ހަބަރު

ގާޒީ ހައިލަމްގެ މައްސަލަ ބަލަން ޖޭއެސްސީއިން ނިންމައިފި

Nov 4, 2019
5

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ކުއްލި ބައްދަލުވުމެއް ބޭއްވީ ގާޒީ ހައިލަމް އިއްޔެ ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުއްވި މެސެޖެއް ލީކްވެފައިވުމާއެކު އެވެ. އެ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަން ފެންނަ ކުރެހުމެކެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލައިގަނެ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށެވެ.

ހައިލަމް މި ކުރެހުން ފޮނުވާފައިވަނީ ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބުގެ ވައިބާ ގުރޫޕަށެވެ.

ނަސްރުގެ ދުވަހާ ގުޅިގެން ހައިލަމް ފޮނުވި ތަހުނިޔާގެ ކުރެހުމުގައި ފެންނަނީ ރައީސް ސޯލިހްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ނޮވެމްބަރު ތިނެއްގެ ބަގާވާތުގައި އަމަލީ ގޮތުން ބައިވެރިވި އަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރު، އަދި މި ބަގާވާތުގައި ބައިވެރިވި އެހެންމީހުންގެ އަތުގައި ބިޑި އަޅައި ކަރުގައި ޗޭނު ޖަހާފައި ދަމާފައި ގެންދާ ތަނެވެ. މި ބޭފުޅުން ކަރުގައި ޖަހާފައިވާ ޗޭނު ދަމާފައި ގެންދަނީ ނޮވެމްބަރު ތިނެއްގެ ބަތޮލް ޝަހީދު ހުސައިން އާދަމެވެ.

މި ކުރެހުމުގެ މަތީގައި ލިޔެފައިވަނީ " އެ އިއްޒަތާއި ގަދަރު، ފޭރިގެންފިޔޭ މިއަދު" މިހެންނެވެ. ގާޒީ ހައިލަމްގެ މި މެސެޖް ލީކްވެފައިވާއިރު މިހާތަނަށް އޭނާ އެއްވެސް އެއްޗެއް ވިދާޅުވެފަ އެއް ނުވެ އެވެ.

މިފަދަ ގޮތަކަށް ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހްނިޔާ ކިޔާފައިވާއިރު މާދަމާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާ ކުރައްވާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހުކުމް އިއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ. މި މައްސަލަ ބައްލަވާ ގާޒީ އަކީވެސް ހައިލް އެވެ.

ހައިލަމް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކޮށްފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަަކަށް ހައިލަމް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދުތެރޭގަ އެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ގިނަ އަދަދެއްގެ ސިޔާސީ އިސް ފަރާތްތަށް ޖަލަށް ލާފައިވާއިރު އޭގެތެރެއިން ގިނަ މައްސަލަތަކެއް ގާޒީ ހައިލަމް ބެއްލެވި އެވެ. އެހެން ކަމުން އޭރުގެ އިދިކޮޅު އަދި މިހާރު ސަރުކާރު ހިންގާ ފަރާތްތަކުން ބުނަމުންދަނީ ހައިލަމް ހުކުމް ކުރައްވަމުން ގެންދިޔައީ ރައީސް ޔާމިން ބޭނުން ގޮތަކަށް އެމަނިކުފާނު ބުނުއްވި ގޮތަކަށް ކަމަށެވެ.