ކުޅިވަރު

ޗެމްޕިއަންކަން އަޖުފާން އާއި ނަބާހާއަށް

ބެޑްމިންޓަންގެ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން މުހައްމަދު އަޖުފާން އަދި އަންހެން ޗެމްޕިއަންކަން ފާތުމަތު ނަބާހާ އަބްދު ރައްޒާގް ހޯދައިފި އެވެ.

ފައިނަލުގައި ނަބާހާ ނުކުތީ އޭނާއާ އެއްމާބަނޑު ކޮއްކޮ އާމިނަތު ނަބީހާ އާ ދެކޮޅަށެވެ. ފުރަތަމަ ސެޓް ނަބާހާ ކާމިޔާބު ކުރީ 21-18 އިންނެވެ. ދެވަނަ ސެޓް ކާމިޔާބު ކުރީ ނަބީހާ އެވެ. އޭނާ އެ ސެޓުން މޮޅުވީ، 21-18 އިންނެވެ. ނަބާހާ ޗެމްޕިއަންކަން ހޯދީ ފަހު ސެޓް 21-19 އިން ކާމިޔާބު ހޯދައިގެންނެވެ.

ރާއްޖޭގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ފިރިހެން ބޭޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ފައިނަލުގައި ނުކުތީ ނިބާލް އަހްމަދާ ދެކޮޅަށެވެ. ފުރަތަމަ ސެޓް އަޖުފާން ކާމިޔާބު ކުރީ، 21-16 އިންނެވެ. ދެ ވަނަ ސެޓް ނިބާލް ކާމިޔާބު ކުރީ 21-19 އިންނެވެ. ގައުމީ ޗެމްޕިއަންކަން ނުވަ ވަނަ ފަހަރަށް އަޖުފާން ހޯދީ ތިން ވަނަ ސެޓް 21-17 އިން ކާމިޔާބު ކޮށްގެންނެވެ.

ނަބީހާ ވަނީ އަންހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ޑަބަލްސްގައި އަބަދުވެސް އޭނާގެ ޕެއާ އަކީ އޭނާއަށް ވުރެ 15 މިނެޓް ފަހުން އުފަންވި އެއްމާބަނު ކޮއްކޮ ނަބީހާ އެވެ. ފައިނަލުގައި އެ ދެ ޕެއާ ނުކުތީ އާމިނަތު ޝަހްރުނާޒް މޫސާ އާއި ނީލާ އަހްމަދު ނަޖީބު އާ ދެކޮޅަށެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ފުރަތަމަ ސެޓް ކާމިޔާބު ކުރީ 21-18 އިންނެވެ. ދެ ވަނަ ސެޓުން ޝަހްރުނާޒް އާއި ނީލާގެ ޕެއާ ކާމިޔާބު ކުރީ 21-19 އިންނެވެ. ތިން ވަނަ ސެޓް ނަބީހާ، ނަބާހާގެ ކާމިޔާބު ކުރީ ފަސޭހަ ކަމާއެކު 21-9 ންނެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަން ވެސް ނަބާހާ ވަނީ ހޯދާފަ އެވެ. މިކްސް ޑަބަލްސްގައި ނަބާހާ އާއި ހުސައިން ޒަޔާންގެ ޕެއާ ފައިނަލުގައި ކާމިޔާބު ހޯދީ ހުސައިން އަފްޝީން ޝަމީމް އާއި ނީލާ އަހްމަދު ނަޖީބުގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ބަލި ކޮށްގެންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ ސެޓްތައް ކާމިޔާބު ކުރީ 21-15 އަދި 21-10 ންނެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، ޒަޔާން އާއި އަހްމަދު ތޯއިފްގެ ޕެއާ އެވެ. ފައިނަލުގައި ތޯއިފް އާއި ޒަޔާންގެ ޕެއާ ކާމިޔާބު ހޯދީ އިބްރާހިމް ރާޝިއު އާދަމް އާއި ރިޝްވާން ޝިޔާމް ޕެއާގެ މައްޗަށް 21-14 އަދި 21-17 އިން ކާމިޔާބު ހޯދައިގެންނެވެ.

ދެ ވަނަ ޑިވިޝަންގެ އަންހެން ޗެމްޕިއަންކަން ހޯދީ އާއިޝަތު ފައިނާޒް އެވެ. އޭނާ ކާމިޔާބު ހޯދީ ފިރުޝާނާ ނަސީރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. ދެ ސެޓްވެސް ފައިނާޒު ކާމިޔާބު ކުރީ 21-18 އިންނެވެ. ދެ ވަނަ ޑިވިޝަންގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ހުސައިން މުހައްމަދެވެ. އޭނާ ކާމިޔާބު ހޯދީ މުހައްމަދު އިކްރާމްގެ މައްޗަށް ސީދާ ދެ ސެޓުން ކާމިޔާބު ހޯދައިގެންނެވެ. ސެޓްތައް ގެންދިޔައީ 21-5 އަދި 21-18 އިންނެވެ.

ދެ ވަނަ ޑިވިޝަންގެ ޑަބަލްސް ކެޓަގަރީގައި ފިރިހެން ޗެމްޕިއަންކަން ހޯދީ ހުސައިން މުހައްމަދާއި މުހައްމަދު އިކްރާމްގެ ޕެއާ އެވެ. އެ ދެކުޅުންތެރިން ކާމިޔާބު ހޯދީ އަހްމަދު ނަދީމް އާއި ނާތިޖު އަލީ ބަލި ކުރުމަށް ފަހު އެވެ. ފުރަތަމަ ސެޓް ނަދީމް އާއި ނާތިޖު ޕެއާ 21-18 އިން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓް ހުސައިން އާއި އިކުރާމް ޕެއާ ކާމިޔާބުކޮށް ޗެމްޕިއަންކަން ކަށަވަރު ކުރި އެވެ. ފަހު ދެ ސެޓް ކާމިޔާބު ކުރީ 21-18 އަދި 21-13 އިންނެވެ.

އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އާއިޝަތު ޝަރީފް އާއި އާމިނަތު ނަސީމާގެ ޕެއާ އެވެ. ފައިނަލުގައި އެ ދެކުޅުންތެރިންނާ ދެކޮޅަށް ނުކުތީ ފައިނާޒު އާއި ފިރުޝާނާ ނަސީރު އެވެ. ފުރަތަމަ ސެޓް އާއިޝަތު އާއި އާމިނަތުގެ ޕެއާ ކާމިޔާބު ކުރީ 21-16 ންނެވެ، ދެ ވަނަ ސެޓް ފިރުޝާނާ އާއި ފައިނާޒު ކާމިޔާބު ކުރީ 21-18 އިންނެވެ. ތިން ވަނަ ސެޓް އައިސްތު އާއި އައިންތު ކާމިޔާބު ކުރީ 21-11 އިންނެވެ.


ދެ ވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީ މުނާޒު އާއި އާމިނަތު ނަސީމާ އެވެ. އެ ދެ ޕެއާ ކާމިޔާބު ހޯދީ އާއިޝަތު ޔުމްނާ އާއި އަހްމަދު ނަދީމް ބަލި ކުރުމަށް ފަހު އެވެ. ފުރަތަމަ ސެޓް ނަދީމް އާއި ޔުމުނާގެ ޕެއާ ކާމިޔާބު ކުރީ 21-15 އިންނެވެ. ފަހު ދެ ސެޓް މުނާޒު އާއި އައިންތުގެ ޕެއާ ކާމިޔާބު ކުރީ 21-18 އަދި 21-15 އިންނެވެ.