މީހުން

އަންހެން ނަމަކުން މަޝްހޫރު ފިރިހެން ފޮޓޯގްރާފަރު

ގިނަ މީހުން އޭނާގެ މަސައްކަތްތަކުގެ ވާހަކަ ދައްކައި ތައުރީފު އޮއްސަމުން ދަނީ އެއީ އަންހެން ކުއްޖެއްގެ މަސައްކަތްތަކެއް ކަމަށް ހީކޮށްގެންނެވެ. އޭނާ އަކީ އަންހެން ކުއްޖެއް ކަމަށް ހީކޮށް ބައެއް ފަރާތްތަކުން އޭނާގެ އިންޓަވިއު ހެދުމަށް ވެސް ގުޅާފައި އެބަހުއްޓެވެ.

"މީގެ ދުވަސްކޮޅެއް ކުރިން ވެސް މީހަކު ގުޅި އިންޓަވިއުއަކަށް. ގުޅާފަ ފުރަތަމަ ވެސް އެހީ އަންހެން ކުއްޖެއްހެޔޭ މި ފޮޓޯތައް ނަގަނީ،" ސާލިހާގެ ނަމުގައި ފޭސްބުކްގައި ޕޭޖެއް ހަދައިގެން އާންމުންގެ ބޮޑު މަގްބޫލުކަމެއް ހޯދަމުން އަންނަ ޒުވާން ފޮޓޯގްރާފަރު ޔޫސުފް ހަލީލް ކިޔާލަ ދިނެވެ.

"ދެން އެންމެފަހުން ވާހަކަ ދައްކާލާފަ އަންހެން ކުއްޖެއް ނޫންކަން އެނގުނީމަ ބުނީ އިންޓަވިއުއަކަށް މިހޯދަނީ އަންހެން ކުއްޖެކޭ."

"މި ނަމުގައި އަޅުގަނޑުގެ ފޮޓޯތަށް ފޭސްބުކްގައި ޝާއިއުކުރަމުން ދާތީ ވަރަށް ގިނަ މީހުންނަށް ހީވަނީ އަޅުގަނޑަކީ އަންހެން ކުއްޖެއްހެން."

ލ. ގާދޫ އަށް އުފަން މި ޒުވާނާ ބުނަނީ އޭނާގެ އަމިއްލަ ނަމުގައި މަޝްހޫރުވާން ނުވަތަ ފޮޓޯތަކުގެ ކްރެޑިޓް އަމިއްލަ ނަމަށް ދޭން ކޮންމެހެން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް "ސާލިހާ" އާއި އޭނާއާ ދެމެދު އޮތީ ވެސް ހަމަ ހިތާއި ހިތުގެ ގުޅުމެކެވެ.

ނަމަވެސް ޔޫސުފްގެ ފޮޓޯތަކާ އެކު ފޭސްބުކްގައި ދިވެހިންނަށް މަޝްހޫރުވެގެން އުޅޭ "ސާލިހާ" އަކީ އެއްވެސް ގޮތަކަށް އަންހެން ކުއްޖަކާ ގުޅިގެން އައިސްފައި އޮތް ނަމެއް ނޫނެވެ. ސާލިހާ އަކީ ޔޫސުފްގެ މުނި ކާފަ އެމީހުންގެ ރަށަށް އަދި އަތޮޅަށް މަޝްހޫރުވެފައިވާ ވަނަމެވެ.

"ކާފަގެ ބައްޕަ އަށް، އަޅުގަނޑުގެ މުނިކާފަގެ ނަމަކީ ސާލިހް. އެކަމަކު ގިނަ ބަޔަކު ދަންނާނީ މަޝްހޫރުވެފައިވާ ވަނަން ސާލިހާގެ ނަމުން،" ސާލިހާގެ އަސްލު ކިޔައިދެމުން ޔޫސުފް ބުންޏެވެ.

"ސާލިހާ އަކީ އެންމެ ކުޑައިރު ވެސް ގޭތެރެއިން އިވޭ ނަމެއް. ދެން ބޭނުމެއް ނުވީ ކޮންމެހެން އަމިއްލަ ނަން ޖަހައިގެން ފޮޓޯތައް ޕްރޮމޯޓްކުރަން. ކޮންމެ މީހަކު މިފެންނަނީ އެމީހެއްގެ ނަމަކާ ގުޅުވައިގެން ކޮންމެވެސް ގްރެފީއެއް ކިޔައިގެން އުޅޭތަން."

ޔޫސުފް ބުނީ އޭނާގެ މަސައްކަތްތައް އަންހެނެއްގެ ނަމުގައި އަދި ފިރިހެނެއްގެ ނަމުގައި ބަޔަކަށް އެނގުނަސް އެއީ ވެސް މައްސަލައެއް ނޫން ކަމަށެވެ.

"ސަބަބަކީ މިއީ އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ އުފަލަކަށް ކުރާ ކަމެއް،" ޔޫސުފް ބުންޏެވެ.

ޔޫސުފްގެ ހިތްގައިމު މަސައްކަތުގައި އާދަޔާހިލާފު ސިފައެއް ޖެހިފައިވާއިރު އޭނާގެ އެހެން ހުރިހައި ވާހަކައެއް ވެސް އާދަޔާހިލާފެވެ. އައިޓީ ދާއިރާ އިން ތައުލީމު ހާސިލުކޮށް ރަސްމީ ވަޒީފާ އެ ދާއިރާގައި އަދާކުރަމުން ދިޔަ ނަމަވެސް މިއީ ދިރިއުޅުމުގެ މި ކުރު ދަތުރުގައި ވަރަށް ގިނަ މަސައްކަތް އަދި ކަންކަން ތަޖުރިބާކޮށްފައިވާ ހިތްވަރުގަދަ ޒުވާނެކެވެ.

އެއް އިރެއްގައި ފިހާރައެއްގެ ސޭޓަށް ވެސް އުޅުނެވެ. ސޭލްސް އެސިސްޓަންޓަކަށް ވެސް މަސައްކަތްކުރި އެވެ. ފޯނު ރިޕެއާކުރާ ސާވިސް ސެންޓަރެއްގައި ވެސް މަސައްކަތްކުރި އެވެ. ރިސޯޓެއްގެ ފްރޮންޓް އޮފީހެއްގައި ވެސް ވަޒީފާ އަދާކުރި އެވެ. އޭނާގެ މި ލިސްޓެއް ކޮންމެއަކަސް ވަރަށް ދިގެވެ.

ޔޫސުފަކީ ކެންސަރު ޖެހި އޭގެ މުސީބާތުން ވެސް ސަލާމަތްވެފައިވާ ފަރާތެކެވެ. ލޭގެ ކެންސަރެވެ.

"އެއް ރޭ ވީގޮތަކީ ނިކަން ގަދަ އަށް ކުއްލިއަކަށް ބޮލުގައި ކަނދުރާގައި ރިއްސައިގަތީ. އެއަށް ފަހު ދެން ވީގޮތެއް ނޭނގުނު. ހޮސްޕިޓަލަށް ގެންދިޔަކަން އެނގޭ،" ކުރީގައި ނިކަން ގަދަ އަށް ސިނގިރޭޓް ބޮއެ އުޅުނު ޒުވާނާ ކިޔައިދިނެވެ.

"ކުރީގަ ވަރަށް ގަދަ އަށް ސިނގިރޭޓް ބޮން. ދުވާލަކަށް ފޮއްޓެއް ހުސްވާނެ. ކޮފީއަކަށް އަރިފިއްޔާ ހުސްވެދާނެ ދެ ފޮށި ވެސް."

"ބަލިކަން އެނގުނީމަ އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު އެ ވާހަކަ. ދެން ހިތަށް އެރީ މަންމަ އާއި ބައްޕަ ދުނިޔޭގައި ތިއްބައި އަޅުގަނޑަށް މިކަހަލަ ގޮތެއްވެގެން ކަމެއް ވެއްޖެއްޔާ އެ ދެ މީހުން ވަރަށް ދެރަވާނެއޭ. އަމިއްލަ މީހާގެ ހާލާމެދު ދެރަވުމުގެ ބަދަލުގައި ދެރަވެވުނީ އެހެން މީހުންނަށް ކުރާނެ އަސަރަކާ މެދު."

އިންޑިއާ އަށް ގޮސްގެން ކެންސަރަށް ފަރުވާ ހޯދައިގެން ގާތްގަނޑަކަށް އެއްކޮށް އެ ބަލިން މިހާރު ރަނގަޅުވެފައިވާ ޔޫސުފަކީ މިހާރު ސިނގިރެޓާ ދެކޮޅު ޒުވާނެކެވެ.

"މިހާރު އެއްގޮތަކަށް ވެސް ސިނގިރޭޓެއް ނުބޮން. އަދިވެސް ދެ އަހަރު ވަންދެން ބޭސްނަގަންޖެހޭ. ޓެސްޓްތައް ވެސް ހަދަން ޖެހޭ،" ޔޫސުފް ބުންޏެވެ.

ކޮންމެއަކަސް ކެންސަރާ އެކު އިންޑިއާ އަށް ކުރި ދަތުރަކީ ޔޫސުފްގެ ހުވަފެނެއް ހަގީގަތަށް ހެދުމަށް ލިބުނު ފުރުސަތެކެވެ. އެންމެ ކުޑައިރުއްސުރެން ފެށިގެން ފޮޓޯގްރެފީ އަށް ބޮޑު ޝައުގުވެރިކަމެއް ހުރި މި ޒުވާނާ އޭނާގެ ފުރަތަމަ ކެމެރާ ގަތީ ކެންސަރަށް ފަރުވާ ހޯދަން އިންޑިއާ އަށް ކުރި އެ ދަތުރުގަ އެވެ.

އަދިވެސް ފޮޓޯ ނަގަނީ އެ ކެމެރާއިންނެވެ.

"ބޭނުންވީ ނިކޮން ކެމެރާއެއް ގަންނަން. އެކަމަކު އެ ދުވަހު ނިކޮން ފިހާރަ ބަންދުކޮށްފައި ހުރީމަ ދެން ގޮސް ގަނެލީ ކެނޮންއެއް. ފޮޓޯނަގަން ކެމެރާއެއް ބޭނުންވެފައި ހުރި ވަރު ބޮޑުކަމުން ހަމަ ނުހުރެވުނީ،" އެންމެ ފުރަތަމަ ފޯނުން ފޮޓޯ ނަގަން ފެށި ޔޫސުފް ކިޔައިދިނެވެ.

"ކެމެރާއެއްވެއްޖެއްޔާ އޯކޭ ކޮންމެ އެއްޗަކަސް އަޅުގަނޑަށް."

ޔޫސުފްގެ ފޮޓޯ އަލްބަމަށް ޖެހިލާއިރު އޭނާގެ މަސައްކަތްތައް ބޮޑަށް މަޝްހޫރުވަމުން ދަނީ ތަފާތު ނުވަތަ ކްރިއޭޓިވް މަސައްކަތްތަކެއްގެ ގޮތުގަ އެވެ. އެގޮތުން ދިވެހި ފުލޯކް ވާހަކަތަކަށް ކޮންސެޕްޓްތައް އޭނާ ނަގާފައިވާ ފޮޓޯތަކާއި ތައްޔާރުކޮށްފައިވާ މަސައްކަތްތަކަށް ލިބެމުންދާ ތަހުރީބު ފާހަގަކޮށްލެވެ އެވެ.

ނަމަވެސް ޔޫސުފް ބުނީ ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތްކުރުމަށް ނުވަތަ ފޮޓޯނަގަން އޭނާގެ ހުރިހާ ވަގުތެއް ހުސްކުރުމުގެ ހިޔާލެއް ނެތްއިރު އެކަން އަދި ކުރެވެން ވެސް ނެތް ކަމަށެވެ.

"ވަރަށް އުނދަގުލުން ހުރިހާ ކަމެއް ވެސް މިކުރަނީ. ވަރަށް ލިމިޓެޑްކޮށް. އެންމެ ކެމެރާއެއް މި ގެންގުޅެނީ ވެސް. އެއާ އެކު ލިބުނު ލެންސް މި އޮތީ. މޮޑެލްއަކަށް މި ބޭނުންކުރަނީ ތިމާގެ ކުއްޖެއް،" މީގެ ފަސް ވަރަކަށް އަހަރު ކުރިން ފެށިގެން ފޮޓޯނަގަމުން އަންނަ ޔޫސުފް ބުންޏެވެ.

"ފުލްޓައިމްކޮށް މި މަސައްކަތަށް ނުކުމެވޭ ވަރެއް ނުވޭ އަދި. އެއީ ފޮޓޯނަގަން ބޭނުންވާ ފުލްކިޓެއް އަދި ނެތް އަޅުގަނޑުގެ އަތުގައި."

އެހެން ނަމަވެސް މި މަސައްކަތުގެ ތެރެއިން އޭނާ އަށް ލިބޭ ފުރުސަތުތައް މަދެއް ނޫނެވެ.

"ލިބޭ އެކި މަސައްކަތްތައް ފުދޭވަރަކަށް. ބައެއް މީހުން ގުޅާ ރަށްރަށަށް ގެންގޮސް ފޮޓޯނަގުވަން ވެސް."

މި އާޓިކަލްގައި ޔޫސުފް ފެންނަ ފޮޓޯއެއް ބޭނުންކޮށްފައި ނެތީ އެގޮތަކީ އޭނާ އެންމެ ބޭނުންވާ ގޮތް ކަމަށްވާތީ އެވެ. އޭނާ ބޭނުންވަނީ އޭނާގެ ފޮޓޯތައް "ސާލިހާ" ގެ ގޮތުގައި މަޝްހޫރުވުމަށެވެ.