ރެބެކާ އޭނާގެ އިންސްޓަގްރާމް ވީޑިއޯގައި ކިޔައިދީފައި ވެއެވެ.

ރެބެކާ ބޯޑިން ޕާސް ނަގަން ގުދުވި ވަގުތު އޭނާގެ ހެދުމުގެ އަޑިން ލެޕްޓޮޕްގެ އައުޓްލައިން އެއާލައިން ސްޓާފަކަށް ފެނުނީ އެވެ. ވަގުތުން އޭނާ ރެބެކާއަށް ގޮވާ ސުވާލުތައް ކުރަން ފެށި އެވެ. އެހިސާބުން އޭނާއަށް ދޮގެއް ހެދޭނެ ގޮތެއް ނެތި ރަނގަޅަށް ފަޅާ އެރުމުން އިތުރަށް ބެގެޖް ފީ ނުދައްކަން ވެގެން ކުރި ކަމެއް ކަމަށް އެމީހުން ކައިރީ ރެބެކާ އެއްބަސްވީ އެވެ.

ރެބެކާގެ އިންސްޓަގްރާމްގައިވާ އެހެން ވީޑިއޯއެއްގައި އޭނާ ބުނެފައި ވެއެވެ. "ކަލޭމެން ވެސް މިގޮތަށް އިތުރަށް ބެގޭޖް ފީ ނުދައްކާ ސަލާމަތްވާން މި އުކުޅު ހަދައިގެން ފަޅާ އަރައިފިނަމަ މިއީ 100 ޕަސެންޓް ވުޖޫދުގައި ނެތް ވީޑިއޯ އަކަށް ހަދާތި. އަދި އަހަންނާ ދައުވާ ނުކުރާތި."