އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލް ކުރަން ސުޕްރީމް ކޯޓުން އުޅޭ ކަމަށް ތުހުމަތު ކުރައްވައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.
ޖޭއެސްސީން މިއަދު ބުނި ގޮތުގައި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރިއިރު ފަނޑިޔާރެއްގެ ކިބަގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް ވަނީ ފާހަގަ ކުރެވިފަ އެވެ. އެހެންކަމުން 60 ދުވަހުގެ މުއްދަތަށް އެ ދެ ފަނޑިޔާރު ސަސްޕެންޑްކޮށް، މަގާމުން ވަކުކުރަން މަޖިލީހަށް ފޮނުވުމަށް ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމި އެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވީ މިހާތަނަށް ފެނިގެން ދިޔައީ ޖޭއެސްސީން ނިންމާ ނިންމުންތަކަށް ދެކޮޅު ހަދައި އެއަށް ސުޕްރީމް ކޯޓުން އަމަލު ނުކުރާ މަންޒަރު ކަމަށެވެ. އެހެންކަމުން ޖޭއެސްސީގެ މި ނިންމުމަށް ވެސް އަމަލު ނުކުރަން ސުޕްރީމް ކޯޓުން އުޅެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ޖޭއެސްސީ މިދިޔަ ތަނުގައި ވެސް އެ ކޮމިޝަންގެ ޒިންމާ އަދާ ނުކުރެވި އޮތީ ސުޕްރީމް ކޯޓުގެ ފަނީޔާރުން އެ ކޮމިޝަނަށް ނުފޫޒު ފޯރުވައި އެ ކޮމިޝަންގެ މަސައްކަތްތައް ހުއްޓުވަން އުޅުމުންނެވެ. އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖޭއެސްސީން ނެރުނު ނޫސްބަޔާންތަކަށް ބަލާއިރު ވެސް މި ފެންނަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ހަވާލު ކުރަން ޖެހޭ ރިޕޯޓެއް އަދި ނޯޓިހެއް ވިޔަސް އެއަށް ހަވާލުނުވެ ގާނޫނާ ބޯނުނލަބާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވާ ކަމަށް. ގާނޫނަކަށް އަމަލު ނުކުރާނެ ކަމަށް ފަނޑިޔާރަކު ވިދާޅުވުމަކީ ވަރަށް ބޮޑު މައްސަލައެއް،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ގާނޫނު ހެދުމުގެ ބާރަކީ ސުޕްރީމް ކޯޓަށް އޮންނަ ބާރެއް ނޫން ކަމަށެވެ. އަދި ޖޭއެސްސީ ޖަވާބުދާރީ ކުރުމަކީ ވެސް ސުޕްރީމް ކޯޓަށް އޮންނަ ބާރެއް ނޫން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ ދެ މަސައްކަތް ކުރަން އުޅޭ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު ހެދުމުގެ ބާރު މި އޮންނަނީ މަޖިލީހަށް، ކޯޓުތަކަށް އޮންނަނީ ގާނޫނެއް ތަންފީޒުކޮށް އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު. ޖޭއެސްސީން ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެ ކަމެއް ބަލާނީ މި ރައްޔިތުންގެ މަޖިލީހުން، އެއީ ޝަރުއީ ކޯޓަކަށް އޮންނަ ކަމެއް ނޫން،" ސިރާޖު ވިދާޅުވި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން މިއަދު ނިންމީ އެ ކޮމިޝަނަށް ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ގާނޫނުން ދީފައިވާ ބާރުތަކުގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ހަސަން ވިދާޅުވީ ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމުމުން، އެ ނިންމުން ބާތިލު ކުރުމަށް ފިޔަވަޅު އެޅި ފަނޑިޔާރަކު ވަޑައިގެން އެ ބޭފުޅަކު އިންނަވާ ކޯޓަށް ހުށަހަޅާ ބާތިލު ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ. އަދި ދާދި ފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އެއްވެސް ކޯޓަކަށް އެކަމެއް ނުކުރެވޭނެ ކަމަށެވެ.
އެކަމަކު ޖޭއެސްސީން މިއަދު ނިންމި ނިންމުން ވެސް ސުޕްރީމް ކޯޓުން ބާތިލު ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ސުޕްރީމް ކޯޓަކަށް އަދި އެއްވެސް ދަށު ކޯޓަކަށް ވެސް ޖޭއެސްސީގެ ނިންމުން ބާތިލް ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު އެބަ ލިބޭ އުއްތަމަ ފަނޑިޔާރު އެބަ އުޅުއްވައޭ ޖޭއެސްސީގެ ނިންމުންތަކާ ގުޅިގެން އެހެން ނިންމުންތައް ނިންމަން ކަމަށް. ޖޭއެސްސީގެ ނިންމުން ބާތިލު ކުރަން އުޅޭ ކަމަށް ވެސް" ހަސަން ލަތީފް ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވީ ޖޭއެސްސީގެ ދައުރަށް ސުޕްރީމް ކޯޓުން ހުރަސް އަޅާ ވާހަކައަކީ އާ ވާހަކައެއް ނޫން ކަމަށާއި މީގެ ކުރިން ވެސް ޖޭއެސްސީން މަޖިލީހަށް ހާޒިރު ކުރުމުން އެ ކޮމިޝަނުން މީގެ ކުރިން ވެސް ފާހަގަކުރީ އެ ކޮމިޝަންގެ ކަންކަން ސުޕްރީމް ކޯޓުން ހުއްޓުވަން އުޅޭ ކަމުގެ ޝަކުވާ ކަމަށެވެ.