މުހައްމަދު ނަޝީދު (ކާނަލް)

ކާނަލް ޕީޕީއެމަށް ސޮއިކޮށްފި

ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ.

ނަޝީދު ޕީޕީއެމަށް ސޮއިކޮށްފައިވަނީ މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕީޕީއެމަށް ސޮއިކޮށް ނަޝީދު ވަނީ އޭނާގެ މެންބަރުޝިޕް ފޯމް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރައްވާފައެވެ.

މިިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އަދި މަޖިލީސް އިންތިޚާބުގައިވެސް ނަޝީދު މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީނާއެކުގައެވެ. އޭރު ނަޝީދަކީ ޑީއާރުޕީގެ ލީޑަރެވެ. ނަމަވެސް ފަހުން ޑީއާރުޕީގެ ހިންގުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ ވަނީ ހަވާލުކުރައްވާފައެވެ.

އޭރު ނަޝީދު ވިދާޅުވީ ޑީއާރުޕީ އިތުރަށް ބޮޑުވެގެންދާނެ ކަމަށާ ޖާބިރަށް އެހީތެރިވުމުގައި އޭނާ ދެމި ހުންނާނެ ކަމަށެވެ.

ނަޝީދު މިރޭ ވިދާޅުވީ ކުރިން ކޮންމެ ސިޔާސީ ޕާޓީއެއްގައި މަސައްކަތްކުރިނަމަވެސް ހިތް އޮތީ ޕީޕީއެމްއާއެކު ކަމަށެވެ. ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޕެއިން މިރޭ ފަށަންޖެހޭ ކަމަށާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަަވަނީ 2023 ގެ ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ. ފަނޑިޔާރުގެ އަތްބާނައިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމްކުރުމުގެ ފުުރުސަތު އަޅުގަނޑުމެން ނުދޭނަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސިޔާސީ މަސައްކަތަށް ނިކުންނެވީ އެމްޑީޕީންނެވެ. ނޮޅިވަރަމް ދާއިރާގެ ގޮޑިއަށް އިންތިޚާބުވީވެސް އެޕާޓީގެ ޓިކެޓްގައެވެ. އެންމެ ފަހުން 2014 އަދި 2019 ގައި ބޭއްވި މަޖިލީސް އިންތިޚާބުގައިވެސް ނަޝީދަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.

ޕީޕީއެމަށް މިރޭ ވަނީ ޑީއާރުޕީގައި ތިއްބެވި ބައެއް މެންބަރުން ސޮއިކޮށްފައެވެ.