ވީއޭއެމްގެ އިންތިހާބީ އެކްސްކޯ އިން ބޭރުން ނިންމާ އެއްވެސް ނިންމުމެއް ބަލައި ނުގަންނާނެ ކަމަށް އެފްއައިވީބީން އަންގާފައި ވަނިކޮށް ބައެއް ކުލަބުތަކުން އެއްވެ ކޮންގްރެސް ބާއްވައި ވީއޭއެމްގެ ރައީސްގެ މުހައްމަދު ލަތީފްގެ އިތުބާރު ނެތް ކަމަށް މިއަދު ވޯޓް ނަގައިފި އެވެ.
ކުލަބުތަކުން އިސްނަގައިގެން މިއަދު ބޭއްވި ކޮންގްރެސްގެ މާ ކުރިންވެސް ވީއޭއެމްގެ ރައީސް ކަމުގެ ހައިސިއްޔަތު ލަތީފަށް ގެއްލިފައިވާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހްމަދު ސަލީމު ވަނީ ނިންމަވާފަ އެވެ. ލަތީފުގެ އެކުސްކޯ އުވާލައި ވީއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލު ކުރުމަށް ކޮމިޝާނާ އޮފް ސްޕޯޓްސް ނިންމެވީ މި އަހަރުގެ ޖޫން މަހު އެވެ. އޭގެފަހުން މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށް ފަހު އެފްއައިވީބީން ވަނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނާނެ ކަމަށް އަންގާފަ އެވެ. އަދި ވީއޭއެމްގެ ހިންގުން އަލުން ލަތީފުގެ އެކުސްކޯ އާ ހަވާލު ކުރުމަށްވެސް އެފްއައިވީބީން އެންގި އެވެ.
ވީއޭއެމްއަށް ސްޕޯޓްސް ކޮމިޝަނާ އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތު ވަނީ ހަމަވެފަ އެވެ. މިއަދު ކުލަބުތަކުން ބާއްވި ކޮންގްރެސް ބޭއްވިޔަ ނުދީ ހުއްޓުވައި ދިނުމަށް ލަތީފު ވަނީ އޮލިމްޕިކް ކޮމިޓީގެ ކިބައިން އެދިފަ އެވެ. ލަތީފު ވިދާޅުވެފައި ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ހައިސިއްޔަތު އެ ކުލަބުތަކަށް ލިބިގެން ނުވާ ކަމަށާއި އެއީ ވީއޭއެމްގެ ސައްހަ މެންބާޝިޕް ލިބިފައިވާ ކުލަބުތަކެއް ނޫން ކަމަށެވެ.
ކޮންގްރެސްގައި މިއަދު ބައިވެރިވި ކުލަބުތަކަކީ ނޯމަލައިޒޭޝަން ކޮމިޓީން އިންތިހާބު އިއުލާން ކުރުމަށް ބޭއްވި ކޮންގްރެސްގައި ބައިވެރިވި ކުލަބުތަކެވެ. ވީއޭއެމްގެ މްނެބަރުގެ ގޮތުގައި އެ ކުލަބުތައް ނޯމަލައިޒޭޝަން ކޮމިޓީން ކަނޑައެޅީ މިދިޔަ ހަތަރު އަހަރު ތެރޭ ވީއޭއެމުން ބޭއްވި އިންޑޯ ވޯލީބޯޅަ މުބާރާތްތަކުގައި ތިން އަހަރު ވަންދެން ވާދަ ކޮށްފައިވާ ކުލަބުތަކައް ބެލުމަށް ފަހު އެވެ. އެއީ ޕޮލިސް ކުލަބާ، މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު، ގުޑީސް ސްޕޯޓްސް ކުލަބު، ސްޕޯޓްސް ކުލަބު ސިޓީ، ޔޫތު ނިއު ޖެނަރޭޝަން، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)، ސްޕޯޓްސް ކުލަބު ހޯކްސް އަދި ކުލަބު ހާފުލައިން ލިންކޭޖެވެ.
ހޯކްސް އާއި ކުލަބު ލިންކޭޖު މިއަދު ކޮންގްރެސްގައި ބައިވެރިވެފައެއް ނުވެ އެވެ. އެ ކުލަބުތަކުން ވޯޓްލައި ވީއޭއެމްގެ އިންތިހާބު މި މަހު 24 ގައި ބާއްވަންވެސް ނޯމަލައިޒޭޝަން ކޮމިޓީން އިއުލާން ކުރި އެވެ. އެހެންނަމަވެސް ބާއްވަން އޮތް އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރިކަން ފަހުން ނޯމަލައިޒޭޝަން ކޮމިޓީން އިއުލާން ކުރި އެވެ. އޭގެ ފަހުން ނޯމަލައިޒޭޝަން ކޮމިޓީ ދައުރު ވަނީ ހަމަވެފަ އެވެ. މިއަދު ބޭއްވި ކޮންގްރެސްގައި ކުލަބުތަކުން އަލުން ވަނީ އިންތިހާބު ބާއްވަން ނިންމާފަ އެވެ. އެ އިންތިހާބު ބާއްވަން ކަނޑައެޅީ 30 ދުވަހުގެ މުއްދަތުގެ ތެރޭގަ އެވެ.
މިއަދު ބޭއްވި ކޮންގްރެސްގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިއިރު، އެ ކޮންގްރެސްއާ ބެހޭގޮތުން އެފްއައިވީބީން ދެކޭގޮތް އެ ޖަމްއިއްޔާއިން އިއުލާން ކުރާނެ ކަމަށެ ބެލެވެ އެވެ. ނޮވެމްބަރު ހަތެއްގައި ބަންގުލަދޭޝްގައި ބާއްވާ އޭވީސީ ސެންޓްރަލް ޒޯން އަންހެން ވޯލީބޯޅަ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޓީމުގެ ކަންތައްތަކުގައި ލަތީފުގެ އެކްސްކޯ ފިޔަވައި އެހެން ފަރާތްތަކާ މުއާމަލާތް ނުކުރަން އޭވީސީން ވަނީ ބަންގުލަދޭޝްގެ ވޯލީބޯޅަ ފެޑްރޭޝަނަށް އަންގާފަ އެވެ. ލަތީފު ވަނީ އެ މުބާރާތުގައި ރާއްޖެއިން ވާދަ ކުރާ ޓީމުގެ ލިސްޓް ބަންގުލަދޭޝް ފުޓްބޯޅަ ފެޑްރޭޝަނަށް ފޮނުާފަ އެވެ. ޓީމުގެ ކޯޗަކީ އަހްމަދު ސުނާން އެވެ.