ދުނިޔެ

ރައީސްކަމަށް އަންނަން އެއް ބިލިއަން ޑޮލަރު ހޭދަކުރަން ޖެހުނަސް މައްސަލައެއް ނެތް: ޑޮނަލްޑް ޓްރަމްޕް

Aug 16, 2015

ޓްރަމްޕް މިހާރު ވިދާޅުވަނީ ރައީސް ކަމަށް ވަޑައިގަތުމަށް އެއް ބިލިއަން ޑޮލަރު ހޭދަކުރައްވަން ޖެހިވަޑައިގަތަސް މައްސަލައެއް ނެތް ކަމަށެވެ.

"އެވަރު ހޭދަކުރަން ޖެހޭ ނަމަ އެ ވަރު ހޭދަކުރަން ވެސް ތައްޔާރަށް މި ހުންނެވީ،" ކެމްޕޭނަށް ކިހާ ފައިސާއެއް ޚަރަދުކޮށްފާނެތޯ ސީއެންއެން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ވާދަވެރިންނަށް ހަމަލާ ދެއްވަމުން ހިޔާލު ހޯދުމުގެ ވޯޓްގެ ކުރީގައި އުޅުއްވާ ޓްރަމްޕް ވިދާޅުވެފައި ވަނީ އެހެން ކެންޑިޑޭޓުންނަށް އެކި މީހުން ފަންޑް ރެއިޒްކޮށް ދިނުމަކީ އެމީހުންގެ ޕަޕެޓެއްގެ ގޮތުގައި މަސައްކަތްކުރަން އެފަދަ ކެންޑިޑޭޓުންނަށް މަޖުބޫރުވާނެ ކަމެއް ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ފޯރިގަދަވަމުން އަންނައިރު ޓްރަމްޕް ވެވަޑައިގަންނަވަނީ މި ފޯރީގެ އެންމެ ބޮޑު އެއް ސަބަބަށެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައި ވަނީ ޖެހިލުން ކުޑަ ގޮތަކަށް ހުރިހައި ކަމަކަށް ފާޑުވިދާޅުވަމުން ގެންދަވާ ފަރާތެއްގެ ގޮތުގަ އެވެ.