މުހައްމަދު ނާޒިމް

އާރިފުގެ ތުހުމަތަށް ރައްދު ދެއްވީ ނާޒިމްގެ އަނބިކަނބަލުން

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވާ އެ ޕާޓީއާ ދުރަށް ވަޑައިގެންނެވީ ރިޔާސީ ޓިކެޓް ނުލިބިދާނެހެން ހީފުޅުވުމުން ކަމަށް ވިދާޅުވެ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު ދެއްކެވި ވާހަކަފުޅުތަކަށް ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދު ރައްދު ދެއްވައިފި އެވެ.

ދަނގެތީ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނާޒިމްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މިވަގުތު މަސައްކަތް ހުރި ގޮތުން ޖޭޕީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ހުށައަޅުއްވާ ކަމަށެވެ. އަދި އެ އިސްތިއުފާ ގަބޫލު ކުރެއްވުން އެދި ވަޑައިގަންނަވާ ކަމަށެވެ.

އެކަމާއި ގުޅިގެން އާރިފް ވިދާޅުވެފައި ވަނީ އެއީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓު ނުލިބިދާހެން ހީފުޅުވުމުން ކަމަށް ބެލެވޭ ކަމަށެވެ. އަދި ނާޒިމް އިސްތިއުފާ ދެއްވީ އޭނާއާ ހަވާލު ކުރައްވާފައިވާ ޒިންމާތައް އެއްވެސް މިންވަރަކަށް އަދާ ކުރައްވަމުން ނުގެންދަވާތީ އިސްތިއުފާ ދެއްވުމަށް އަންގައިގެން ކަމަށްވެސް އާރިފު ވިދާޅުވެފައި ވެއެވެ.

ނާޒިމްގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން އަނބިކަނބަލުން އަފާފް ވިދާޅުވީ ގާސިމާއި ނާޒިމަށް ރައީސް ޔާމީންގެ ސަރުކާރުން އަނިޔާވެރިވަމުން ދިޔައިރު ކުރީ ސަފުގައި އަތް ޖަހަން ތިބި މީހުންގެ ތެރެއިން މީހަކު މިއަދު ޖޭޕީއަށް ވަދެ ހުރެ، ގާސިމަށް އިޚްލާސްތެރި ނުވާނެ ކަމަށެވެ.

"ލީޑަރުން ވެސް އެބަޖެހޭ އިޚްލާސްތެރިން ދެނެގަންނަން. ނާޒިމަކީ ކުރިންވެސް އިޚްލާސްތެރިއެއް، މިއަދު ވެސް އިޚްލާސްތެރިއެއް." އަފާފް ވިދާޅުވިއެވެ.

އާރިފު ވިދާޅުވެފައި ވަނީ ނާޒިމް ޖަލަށް ލެއްވުމުން އޭނާ ސަލާމަތް ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ގާސިމް ކަމަށެވެ. އަދި ޖޭޕީގެ ހިއްސާއާއެކު ރައީސް ސޯލިހް ވެރި ކަމަށް ވަޑައިނުގެންނެވިނަމަ ނާޒިމް އަދިވެސް ހުންނެވީ ޖަލުގައި ކަމަށެވެ.

ދާދިފަހުން ޖޭޕީ އާއި ގުޅުނު އާރިފަކީ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި މަޖިލީސް މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ނާޒިމާ، ގާސިމް ޖަލަށް ލެއްވުމުން ރައީސް ޔާމީނަށް އަމާޒުވި ފާޑުކިޔުންތައް ދިފާއު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.