ދުނިޔެ

ލަންކާގެ އާންމު އިންތިހާބުގައި ވޯޓްލުން ކުރިއަށް: ރާޖަޕަކްސަ ބޮޑު އުއްމީދެއްގައި

Aug 17, 2015

ލަންކާގައި މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ރިއާސީ އިންތިހާބުގައި، މިހާރުގެ ރައީސް މައިތިރިޕަލާ ސިރިސޭނާ، ރާޖަޕަކްސަގެ ވެރިކަން ނިމުމަކަށް ގެންނެވީ ވަރުގަދަ އިއްތިހާދެއް އުފައްދަވައިގެންނެވެ. ނަމަވެސް އާންމު އިންތިހާބު ކުރިއަށްދާއިރު ސިރިސޭނާގެ މަގްބޫލުކަން ކޯލިޝަން ސަރުކާރުގައި ދަށްވެ ރާޖަޕަކްސަގެ ބާރު މި ކޯލިޝަނުގައި ގަދަކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ރާޖަޕަކްސަ އަށް ސަރުކާރުގެ ކޯލިޝަނުން ތާއީދުކުރާއިރު އެ ބޭފުޅާ އަށް މި ވޯޓުން މަޖިލީހުގެ ގޮނޑިއެއް ކަށަވަރުވެއްޖެ ނަމަ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ސިރިސޭނާ ވަނީ ރާޖަޕަކްސަ ބޮޑުވަޒީރަކަށް ހަދަން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކުރައްވާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ނިމިގެން ދިޔަ ރިއާސީ އިންތިހާބުގައި ރާޖަޕަކްސަ ނާކާމިޔާބުވެ ވަޑައިގެންނެވިޔަސް އެ ބޭފުޅާގެ މަގްބޫލުކަން އަދިވެސް ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް ރާޖަޕަކްސަގެ ވެރިކަމުގައި 2009 ވަނަ އަހަރު ތަމަޅަ ޓައިގަރުންގެ ބިރުވެރިކަމުން ލަންކާ ސަލާމަތްކޮށް ދިނުމަކީ ރާޖަޕަކްސަ ގައުމީ ބަތަލަކަށް ވެވަޑައިގެންފައިވާ މުހިންމު ސަބަބެކެވެ.

އިންތިހާބާ ދިމާކޮށް ލަންކާގައި ހަމަނުޖެހުންތައް ހިނގައި ހަތަރު މީހަކު މަރުވެފައިވީ ނަމަވެސް އޮފިޝަލުން ވިދާޅުވެފައި ވަނީ މާ ބޮޑު ހަމަނުޖެހުންތަކެއް ނެތް ކަމަށެވެ. މާދަމާގެ ވަގުތެއްގައި ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ފަސް މިލިއަން މީހުންނަށް ލިބިފައިވެ އެވެ.