ކުޅިވަރު

20 އަހަރަށްފަހު އިމްރާން ފުޓްބޯޅައަށް އަލުވަދާއު

ވިހި އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި ކުޅުމަށް ފަހު ލެޖެންޑަރީ ގޯލްކީޕަރު އިމްރާން މުހައްމަދު ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.

ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން، މި އަހަރު އުމީ އިނާމު ހާސިލު ކުރި އިމްރާން، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ އެވޯޑް ލިބުނުތާ ތިން ދުވަސް ފަހުންނެވެ.

ފުޓްބޯޅައިން ރާއްޖެއިން ފުރަތަމަ ތައްޓެއް ހޯދިއިރު އިމްރާން ވަނީ ގައުމީ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ގައުމީ ޓީމުގައި އިންޓަނޭޝަނަލް މުބާރާތްތަކުން އެންމެ ގިނައިން މެޑަލް އެޅި ކުޅުންތެރިންގެ ތެރޭގައި އިމްރާން ހިމެނެ އެވެ. ގައުމީ ޖޯޒީގައި ބޮޑު ފަސް މުބާރާތުން މެޑަލް ކަރުގައި އަޅުވާލި އެވެ.

އެއީ، 2000 ވަނަ އަހަރު ބޭއްވި ގޯލްޑަން ޖުބްލީ ފުޓްބޯޅަ މުބާރާތުގެ ރިހި މެޑަލް، 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބުކޮށް ރަން މެޑަލް، 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް، 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕްގެ ތިން ވަނަ ރާއްޖެއަށް ހޯދައިދީ ބްރޯންޒް މެޑަލް ކަރުގައި އަޅުވާލި އެވެ. 20 އަހަރުގެ ތެރެއިން 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނެވެ. ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރު އެވެ.

"ފުޓްބޯޅަ ކުޅުން ހުއްޓާލަން އަހަރެން ނިންމައިފިން، އަހަރެން ގަބޫލު ކުރަނީ މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް." އިމްރާން ބުނެފައި ވެއެވެ.

ކުލަބު ކެރިއަރުގައި، އިމްރާންގެ ކެރިޔާ ފެށީ ކުލަބު އީގަލްސްއިންނެވެ. އެއަށް ފަހު އޭނާ ބަދުލުވީ ވިކްޓަރީ އަށެވެ. އޭރު ވިކްޓަރީގެ ކީޕަރަކަށް ހުރީ ރާއްޖޭގެ އުފެދުނު މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ އިސްމާއީލް ޒަރިއަންދެވެ. އޭނާ ވިކްޓަރީގައި ހުރެ އިމްރާން ވަނީ ފުރަތަމަ 11 ގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. ވިކްޓަރީގައި ނުވަ އަހަރު ވަންދެން ހޭދަ ކުރުމަށް ފަހު ދެން އޭނާ ބަދަލުވީ ވީބީ ސްޕޯޓްސް ކުލަބަށެވެ. އެއަށް ފަހު ނިއު ރޭޑިއަންޓަށް ބަދަލުވެ އެކުލަބަށް ގިނަ ކާމިޔާބުތަކެއް ހޯދައިދިނެވެ. މާޒިޔާއަށް ބަދަލުވެ އެ ކުލަބާއެކު ދވެހި ޕްރިމިއާ ލީގް ކާމިޔާބު ކުރި އެވެ. މި ސީޒަންގައި އޭނާ ކުޅުނީ ޓީސީ އަށެވެ. އެ ކުލަބަށް ދިމާވި މާލީ މައްސަލަތަކާ ހުރެ މުސާރަ ނުދެވުމުން އިމްރާންގެ އެދުމަށް އެ ކުލަބުން އޭނާއަށް ރިލީޒް ދިނެވެ. ޓީސީ އާއެކު ޗެރިޓީ ޝީލްޑް ހޯދި އެވެ.

ދިވެހި ގޯލްކީޕަރުންގެ އެންމެ ބޮޑު ސަޕޯޓަރުގެ ގޮތުގައި އަބަދު ވެސް ފާހަގަ ކުރެވޭ އިމްރާން ރިޓަޔާމެންޓް މެސެޖު ނިންމާލަމުން އޭނާގެ ންމީދެއް ހިއްސާކޮށްފައި ވެއެވެ.

"އަހަރެން އުންމީދު ކުރަން ހުނަރުވެރި ޒުވާން ގިނަ ގޯލްކީޕަރުންތަކެއް ކުރިމަގުގައި އުފެދިގެން އަންނާނެ ކަމަށް."

އިމްރާން ފާހަގަ ކުރެވިފައި ވަނީ މިޑީއާ އާއި ޕަބްލިކާވެސް ރަނގަޅު ގުޅުމެއް ބޭއްވި ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައިވެސް އިމްރާން ފާހަގަ ކުރެވެނީ ވަރުގަދަ ލީޑަރެއްގެ ގޮތުގަ އެވެ.

ނިއު ރޭޑިއަންޓަށް ކުރިން ކޯޗް ކޮށްދިން ޕޯޗްގަލްގެ ބެނާޑޯ ޓަވަރޭޒް ބުނީ އޭނާއަށް ރާއްޖެއިން ފެނުނު އެންމެ ފާހަގަ ކުރެވޭ ކަމަކީ އިމްރާންގެ ލީޑާޝިޕް ކަމަށެވެ. ހަގީގީ އެތުލީޓެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ހުރި ސްޕޯޓްސްމަނެއްގެ ގޮތުގައި އިމްރާން ފާހަގަ ކުރެވެ އެވެ. އެތައް ފަހަރަކު ބޮޑެތި އަނިޔާތަކެއް ލިބުނު އިރުވެސް އެއިން ކޮންމެ ފަހަރަކު ވެސް އެއަށް ވުރެ މާ ވަރުގަދަ އޭނާ އެނބުރި އައުމުގެ ސިއްރަކީ އޭނާގެ ކިބައި ހުރި އެތުލެޓިސިޒަމްގެ ސިފަތަކެވެ.