ބޮލީވުޑް

ނާކާމިޔާބީން ހާސިލު ކުރަނީ އިބުރަތް: ސިދާރްތު

ސިދާރްތު މަލްހޯތުރާގެ ފިލްމީ ހަޔާތު ފެށިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކުގަ އެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 2012 ގައި ރިލީޒްކުރި ކަރަން ޖޯހަރް އުފެއްދި "ސްޓޫޑަންޓް އޮފް ދަ އިޔާ" އެވެ. އެ ފިލްމަކީ އެ އަހަރު ވެސް ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި ފިލްމުގައި ހިމެނުނު ތިން އެކްޓަރުން ކަމަށްވާ ސިދާރްތު އާއި ވަރުން ދަވަން އާއި އާލިއާ ބަޓް އަށް ވެސް މި ފިލްމުން ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ އެވެ.

އޭގެ ފަހުން ވެސް ސިދާރްތުގެ ފިލްމުތަކަށް ރަނގަޅު ތަރުހީބެއް ލިބި ގިނަ ބަޔަކަށް އޭނާ ވަރަށް މަގްބޫލުވި އެވެ. އޭނާގެ ރީތި ސިފަޔާއި އެކްޝަން އަށް މޮޅުކަމުންނެވެ. ނަމަވެސް ފާއިތުވީ ދެ ތިން އަހަރުއްސުރެ ސިދާރްތުގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. އޭނާގެ ފަހުގެ ފިލްމުތަކުގެ ތެރެއިން "ބާރް ބާރް ދޭކޯ". "އައްޔާރީ" އަދި "ދަ ޖެންޓްލްމޭން" ބެލުންތެރިންނަށް ކަމަކު ނުދިޔަ އެވެ.

މިހާރު އަނެއްކާވެސް ސިދާރްތުގެ އާ ފިލްމެއް ވަނީ ރިލީޒްވެފަ އެވެ. އެއީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާ ޑައިރެކްޓަރު މިލަޕް ޒަވޭރީގެ "މަރްޖާވާން" އެވެ.

ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އުޅެމުން ސިދާރްތު ވަނީ އޭނާގެ ފިލްމީ ކެރިއަރުގައި ދިމާވަމުންދާ ނާކާމިޔާބީތަކާ މެދު ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފަ އެވެ.

ސިދާރްތު ބުނި ގޮތުގައި ކާމިޔާބީ އާއި ނާކާމިޔާބީއަކީ ފިލްމު ކުޅޭ އެންމެންނަށް ވެސް ގަބޫލުކުރަންޖެހޭ އަދި ކުރިމަތިލާންޖެހޭ ކަންކަމެވެ. ބޮލީވުޑްގައި މަސައްކަތްކުރާ ބޮޑެތި ބޮޑެތި ސުޕަސްޓާރުންނަށް ވެސް ފަހުން ވާނެ ގޮތެއް ބުނެދޭކަށް ނޭނގެ އެވެ. އެއީ ފިލްމީ ވިޔަފާރީގެ ބައެއް ކަމަށް ސިދާރްތު ގަބޫލު ކުރެ އެވެ. އެހެންވެ ނާކާމިޔާބުން ހާސިލުކުރަނީ ހަމައެކަނި އިބުރަތް ކަމަށާއި އެކަމާ އަސަރުކޮށް އޭގެން ކެރިއަރަށާއި ޒާތީ ދިރިއުޅުމެއް އަސަރެއް ކުރިޔަ ނުދޭނެ ކަމަށް ސިދާރްތު ބުންޏެވެ.

"މަރްޖަވާން" ގައި ސިދާރްތު އާއެކު ހަރަކާތްތެރިވަނީ ތާރާ ސުތާރިއާ، ރިތޭޝް ދޭޝްމުކް އަދި ރަކުލް ޕްރީތު ސިންގް އެވެ. ފިލްމުގައި ސިދާރްތު ކުޅެނީ މަންމަން ކުއްޖެއް ދެކެ ލޯބިވޭ ވަރަށް ރުޅިގަދަ ޒުވާނެއްގެ ރޯލެވެ.