ދުނިޔެ

ތައިލެންޑުގައި ބަޑީގެ ހަމަލާތަކެއްދީ 15 މީހަކު މަރާލައިފި

ތައިލެންޑުގައި ސެކިއުރެޓީ ޗެކް ޕޮއިންޓަކަށް ބަޑީގެ ހަމަލާތަކެއް ދީ 15 ފުލުހަކު މަރާލައިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. އެ އެންމެނަކީ ވެސް ވޮލަންޓީއާ ފުލުހުންނެވެ.

ހަމަލާގެ މައުލޫމާތު ދެމުން ތައިލެންޑުންގެ ފޮލިސް ކާނަލް ތައުޒީކް ތޮންގްސޮންގްސީ ވިދާޅުވީ، ސެކިއުރެޓީ ޗެކްޕޮއިންޓަށް ހަމަލާ ދީފައި ވަނީ ބަރު ހަތިޔާރު ބޭނުން ކޮށްގެން ކަމަށެވެ. ހަމަލާ ދިން ބަޔަކު އަދި ދެނެގަނެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ހަމަލާގައި އިތުތު ފަސް ފުލުހަކު ޒަހަމްވެފައި ވެސް ވެއެވެ.

ހަމަލާގައި ހަތަރު މީހަކު މަރުވެފައި ވަނީ ހަމަލާދިން ވަގުތު އެވެ. އަނެއް 11 މީހުން މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށެވެ. ތައިލެންޑުގައި ފުލުހުންނަށާއި ޓީޗަރުންނަށް އަމާޒު ކޮށްގެން ބަޑީގެ ހަމަލާތަކާއި އަދި ވަޅީގެ ހަމަލާތައް ދިނުމަކީ އާންމު ކަމެކެވެ. ސެކިއުރެޓީ ޗެކް ޕޮއިންޓަށް ބަޑީގެ ހަމަލާދިން ވަގުތު އެހެން ދެ ސެކިއުރެޓީ ޗެކް ޕޮއިންޓަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާ ތަކުގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

މީގެ އިތުރުން ހަމަލާދިން ވަގުތު ގޮވާ ޒާތުގެ އެއްޗެއް ސަރަހައްދަކުން ފެނިފަ އެވެ. އަދި އެ ސަރަހައްދަށް ވަންނަ ފުލުހުންގެ ވެހިކަލްތަކަށް ހުރަސް އަޅަން ދޮރުމައްޗަށް މޮހޮރު އަޅާފައި ވެއެވެ.

މިއަދު ދިން ހަމަލާގައި ފުލުހުންގެ ތިން ވެހިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ވެހިކަލްގައި ހުރި ފުލުހުންގެ ހަތިޔާރުތަށް ހަމަލާދިން މީހުން ވަނީ ފޭރިގަނެފަ އެވެ.

ދެހާސް ތިން ވަނަ އަހަރު ތައިލެންޑުގެ ސިފައިން ހައްޔަރުކުރި އަބްދުއްﷲ އިސޯމުސޫރް ނަމަކަށް ކިޔާ މީހަކަށް ލާއިންސާނީ އަދަބު ދީފައިވާ ކަމަށް ބުނެ ތައިލެންޑުގައި ހަރަކާތްތެރިވާ ޖަމާއަތުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބަދަލު ހިފާނެ ކަމަށް ބުނެފަ އެވެ. އެ ޖަމާއަތުން ދަނީ ފުލުހުންނަށާއި ސިފައިންނަށް އަމާޒުކޮށްގެން 2004 ވަނަ އަހަރުން ފެށިގެން ހަމަލާ ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 7،000 މީހުން ވަނީ މަރުވެފަ އެވެ.