ސިއްހަތު

ހާސްވާ މީހުންގެ ބޮލުގައި ނުރަ ޖަހާލެއް އަވަސްތަ؟

Jan 4, 2015

"ރުޅިގަދަ ނުވާށެވެ. ކަންބޮޑުނުވާށެވެ. އަވަހަށް މުސްކުޅިވެދާނެ އެވެ."

މިއީ ކިހާވަރެއްގެ ހަގީގަތެއް އޭގައި އެކުލެވިގެންވާ ވާހަކައެއް ހެއްޔެވެ؟ ކަންކަމާ އަވަސް އަވަހަށް ހާސްވެ، ބޯގޮއްވައި ރުޅިގަދަވާނަމަ ހަމަ އަސްލަށް ވެސް އުމުރު ކުރުވޭ ހެއްޔެވެ؟ ނުވަތަ ބޮލުގައި ނުރަޖަހާ ލެތް އަވަސްވޭ ހެއްޔެވެ؟

އެވިއޭޝަންގެ ދާއިރާގެ މަޝްހޫރު ނަމަކުން ފަށަމާ ހިނގާށެވެ. ކުއާލަ ލަމްޕޫރުން އޮސްޓްރޭލިއާގެ ޕާތަށް ދަތުރުކުރަމުން ދަނިކޮށް 1982 ވަނަ އަހަރު ހަތަރު އިންޖީނު ހަލާކުވެގެން ކުއްލި ހާލަތުގައި އިންޑޮނީޝިއާގެ ޖަކާޓާ އަށް ޖައްސަން ޖެހުނު ބްރިޓިޝް އެއާވޭސްގެ ފްލައިޓް 9ގެ ކެޕްޓަން އެރިކް މޫޑީ އަށް ދިމާވި ކަމެއްގެ ވާހަކަ އެވެ.

ކެޕްޓަން އެރިކް މޫޑީގެ ބޯ ނުރަވާން ފެށީ އެއަށް ފަހު އެވެ. އެ ހާދިސާ އަށް ހަ މަސް ދުވަސްވީއިރު އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ބޮޑު ބައެއް ނުރަވެއްޖެ އެވެ. އަހަރުވީއިރު މުޅި ބޯ އެއްކޮށް ނުރަވެއްޖެ އެވެ.

ކެޕްޓަން މޫޑީގެ އިތުރުން، އިތުރު އެހެން އެތައް ބައެއްގެ ވާހަކަ ވެސް ހަމަ މިގޮތަށް ކިޔާލަ ދެވިދާނެ އެވެ. މޫޑީގެ ބޮލުގެ އިސްތަށިގަނޑު ނުރަވާން އަހަރު ދުވަސް ނެގިއިރު ދެން ތިބި މީހުންގެ ބޯ ނުރަވީ އަދި މާ އަވަހަށެވެ.

ފްރާންސްގައި 1770 ވަނަ އަހަރުން ފެށިގެން 1774 ވަނަ އަހަރާ ހަމަ އަށް ރަނިކަން ކުރި ރާނީ، މަރީއާ އެންޓޮއިނެޓް އަކީ ވެސް އާދަޔާހިލާފު ގޮތަކަށް ބޮލުގެ އިސްތަށިގަނޑު ނުރަވި ފަރާތެކެވެ. އޭނާގެ އިސްތަށިގަނޑު ނުރަވި ކަމަށް ބުނެވެނީ ހަތަރު ދަމުންނެވެ. ފަސާދައިގެ ތުހުމަތުގައި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭކަން އެނގިވަޑައިގެން ހިތާމަކުރައްވަނިކޮށެވެ.

މިގޮތަށް ކިޔައިދެވިދާނެ އެތައް ވާހަކައެއް ތާރީޚުން އެއްކުރެވިދާނެ އެވެ. ނަމަވެސް މިއީ ކިހާ ވަރެއްގެ އަސްލެއް ނުވަތަ ހަގީގަތެއް އޭގައި އެކުލެވިގެންވާ ވާހަކަތަކެއްތޯ އެވެ؟ ދިމާވާ ކަމެއްގެ ސަބަބުން ކުރެވޭ ފުން ހިތާމައަކާ ގުޅިގެން ނުވަތަ ކުރިމަތިވާ ކަންބޮޑުވުމަކާ ގުޅިގެން ހަމަ އަސްލަށް ވެސް ބޮލުގެ އިސްތަށިގަނޑު ރެއާއި ދުވާލުން "ހުދު" ވެދާނެ ހެއްޔެވެ؟

އިސްތަށިގަނޑުގައި ކުލަ ޖައްސަނީ ދެ ވައްތަރެއްގެ މެލަނިން ޕިގްމެންޓްތަކަކުންނެވެ. އިޔުމެލަނިން އަކީ ކަޅު ކުލައިގެ ހާއްސަ އެޖެންޓެވެ. ފިއޯމެލަނިން އަކީ ރަތް ނުވަތަ ރީނދޫ ކުލަ އިސްތަށިގަނޑުގައި ޖައްސައިދޭ ޕިގްމެންޓެވެ.

މިގޮތަށް މެދުވެރި ވަނީ ދިމާވާ ކަމެއްގެ ސަބަބުން ތިމާގެ އަމިއްލަ ދިފާއީ ނިޒާމް އޮޓޮމެޓިކުން މަސައްކަތްކުރަން ފެށުމުން ހަށިގަނޑު ތެރެއިން އަޅާ ދިފާއީ ފިޔަވަޅުތަކެއްގެ ސަބަބުންނެވެ. މިފަދަ ގިނަ ހާލަތްތަކުގައި، މި ދިފާއީ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރުވަނީ ބޮލުގައި ރަނގަޅަށް ހުންނަ "ފަތަށެވެ". ނުރަ އިސްތަށިތަކަށް އަސަރެއް ނުކުރެ އެވެ.

ތަޖުރިބާކާރުން ބުނަނީ ކެޕްޓަން މޫޑީ އަށް ދިމާވި ގޮތަކީ މިއީ ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ފްރާންސްގެ ރާނީގެ ބޯ ހަތަރުދަމުން ހުދުވި ވާހަކަ އަށް ދޭނެ ޖަވާބެއް ނޭނގޭ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން ރާނީގެ ބޮލުގެ އިސްތަށިގަނޑު ކުއްލިއަކަށް ނުރަވީ ބަންދުގައި ހުރި ދުވަސްތަކުގައި ކަޅުކުރާ ބޭސް ނުލިބުނީމަ އެވެ.

ޔަގީނަށް ވެސް މިއީ އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރު އަހުމަދު ނިހާންގެ ބޮލުގެ އިސްތަށިގަނޑު ކުއްލިއަކަށް ހުދުވި ސަބަބެވެ. ކަޅުކުރާ ހިތް ފަހުން ކެނޑުނީ އެވެ.

ކޮންމެއަކަސް އިސްތަށިގަނޑު ކުއްލިއަކަށް ނުރަވުމުގެ މައްސަލަ އަކީ ސައިންސްވެރިންނަށް އަދިވެސް އެންމެ ފުރިހަމަ އަށް ދިރާސާކޮށް ޖަވާބެއް ނުހޯދެ އެވެ.