ރައީސް ޔާމީންގެ ޝަރީއަތް

ޔާމީންގެ ޝަރީއަތަށް ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށްގެންދަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލަން ނިންމައި ކްރިމިނަލް ކޯޓުން އެ ބެންޗް އެކުލަވާލައިފި އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ. އޭގެ ތެރެއިން ގާޒީ އަލީ ރަޝީދަކީ މިހާރު ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ އެ މައްސަލަ ފުރަތަމަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް
އެކަންޏެވެ. ޓީވީން ލައިވް ކޮށްގެން ދެއްކި އެ ޝަރީއަތުގެ ހުރިހާ އަޑުއެހުމެއް ބާއްވައި، މި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހަށް ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކުރި އެވެ.

އެކަމަކު އެ ދުވަހުގެ ހެނދުނު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑް ކުރި އެވެ. ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން ވަނީ ގާޒީ އަލީ ރަޝީދާ ހަވާލު ކޮށްފަ އެވެ.

ހައިލަމް ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ނަސްރުގެ ދުވަހުގެ ތަހުނިޔާއަށް ހައިލަމް ފޮނުއްވި މެސެޖަކާ ގުޅިގެންނެވެ. އެ މެސެޖްގައިވާ ހިމެނޭ ކުރުހެމުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު އަޅުވައިގެން ގެންދާ މަންޒަރެވެ.

އެންމެ ފުރަތަމަ އެ މައްސަލައިގެ ޝަރީއަތް ފެށިއިރު ވެސް ބެންޗަކުން މައްސަލަ ކުރިއަށް ގެންދިޔުމަށް ރައީސް ޔާމީންގެ ފަރާތުން އެދުނެވެ. ނަމަވެސް ގާޒީ ހައިލަމް ނިންމެވީ އެކަނި މައްސަލަ ބެއްލެވުމަށެވެ. ބެންޗަކުން މައްސަލަ ބެލުމަކީ މަތީ ކޯޓުތަކުގެ ހާއްސަ ކަމެއް ކަމަށް ގާޒީ ހައިލަމް އޭރު ވިދާޅުވި އެވެ.

ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން މައްސަލައެއްގެ ގާޒީއަކު އެ މައްސަލައެއް ބެލުމަށް ނުކުޅެދިއްޖެ ހާލަތެއްގައި އެ
މައްސަލައެއް ދެން ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅުއްވާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީ އެވެ. ކުރިމިނަލް ކޯޓުގައި
މައްސަލަތައް ގާޒީންނާ ހަވާލު ކުރުމުގެ ބާރު ވެސް އޮންނާނީ ހިންގުމާ ހަވާލުވެ ހުންނަވާ ގާޒީއަށެވެ.

ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ގޮތަށް އެ މައްސަލަ ބެއްލެވުމަށް ބެންޗެއް އެކުލަވާލިއިރު، އާންމު ގޮތެއްގައި ވެސް ކުރިމިނަލް ކޯޓުގައި މައްސަލަތައް ބެންޗަކުން ނުބަލަ އެވެ.

އެންމެފަހުން ވެސް ބެންޗަކުން ބެލީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޝްވަތުގެ ދައުވާގެ ޝަރީއަތެވެ. އެ ޝަރީއަތުގައި ވެސް ފަހުން ބެންޗު އުވާލި އެވެ. ރައީސް ނަޝީދުގެ މައްސަލަ ވެސް އޭރު ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.