މިތަނަށް ކިޔަވަން އަންނީ ވަރަށް ހާއްސަ ކުދިންނެވެ. އެއިން ކޮންމެ ކުއްޖެއް ރެޖިސްޓަރީ ކޮށްގެން ސްކޫލަށް ވަންނަ ދުވަހާ ހަމައިން މިތާނގެ ޓީޗަރުން ކޮންމެ ކުއްޖަކަށް ވަކި ލަނޑުދަނޑިތަކެއް ކަނޑަ އަޅައެވެ. އޭގެ ތެރެއިން ބައެއް ކަންކަން އަހަރު ނިމޭ އިރު ވެސް އެ ކުދީންނަށް ފުރިހަމައެއް ނުކުރެވެ އެވެ. އަދި ބައެއް ކުދިންނަށް ފަސޭހައިން އެ އަމާޒަށް ވާސިލުވެ ޓީޗަރުން ސިއްސުވާލާހާ ތަފާތު ވެސް ދައްކަ އެވެ. މިތަނަކީ ކެއާ ސޮސައިޓީ އެވެ. މިތަނަށް 21 އަހަރުވި އިރު އެތައް ސަތޭކަ ދިންނެއްގެ އަތުގައި ހިފައިގެން ކިޔަވައިދިނުމުގައި ދެވަނަ ޓީޗަރު ރޯލު އަދާކޮށްފައި ވެއެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން އުފެއްދި ކެއާ ސޮސައިޓީއަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާ އެންމެ ގާތުން މަސައްކަތް ކުރާ އެންމެ ދުވަސްވީ އެއް ޖަމިއްޔާ ކަމަށް ބުނެވެން އެބައޮތެވެ. މުޖުތަމައުގައި އެކަހެރިކޮށް ބާކީ ކޮށްލާފައި ތިބި ކުދިންތަކަކަށް އެ ކުދިންނަށް ލިބެންޖެހޭ ހައްގު ހޯދައިދިނުމަށް ހަ މީހުން އެކުގައި އިސް ނަގައިގެން ފެށި މަސައްކަތްވީ އެތައް ބަޔެއްގެ ލޮލުގައި އަަޅަގައިން މަސައްކަތަކަށެވެ. ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފަައިންނަށް ހެޔޮހިތުން ދިއްކޮށްލަދިން އެހީގެ އަތަކަށް ކެއާ ސޮސައިޓީވި އެވެ.
އިއްޔެއާ ހަމައަށް ކެއާ ސޮސައިޓީ ދަތުރު ކުރީ ގަދަ ކަނޑެއްގަ އެވެ. އެކަމަކު ކިތަންމެ ބޮޑު ރާޅެއް ނެގިޔަސް ކުދިންގެ ހައްގުގައި ތެދުވެ އެ ކުދިންނާއެކު އަމާން ދަތުރެއް ކުރެވޭތޯ މަސައްކަތް ކުރީ އެވެ. އަދިވެސް އެއީ މަދު ބައެއްގެ ޓީމެކެވެ، ނަމަވެސް ދަތުރުގެ ކާމިޔާބީ މިހާރު ފެންނަން ފަަށައިފި އެވެ.
ކެއާ ސޮސައިޓީގެ މި މަސައްކަތް ފެށި ދުވަސްވަރު އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުރީގެ ބޯޑުގެ ޗެއާ ޕާސަން އަަބްދުލް ހަަމީދު އަލީ މި ވާހަކަތައް ކިޔައި ދެއްވަނީ ފަސޭހަކަމާއެކުގައެއް ނޫނެވެ.
އޭނާ ވިދާޅުވި ގޮތުގައި ކެއާ ސޮސައިޓީގެ 21 އަހަރަކީ ކޮންމެ ދުވަހަކު އެތައް ހާދިސާއަކާ ކުރިމަތިލާން ޖެހުނު އަހަރެކެވެ. އެންމެ ފުރަަތަމަ ފަށައިގަތް ދުވަހުން 2014 ވަނަ އަހަރާ ހަމައިން ކެއާ ބަންދު ކުރަން ވިސްނި ދުވަހާ ހަމައަށެވެ. އެހިސާބުން ހިތްވަރު އެލުނު ކަމުގައިވިޔަސް އަލުން ވެސް ހަމަ ހައްގު ހޯދަން ތެދުވީ އެވެ.
"ފައިސާއެއް އެއްގޮތަކަށް ވެސް ނުލިބުނު އެދުވަސްވަރު. ހަމަ މިއަދު ބަންދު ކުރާ ގޮތަށް އޭރު އޮތީ. އޭރު އުންމީދު ނުކުރަން މާދަން ވެސް ރަަނގަޅު ވާނެ ކަމަކަށް. އަހަރީ ރިޕޯޓު އިއްވާއިރު ސޮސައިޓގެ ބަޖެޓުގައި ނޯވޭ 50،000 ރ. ވެސް. އެކަމަކު މިހާރު ... ވަަރަަށް ހިތަށް ހިތްހަމަ ޖެހުން ލިބޭ،" ހަމީދު ވިދާޅުވި އެވެ.
ފަރުދީ ޒިންމާ އިސްކޮށް އިންސާނިއްޔަތަށްޓަކައި ކުރި މަސައްކަތް ކާމިޔާބުވެފައިވާތަން ފެންނަ ކަމަށް ހަމީދު ވިދާޅުވެ އެވެ. އުފަލާ އެކު އެވެ. ދުވަހަކު ކެއާ އަށް ނުލިބޭ ވަރަށް މިހާރު ފަންޑު ވެސް ލިބެ އެވެ. ނަމަވެސް މިއީ ވަގުތީ އުފަލެކެވެ. އަދިވެސް ކުދިންނަށް ބޭނުންވާ ވަރަށް ވަސީލަތްތަކާއި ފައިސާގެ އެހީތެރިކަން ލިބުމުގައި ކެއާ ސޮސައިޓީއަށް ދައްޗެވެ.
"ހަގީގަތުގަ މައިގަނޑު މައްސަލަ އަަކީ ފަރުދީ ޒިންމާ. ފަރުދީ ގޮތުގައިވެސް ނުނަގަނީ، ސަރުކާރުތަކުން ވެސް މުޖުތަމައު ވެސް ޒިންމާ ނުނަގަނީ. ޒިންމާ އެެއްގެ ގޮތުގައި އެކަން ނެގިފަ ނޯންނާތީ ގޮންޖެހުންތައް ބޮޑު!" ހަމީދު ވިދާޅުވި އެވެ.
ކެއާގެ ކޮންމެ ކުއްޖަކަށް ވެސް ބޭނުންވަނީ ހާއްސަ ތެރަޕިިސްޓުންނެވެ. އެކި ކުދިންނަށް ބޭނުންވާ ފަަރުވާ ތަފާތުވެ އެވެ. ފަރުވާ ހޯދަންވެސް އުނދަގޫވެ އެވެ. ނަމަވެސް ޅަ އުމުރުގައި ފަރުވާ ދެވެން ފަަށާނަމަ އެކުދިންނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސް ދެވެއެވެ. އެކަން ކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް ހަމަޖެހޭނެ ފަންޑު ނެތުމެވެ.
"21 އަހަރު ވީ އިރުވެސް އެންްމެ ބޮޑު ޗެލެންޖަކީ އަދިވެސް ފަންޑިން. އެއީ ކެއާގެ ޕްރޮގްރާމްތައް ހިންގަން. އެ ކުދިންނަށް މަސައްކަތް ދަަސްކޮށް ދިނުމުގައި އެކަަންކަން ކުރުމުގައި އެހތެރިކަމެއް ފޯރުކޮށް ދެވެނީ އެ. ނިމިގެންދާއިރު އެ ކުދިންނަށް އަމިއްލަ އަށްވެސް އިހުސާސް ކުރެވޭނެ އެއީ މިޖުތަމައުއަށް ބޭނުން ހިފޭނެ ބައެއްކަން،" ކެއާގެ އެގްޒެކެޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވިދާޅުވި އެވެ.
މިކ ކަންކަން މިހެން ހުއްޓަސް ކެއާ ނުހުއްޓި ކުރިއަށް ދިޔައީ ކިޔަވައިދޭ ޓީޗަރުންގެ ހިތްވަރާއެކު އެވެ. ކިޔަވަންދާ ދަަރިވަރުންނަށް އެ ޓީޗަރުންގެ ހިތްތަކުގައި އޮންނަ ލޯބިންނެވެ. ބައެއް ކުދިންނަށް އާއިލީ ތަފާތު ސަބަބުތަކާހުރެ އެ މަހެއްގެ ފީ ނުދެއްކޭ ނަމަ ނަމަވެސް ކިޔަވަން ދިއުުމުގެ ފުރުސަތު ދެ އެވެ.
ކެއާގެ ޓީޗަރުންގެ ހިތް މިހާ ސާފުވިޔަސް މަދުން ނަމަވެސް މުޖުތަމައުތެރޭން މި މަންޒަރު ނުފެންނަ ކަން ނައުޝަން ފާހަގަ ކުރެއްވި އެވެ.
ކެއާގައޮ ކިޔަވަން ހޭދަކުރާ ވަގުތުތަކަކީ އެ ކުދިންގެ ހަޔާތަށް ކިތަންމެހާވެސް މުހިއްމު ވަގުތުތަކެކެވެ. އަޅާލުމާއި ލޯތްބާއެކު ދިރިއުޅުމުގެ އެތައް ކަމެއް ދަސް ކުރެ އެވެ. ކިޔެވުމުގެ އިތުރުން ދީނީ އަޅުކަންތަކާއި ގޭތެރޭގެ ކުދި މަސައްކަތްތައްވެސް މެ އެވެ. މި ކަންކަމުގައި އަމަލީގޮތުން ބައިވެރިނުވެވުނަސް ފަރުދީ ޒިންމާ ވިސްނާ ކުޑަ އެހީއެއް ވެދިނުމުން އެއިން ކޮންމެވެސް ކުއްޖެއްގެ މުސްތަގުބަަލު ބިނާ ކުރުމަށް ފިޔަވަޅެއް އެޅުނީ އެވެ.