ހަބަރު

ނޫމަޑި މައްސަލަ: މުއިއްޒުގެ ބަޔާންތައް ދިރާސާ ކުރި ކޮމިޓީ ސިއްރުކޮށްފި

Oct 30, 2019

ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެ ކުންފުނިން ހުށަހެޅި މައްސަލާގައި އެއްބަސްވުން އުވާލި އިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ދެއްވި ބަޔާންތައް ދިރާސާ ކުރުމަށް ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން މުއިއްޒު ވަނީ އެ އާބިޓްރޭޝަނަށް ބަޔާން ދެއްވައިފަ އެވެ.

ނެދަލޭންޑްގެ އާބިޓްރޭޝަނަށް މުއިއްޒު ދެއްވި ބަޔާންތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ވިދާޅުވެފަ އެވެ. އެ ބަޔާންތައް ދިރާސާ ކުރުމުގެ ގޮތުން މިއަދު
ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުން ގެންދަން އެ ކޮމިޓީން ނިންމި އެވެ.

މުއިއްޒު ދެއްވި ބަޔާންތައް ސިއްރު ކޮމިޓީއެއްގައި މިއަދު ދިރާސާ ކުރިއިރު، އަންނަ ހޯމަ ދުވަހު ބާއްވާ އެ ކޮމިޓީގެ ބައްދަލުވުމަށް މުއިއްޒު ހާޒިރު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު ނާޝިޒު ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުން މިހާރު ވަނީ ނޫމަޑިއާއެކު ސެޓަލްމަންޓް އެގްރިމެންޓެއްގައި މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. އޭގައި އެއްބަސްވެވުނީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ ގާތްގަނޑަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

ކުރީ ސަރުކާރުން ނޫމަޑިއާއެކު ވެފައިވާ އެއް އެއްބަސްވުމަކީ 600 ހައުސިނިް ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ 20، 2011 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާ ނިޒާމު ތަރައްގީ ކުރަން މެއި 30. 2013 ގައި ވެފައިވާ އެއްބަސްވުމެވެ.

މި އެއްބަސްވުންތައް ބާތިލް ކޮށްފައިވަނީ މިދިޔަ ސަރުކާރުން، ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނި ކޮށެވެ.