އިސްލާމް އާބާދު (16 އޯގަސްޓް) – ރާއްޖޭގައި މިއަދު ފެށި މޯލްޑިވްސް ނެޝެނަލް ތްރީ އާރް ޑޭ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޕާކިސްތާނުގެ ކްލައިމެޓް ޗޭންޖު މިނިސްޓަރު މުޝާހިދުﷲ ޚާން އަށް ކުއްލިގޮތަކަށް އެ ބޭފުޅާގެ މަގާމު ގެއްލިވަޑައިގެންފި އެވެ.
މައްސަލަ ހޫނުވެ މަގާމުން އިސްތިއުފާ ދެއްވަން އެ ބޭފުޅާ އަށް މަޖުބޫރުވެ ވަޑައިގަތީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ޒަހީރުލް އިސްލާމް ސަރުކާރު ވައްޓާލައްވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރައްވައި ބީބީސީ އަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. މި މައްސަލައެއް ހޫނުވެގެން އެންމެފަހުން މުޝާހިދުﷲ އެ ބޭފުޅާގެ އިސްތިއުފާގެ ސިޓީ ފޮނުއްވާފައި ވަނީ ރާއްޖޭގައި ހުންނަވައިގެން ކަމަށް ވެސްވެ އެވެ.
ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރާއްޖޭގެ ސަމިޓް ނިންމަވާލެއްވުމަށް ގައުމަށް އެނބުރި ވަޑައިގެން މިނިސްޓަރުގެ އިސްތިއުފާގެ ސިޓީ ރަސްމީކޮށް ބޮޑުވަޒީރު ނަވާޒު ޝަރީފަށް އަރުއްވާނެ އެވެ.
ޕާކިސްތާނުގެ ސަރުކާރުން ބުނެފައި ވަނީ ކުރީގެ ޖާސޫސީ ވެރިޔާއާ ބެހޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތަކީ އޭގައި ހަގީގަތެއް ހިމެނޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް މިނިސްޓަރަކު ވާހަކަ ދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ ނިކަން އަންޕްރޮފެޝަނަލް އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.