ކުޅިވަރު

ކޯޗެއްގެ ގޮތުގައި ނިޒާމް ބަންގުލަދޭޝް ޕްރިމިއާ ލީގަށް

ބަންގުލަދޭޝް ޕްރިމިއާ ލީގްގައި ވާދަ ކުރާ ސައިފް ސްޕޯޓްސް ކުލަބުގެ ކޯޗް ކަމާ ހަވާލުވާން ޓީސީގެ ކުރީގެ ކޯޗް މުހައްމަދު ނިޒާމު އެއްބަސްވެއްޖެ އެވެ.

ސައިފް ސްޕޯޓްސް ކުލަބުގެ މަގާމާއެކު، ނިޒާމް ވެގެންދާނީ ރާއްޖެއިން ބޭރުގެ ޓޮޕް ޑިވިޝަންގައި މަސައްކަތް ކުރާނެ ފުރަތަމަ ދިވެހި ކޯޗަށެވެ. ނިޒާމް އެންމެ ފަހުން ހުރީ 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗް ކަމުގަ އެވެ. އެފްއޭއެމް އާއެކު ވާހަކަ ދެކެވި ރާއްޖޭގެ ފުޓްބޯޅައަށް ލިބޭނެ އިތުރު ފުރުސަތަކަށް ވުމުން ނިޒާމްއަށް އެ ފުރުސަތު ލިބި ދޭން އެފްއޭއެމުން ވެސް ބޭނުންވެ އެވެ.

އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޓީސީ ގޮވައިގެން ނިޒާމް ވަނީ މިދިޔަ އަހަރު ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުމެފަ އެވެ. މާލޭ އާއި ބަންގުލަދޭޝްގައި ކުޅުނު މެޗުންވެސް ސައިފްގެ މައްޗަށް ނިޒާމް ކުރި ހޯދި އެވެ. ސައިފް ސްޕޯޓްސް ކުލަބު އުފެދުނީ 2016 ވަނަ އަހަރު އެވެ. އެ ކުލަބު ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގައި އެންމެ ފުރަތަމަ ވާދަ ކުރަން ފެށީ މިދިޔަ އަހަރު އެވެ.

ސައިފްގެ ކޯޗަކަށް އެންމެ ފަހުން ހުރީ އިނގިރޭސި ވިލާތުގެ ސްޓެވާޓް ހާލް އެވެ. އޭނާގެ ކޯޗު ކަމުންގެ ދަށުން ސައިފުން މިދިޔަ ސީޒަންގެ ލީގްގެ ހަތަރު ވަނަ ހޯދި އެވެ. މި އަހަރު މެއި މަހު ބަންގުލަދޭޝްގައި އޭއެފްސީ އޭ ލައިސެންސް ކޯސް ފުރިހަމަ ކުރި ނިޒާމް ވަނީ ކޯޗެއްގެ ގޮތުގައި ތިން މުބާރާތެއްގައި ބަނގުލަދޭޝްގައި ވާދަ ކޮށްފަ އެވެ. އެއީ މަިމަހު އެ ގައުމުގައި ބޭއްވި ޔޫއެފާ އެސިސްޓް 16 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ ކޯޗެއްގެ ގޮތުގައ، 2017 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު މުބާރާތުގެ އިތުރުން އޭއެފްސީ ކަޕް ކޮލިފިކޭޝާންގަ އެވެ. ކުލަބުގެ ކޯޗެއްގެ ގޮތުގައި ބަންގުލަދޭޝްގައި އެއްވެސް މެޗަކުން ނިޒާމް މިހާތަނަށް ބަލިވެފަ އެއް ނުވެ އެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގައުމީ ޓީމު ތައްޔާރު ކުރުމުގެ މަސައްކަތް އެފްއޭއެމުން ނިޒާމް އާ ހަވާލު ކުރީ މި އަހަރުގެ އޯގަސްޓް މަހު އެވެ. މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ އެވޯޑް ހޯދި ނިޒާމް ބުނީ، އޭރުވެސް ރާއްޖެއިން ބޭރުގެ ފުރުސަތަކަށް ބަލަމުން ދިޔަ ކަމަށާއި ހަމަޖެހިގެން ދިޔައީ ވަރަށް އުންމީދު ކުރި މަސައްކަތެއް ކަމަށެވެ.

"އަބަދުވެސް އާ ޗެލެންޖު ނަގަން ބޭނުންވާ މީހެއް އަޅުގަނޑަކީ، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން މިދިޔަ ސީޒަންގައި ޓީސީ އަށް ހޯދައިދިން ނިޒާމް ބުންޏެވެ. "ކުރިން ކުރި މަސައްކަތްތަކަށް ވުރެ ބޮޑު ޗެލެންޖެއް މިހާރު މިއޮތީ، އެ ޗެލެންޖަށްވެސް ކެތްތެރި ކަމާއެކު ތައްޔާރު ވަމުން މިދަނީ."

ސައިފް ސްޕޯޓްސް ކުލަބާއެކު ނިޒާމް އެއްބަސްވީ އެއް އަހަރުގެ މުއްދަތަށެވެ. ބަންގުލަދޭޝްގެ ފުޓްބޯޅައިގެ އާ ސީޒަން ޑިސެމްބަރު ހައެއްގައި ފެށިގެން ދާނެ އެވެ. ސައިފް ސްޕޯޓްސް ކުލަބުގެ މިލުކުވެރިކަން އޮންނަނީ، ބަންގާޅުގެ މަޝްހޫރު ވިޔަފާރީގެ ބްރޭންޑެއް ކަމަށްވާ ސައިފް ޕަވާ ޓެކް އަތުގައެވެ.