މޫސުން

ކުރިއަށް އޮތީ ވިއްސާރައިގެ ތިން ދުވަސް: މެޓް

ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑި އިރުގައި ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އިރާއި އިރުދެކުނު ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ކަނޑުތައް އޮންނާނީ އާދައިގެ ވަރެއްގައި ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ މިއީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭތީ ކުރާ ވިއްސާރައެއް ކަމަށެވެ. ކުރިއަށް އޮތް ދެ ދުވަހު ބޯކޮށް ވާރޭ ވެހުނު ނަމަވެސް ޖެހިގެން އަންނަ ދުވަހު ކުޑަކޮށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރު ހިނގަމުން ދަނީ ހުޅަނގުގެ ފަހު ނަކަތް ނޮރަ އެވެ. މި ނަކަތް ނިމެނޭނީ ނޮވެމްބަރު 26 ގައެވެ. ނޮރަ ނަކަތަކީ އާންމު ވިއްސާރައިގެ ނަކަތެއް ނޫނެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުނު ނަމަވެސް އުދަ އަރާފާނެ ކަމަށް ނުބެލެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

ވެރިރަށް މާލޭގެ މަގުތައް ހުންނަ ގޮތުން ބޯކޮށް ވާރޭ ވެހިއްޖެނަމަ ބޮޑު ބައެއްގައި ފެން ބޮޑުވެ އެވެ. އަދި އޭގެ ސަބަބުން ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތައް ވުމުގެ އިތުރުން އާންމު ދިރިއުޅުމަށް ހުރަސް އެޅެ އެވެ.