އޮޔާދާ ކަނޑުދަތުރުކުރާ އުޅަނދުތަކާއި ފަރަށް އަރާ އުޅަނދުތައް ފުންކުރުމުގެ އަމަލީ މަސައްކަތް ކޮށްދޭނެ ސަރުކާރުގެ އިދާރާއެއް ނެތުމުން ކަންބޮޑުވުން ފާޅުކޮށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ނާޒިމް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ މަސްދޯނިފަހަރާއި، މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރު ދަތުރުކުރާ އުޅަނދުފަހަރު ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ސަރުކާރުގެ އިދާރާއެއް ނެތުމުން މި އުޅަނދުފަހަރުގެ ވެރި ފަރާތުން ވަރަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ އުޅަނދުތައް ފަރަށް އެރުމުން ގެއްލުންވަނީ އުޅަނދަށް އެކަނި ނޫން ކަމަށާއި މި އުޅަނދުން ލިބޭ އާމްދަނީއަށް ބަރޯސާވެފައިވާ އާއިލާތަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އެހެން ކަމުން މި ގަރާރަކީ ރައްޔިތުންނަށް ދިމާވާ މިފަދަ ތަކުލީފުތައް ސަރުކާރުގެ ސަމާލު ކަމަށް ގެނެސް، އަދި އެފަދަ އިދާރާއެއް ދައުލަތުގެ ތެރޭގައި ހުރުމުގެ މުހިންމު ކަން ފާހަގަކުރުމުގެ މަގުސަދުގައި ހުށަހެޅުއްވި ގަރާރެއް ކަމަށްވެސް ވަނީ ވިދާާޅުވެފަ އެވެ.
އުޅަނދުތަކުގެ ވެރިފަރާތްތަށް ތިބޭނީ އެއިން ލިބޭ އެއްޗަކަށް ބަރޯސާވެފައިވާއިރު އުޅަނދުތައް ފަރަށް އެރުމުން އެ ފުންކުރުމަށާއި އަދި ބައެެއް ހާލަތްތަކުގައި ފަރަށް ލިބޭ ގެއްލުމުގެ ބަދަލުގައި ބޮޑެތި އަދަދުން ސަރުކާރަށް ޖޫރިމަނާ ދިނުމަށާއި މިހުރިހާ ކަމެއް ކުރުމަށް އަލުން ޖެހޭނީ ސުމަކުން ފަށަން ކަމަށްވެސް އޭނާ ވަނީ ފާހަގ ކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ރައްޔތު މީހާ އަށް ލިބޭ އާމްދަނީ ހުއްޓުމަކަށް އަންނަ ކަމަށްވެސް ނާޒިމް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ރާއްޖޭގައި ޝާއިއު ކޮށްފައިވާ ނޫސްތަކަށް ބަލާލިކަމުގައިވީނަމަވެސް މިކަހަކަ 10 ވަރަކަށް ހާދިސާ ހިނގައިފައިވާނޭ ކަމަށާއި އަދި މިފަދަ ހާދިސާއެއް ހިނގުމުން އެ އުޅަނދެއް ފުން ނުކުރެވި ނުވަތަ ކޮށްދޭނެ ފަރާތެއް ނެތި އެތައް ދުވަހެއް ވެގެންދާ ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އިންޝުއަރެންސް ކޮށްފައިވީނަމަވެސް ގިނަ ފަހަރު ކޮންމެވެސް ކަމެއް މަތިކޮށްފައި އެ ފައިސާވެސް ލިބުން ވަނީ ނާދިރު ކަމަަކަށްވެފައި ކަމަށްވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އިންޝުއަރެންސް ފައިސާ ހޯދަން ގިނަ ފަހަރަށް ޖެހޭނީ ކޯޓަށް ދާން ކަމަށާއި ކޯޓު މަރުހަލާ އަހަރަކަށްވުރެ ގިނަދުވަސް ދިގުދެމިގެންދާ ކަމަށްވެސް އޭނާ ވަނީ މިގަރާރުގައި ފާހަގަ ކުރައްވާފަ އެވެ.
ނާޒިމް އިތުރަށް ހާމަކޮށްފައިވަނީ މިފަދަ ގޮތަކަށް ފަރަށް އަރާ އުޅަނދުތައް ފުންކުރުމަށް ސަރުކާރުގެ އިދާރާއެއް އޮތުން މުހިންމު ކަމަށާއި އެހެން ކަމުން މިފަދަ އިދާރާއެއް އުފައްދައި ވަކި ހާއްސަ އުސޫލުތަކެއް ހަދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރަށްވެސް ފައިދާ ވާނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.