ހަބަރު

އެމްއާރްއެމްގެ ވަގުތީ މަގާމުތަކުގެ އިންތިހާބު ބާއްވަނީ

މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ އިންތިގާލީ ރައީސާއި އިންތިގާލީ ކޮމިޓީއަށް މެމްބަރުން އިންތިހާބު ކުރުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްއާރްއެމްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމާއެކު ގައުމީ ޖަލްސާއެއް ބޭއްވެން ދެން ޕާޓީ ހިންގުމަށް އިންތިިގާލީ ރައީސާއި އިންތިގާލީ އެގްޒެކެޓިވް ކޮމެޓީ އާއި އެހެން އިންތިގާލީ މަގާމުތަކަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން އެމްއާރްއެމް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރާނީ ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ މި ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދީފައިވަނީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އަށެވެ.

މައުމޫން އިސްވެ ހުންނަވައިގެން އެމްއާރްއެމް އުފައްދަން ނިންމީ، އެމަނިކުފާނު މީގެ ކުރިން އުފެއްދެވި ސިޔާސީ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ހިޔާލު ތަފާތުވުންތައް އުފެދި، ޝަރުއީ މަރުހަލާގައި ޕީޕީއެމްގެ މިލްކުވެރިކަން ގެއްލުމުންނެވެ.