މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އަންނަ އަހަރަށް ލާފަކޮށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓް ހުށަހެޅުން އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ފުރަތަމަ ކަމަކަށް އޮތީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ފިނޭންސް މިނިސްޓްރީން އަންނަ 2020 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓް ތަޅުމަށް ހުށަހެޅުމެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. އަންނަ އަހަރަށް ލަފާކޮށް، 39.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސުން އާއްމުކުރި މައުލޫމާތުން ވަނީ ހާމަވެފަ އެވެ. ނަމަވެސް، ބަޖެޓާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
ދައުލަތުގެ މާލީ ގާނޫނުގައިވާ ގޮތުން، ކޮންމެ އަހަރެއް ފެށުމުގެ އެންމެ ލަސްވެގެން ދެ މަސް ދުވަސް ކުރިން، ފިނޭންސް މިނިސްޓްރީން އެ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ތައްޔާރުކޮށް މަޖިލީހަށް ފޮނުވަން ޖެހޭނެ އެވެ.
އަންނަ އަހަރަށް 39 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާއިރު، މި އަހަރަށް ލަފާކޮށް ހަރަދު ކުރަމުން ދަނީ 30 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އޭގެ އިތުރަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވެސް މި އަހަރު ވަނީ ފާސްކޮށްފަ އެވެ.