އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުން ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާންމު ކޮމިޓީން ވަނީ މަޖިލިހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަން 21 ގަޑިއިރު ކަނޑައަޅައިފަ އެވެ. އެހެންކަމުން ކޮމެޓީން ބަޖެޓް ފާސްކުރުމުގެ ކުރިން ކޮންމެ މެންބަރަކަށް 15 މިނެޓް އަދި ކޮމެޓީ ރިޕޯޓަށްފަހު ބަޖެޓަށް ބަހުސްކުރުމަށް ހަތް މިނެޓް ލިބޭނެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކުރަނީ 29.92 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން އަންނަ އަހަރަށް ލަފާ ކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ އަށް 10.2 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ކަނޑައަޅާފައި ވަނީ ފަސް ބިލިއަން ރުފިޔާ އެވެ.
ބަޖެޓްގެ މުހިއްމު ބައިތައް
- ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
- ރިކަރެންޓް ހަރަދު: 22.2 ބިލިއަން ރުފިޔާ
- ޕީއެސްއައިޕީ: 10.2 ބިލިއަން ރުފިޔާ
- ކެޕިޓަލް: 5.1 ބިލިއަން ރުފިޔާ
- އާމްދަނީ: 29.9 ބިލިއަން ރުފިޔާ
- ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ
ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އާ ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
އެ ގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުން ހިމެނެ އެވެ. އެއިން 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ. އިންކަމް ޓެކްސް ތައާރަފު ކޮށްގެން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓުން ދައުލަތަށް އިތުރަށް 290 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.
ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުތަކުން ދައުލަތަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 319 މިލިއަން ރުފިޔާ ހިމެނެ އެވެ.