ހަބަރު

ގްރޭޑް 8 އުފެއްދުމުގެ ހުއްދަ އުވާލުމުން އިހައްދޫ ސްކޫލްގެ ބެލެނިވެރިން މުޒާހަރާ ފަށައިފި

Jan 4, 2015

ލ. ގަމުގައި ހުންނަ އިހައްދޫ، ސްކޫލްގައި ގްރޭޑް އަށެއް އުފެއްދުމުގެ ހުއްދަ ދިނުމުން ސްކޫލް ކުދިންނާއި ބެލެނިވެރިން އެކަމަށް ހަރަދުކޮށް ތައްޔާރުވެފައި ވަނިކޮށް ކުއްލި ގޮތަކަށް އެޑިއުކޭޝަން މިނިސްޓްރީން އެ ހުއްދަ ބާތިލް ކޮށްފި ކަމަށް ސްކޫލުން އެންގުމުން ބެލެނިވެރިން ނުކުމެ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

އެ ސްކޫލްގެ ބެލެނިވެރިންނާއި ބައެއް ޓީޗަރުން މިއަދު ބުނީ މި އަހަރު ގްރޭޑް އަށެއް އުފައްދާ ގޮތަށް ނިންމާ އެކަން އެނގުމުން ގްރޭޑް އަށަކަށް ބަދަލުވި ދަރިވަރުންގެ ބެލެނިވެރިން ޔުނިފޯމް ފަހާއި އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި ނަމަވެސް ކުއްލި ގޮތަކަށް އެ ހުއްދަ އެޑިއުކޭޝަނުން ބާތިލުކޮށްފައިވާ ކަމަށް އިއްޔެ ސްކޫލުން އަންގާފައިވާ ކަމަށެވެ.

"އެހެން ބެލެނިވެރިން ނުކުމެ ސްކޫލް ދޮރު ތެރެ އާއި ގޯތި ތެރޭގައި ތިބެ ދަނީ މުޒާހަރާ ކުރަމުން. ބެލެނެވެރިންގެ ސުވާލްތަކަށް ސްކޫލަކަށް އެދެވޭ ޖަވާބެއް ނުދެވޭ. ހަމައެކަނި ބުނަނީ މިނިސްޓަރު އިންނެވީ ބައްދަލުވުމެއްގައޭ މިނިސްޓަރުގެ ޖަވާބެއް ލިބުނީމާ އަންގާނަމޭ،" ބެލެނިވެރިޔަކު ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނީ އެމީހުންނަށާއި ގްރޭޑް އަށަކަށް ދިޔަ ދަރިވަރުންނަށް ލިބުނީ ފޫނުބެދޭވަރުގެ ގެއްލުމެއް ކަމަށާއި އެކަން ހަމައަކަށް އަޅުވައި ނުދެނީ ނުރުހުން ފާޅުކުރުން ހުއްޓައި ނުލާނެ ކަމަށެވެ. މުޒާހަރާ ފެށީ މިއަދު ހެނދުނު 7:30 ގައެވެ.

އިހައްދޫ ސްކޫލްގައި މިއަހަރު ގްރޭޑް 8 އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލްކޮށްފައިވާ ކަމުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ލިބިފައިވާ ކަމަށް ކަމަށް ބުނެ އެ ސްކޫލުން އިއްޔެ ވަނީ މައުލޫމާތު ދީފައެވެ.  ބައެއް ބެލެނިވެރިން ބުނީ އެ މައުލޫމާތު ފަތުރާފައި ވަނީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސްޕަލް ކަމަށާއި މިއަދު ބެލެނިވެރިން އިހްތިޖާޖަށް ނުކުތުމުން ޑެޕިއުޓީ ޕްރިންސިޕަލް ފިއްލަވާ ފައިވާ ކަމަށެވެ.

"އަށެއް ނުއުފެދޭ ކަމަށް ވަންޏާ ލާހިކެއް ނޫން މި އަހަރު ސްކޫލް ހުޅުވާކަށް، މިތަން ހުންނާނީ ބަންދުކޮށްފައި،" އެއް ބެލެނިވެރިޔަކު ބުންޏެވެ.

އިހައްދޫ ސްކޫލަށް ދިން ހުއްދައާ ގުޅިގެން އެ ސްކޫލްގެ ގްރޭޑް އަށަކަށް ވަނުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހު އެވެ. މިދިޔަ މަހުގެ 11 ގެ ނިޔަލަށް ފޯމް ހުށައެޅުމަށް އިއުލާން ކުރުމުން އެ މުއްދަތުގެ ތެރޭގައި ގިނައަދަދެއްގެ ކުދިން ފޯމް ހުށައެޅި އެވެ. އަދި ގްރޭޑް އަށަކަށް ވަން ކުދިންނަށް ފޮތްލިސްޓުގެ ވައުޗާ ދޫކޮށްފައިވާއިރު ހުރިހާ ކުދިން ވެސް ފޮތްތައް ގަނެ، ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމް ފަހައި ސްކޫލަށް ވަނުމަށް ވާންޖެހޭ  ތައްޔާރީތައް ވަނީ ވެފައެވެ.