ޑރ. މުހައްމަދު މުއިއްޒު

ނޫމަޑިއަށް ބަދަލު ދިނުމަކީ ދުރާލާ ރާވައިގެން ކުރި ކަމެއް: މުއިއްޒު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވެފައިވާ ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތުގެ ފަރާތުން އެ ކުންފުންޏަކަށް ބަދަލު ދިނުމަކީ، މާ ކުރިން ފެށުނީއްރުސުރެން އެ އަމާޒަށް ދިއުމަށްޓަކައި ރޭވިގެން މަސައްކަތް ކޮށްގެން ކޮށްފައިވާ ކަމެއް ކަމަށް، އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ދައުލަތަށް ގެއްލުން ލިބޭނެ އެއްވެސް ބަޔާނެއް އެއްވެސް ޝަރީއަތަކަށް އޭނާ ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ނޫމަޑިއަށް ބަދަލު ދޭން ޖެހި ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނީ އޭނާ ދިން ބަޔާނުގެ ސަބަބުންނެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި އަދި މިހާރުގެ ސަރުކާރުގައި ވެސް ހައުސިން މިނިސްޓްރީގައި އުޅުއްވި ބޭފުޅަކު ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަދި ނޫމަޑިއަށް ފައިދާވާނެ ގޮތަށް ބަޔާން ދީފައެވެ. ނޫމަޑިއަށް ބޮޑު ބަދަލެއް ދިނުމަކީ އެ ބޭފުޅަކު ގަސްދުގައި އެ އަމާޒަށް ގެންދަންވެގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"އޭރު ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް މަސައްކަތް ކުރި ބޭފުޅަކު ވަނީ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ނުދީ ހުރި ބަޔާންތަކެއް ފަހުން ދެއްވާފައި، މިއީ އައުޓް އޮފް ކޯޓުން ނޫމަޑިއަށް ބަދަލު ދިނުމުގެ އަމާޒުގައި މަސައްކަތް ކުރި ކަމުގެ އެއް ދަލީލު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ނޫމަޑި އެއްބަސްވުމުގައިވާ ގޮތުން އެ އެއްބަސްވުން އޭރު އުވާލުމުން ބަދަލުގެ ގޮތުގައި ދޭން ޖެހެނީ ހަމައެކަނި އެ އެއްބަސްވުމުގެ ދަށުން ރިސޯޓެއް ތަރައްގީ ކުރަން އެ ކުންފުންޏަށް ދޫކުރި ޅ. ދިއްފުށިމާދޫގައި ކުރި މަސައްކަތުގެ އަގު އެކަންޏެވެ. އަދި އެއްބަސްވުން އުވާލަނީ ސަރުކާރުގެ ބޭނުމަކަށް އެ ރަށް ނެގުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ނޫމަޑިއަށް މަންފާވާ ގޮތަށް ބަޔާން ދެއްވި ބޭފުޅާގެ ބަޔާނުގައި އޮތީ އެ ގޮތަކަށް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެ ބަޔާނުގައި އޮތީ އެއްބަސްވުމާ ހިލާފަށް ނޫމަޑި އަތުން އެ ރަށް ނަގަނީ އޭނާ އިސްވެ ހުންނަވައިގެން އެހެން ބޭރުގެ އިންވެސްޓަރަކަށް އެ ރަށް ދިނުމަށް ކަމަށެވެ. އެއީ ދޮގެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަށް ވަން ހިސާބު މިއީ، ކުރީގެ ސަރުކާރު އިންވޯލްވްވާ ކަމަކަށްވާތީވެ އަޅުގަނޑު މިއަށް ވަންނާކަށް ނޫން ހުރީ ވެސް، ނަމަވެސް އަޅުގަނޑުގެ ބޮލުގައި އެޅުވީ މި ތުހުމަތު، މިއީ ކަނޑައެޅިގެން ބޮޑު ކަމަކަށްވާތީވެ އަޅުގަނޑު ދެން ހިސާބުން ނިންމީ އަޅުގަނޑުގެ ފަރާތުން ތެދު ބަޔާން ކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި އާބިޓްރޭޝަންގެ ބޭރުން ސެޓަލްމަންޓް އެއްބަސްވުމެއް ހަދައި ނޫމަޑިއަށް ބަދަލު ނުދީ، އާބިޓްރޭޝަން ކުރިއަށް ގެންދިޔަނަމަ، ސަރުކާރަށް ގާތްގަނޑަށް 200 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހިދާނެ އެވެ. އެ ގޮތުން ދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ ބަދަލު ގޮތުގައި 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ ހަރަދުތައް ހޯދުމަށެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ އާބިޓްރޭޝަން މައްސަލަ ސަރުކާރަށް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެ ގޮތުން އާބިޓްރޭޝަނާއެކު ކުރިއަށް ދިޔަނަމަ ސަރުކާރަށް ދޭން ޖެހޭނީ 55 މިލިއަން ޑޮލަރަށް ވުރެ މާ ކުޑަ އަަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އާބިޓްރޭޝަނަށް ބޮޑު އަދަދެއް ހުށަހެޅީ ވެސް އޭގެ ބޭރުން ބަދަލު ހޯދަންވެގެން ކުރި ކަމެއް ކަމަށެވެ.

އެ ގޮތުން މުއިއްޒު ވަނީ އާބިޓްރޭޝަން މައްސަލަ ކުރިއަށް ނުގެންގޮސް އޭގެ ބޭރުން ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ލިބޭ ގޮތަށް ނޫމަޑިން ސަރުކާރާއެކު ސެޓަލްމަންޓް އެއްބަސްވުމެއްގައި ސޮއިކުރި ސަބަބާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ.

"ސަރުކާރު ކޮޅުން އެބަ ބުނޭ މި އާބިޓްރޭޝަން މައްސަލަ ނިމުނީމަ ނޫމަޑިއަށް ދޭން ޖެހޭނީ 155 މިލިއަން ނޫނީ 200 މިލިއަން ޑޮލަރޭ، ދެން ކީއްވެގެންތޯ ނޫމަޑިން އެ ގޮތަށް ޕުޝް ނުކުރީ، އޭގެ ތިންބައިކުޅަ އެއްބައި ލިބޭ ގޮތަށް ހަމަ އެއްބަސްވޭތޯ، އެ ކަމަށް ވިސްނިޔަސް އެބަ އެނގޭ އެއީ ތާކުން ތާކު ޖެހޭ ވާހަކައެއް ނޫން ކަން،" މުއިއްޒު ވިދާޅުވި އެވެ.

ކޮމިޓީގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެ ގޮތުން އާބިޓްރޭޝަނަށް ބަޔާން ދިނީ ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅުމުންތޯ މެންބަރުން ސުވާލު ކުރުމުން އޭނާ ޖަވާބު ދެއްވީ ބަޔާން ދިނީ އޭނާއާ ދޮގު ތުހުމަތުތަކެއްކޮށް ބޭފުޅަކު ބަޔާން ދިނުމުން ކަމަށެވެ.

މެންބަރުން ތަކުރާރުކޮށް އެ ސުވާލު ކުރެއްވުމުން ވެސް އާބިޓްރޭޝަނަށް ބަޔާން ދިނީ ކޮން ފަރާތެއްގެ ހެކިވެރިއްގެ ގޮތުގައި ކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ. އޭގައި އޭނާ އިތުރުފުޅެއް ހެއްދެވިތޯ ކޮމިޓީން ބެލުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި އެވެ. އެކަމަކު ކޮމިޓީގެ ކޯރަމް ހަމަނުވީމަ އެއަށް ވޯޓަކަށް ނާހަ އެވެ.