މަރުތައް ތަހުގީގު ކުރާ ކޮމިޝަން

އަފްރަޝީމްގެ ރިޕޯޓް ލީކުވި މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކަށް ފޮނުވާފައި ވަނިކޮށް އެ ރިޕޯޓް ލީކުވި މައްސަލަ ބަލަން ފަށައިފި އެވެ.

ކޮމިޝަންގެ ރިޕޯޓް ކަމާބެހޭ މުއައްސާތަކާއި ހިއްސާ ކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ރިޕޯޓްގައި ހިމެނޭ މުހިންމު މައުލޫމާތުތައް މީޑިއާގައި ވަނީ ލީކުކޮށްފަ އެވެ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓްގައި އަފްރަޝީމްގެ މަރާ، ސިޔާސީ އެއްވެސް ފަރާތަކާއި ގުޅުވޭނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަރުގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި މީހުން ކަމަށް ބުނެފައިވެއެވެ. އެ މީހުންނަކީ އަފްރަޝީމްގެ ވިސްނުންފުޅާ ވަރަށް ދެކޮޅު ބައެއް ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެ މައްސަލަ މަރުތައް ބަލާ ރިޔާސީ ކޮމިޝަން ވަނީ ބަލަން ފަށާފައެވެ. އެގޮތުން އެ ރިޕޯޓް ލީކުކުރި ކަމުގެ ތުހުމަތަށް ސޯޝަލް މީޑިއާ އެކްޓިވިސް އަހުމަދު އަޝްރަފް (ޝުމްބާ) ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އޭނާއަކީ މުއައްސަަސާއެއްގެ އިިސްވެރިއަކަށް ނުވާއިރު އެ ރިޕޯޓް އޭނާއަށް ލިބެންޖެހޭ ސަބަބެެއް ނެތެވެ. އަދި އެފަދަ ރިޕޯޓެއް ލީކް ކުރުމުގެ ތުހުމަތަށް ޝުމްބާއާއި ސުވާލު ކުރުމުން ގިނަ ބަޔަކު ދަނީ ރިޔާސީ ކޮމިޝަނަށް ފާޑު ވެސް ކިޔަމުންނެވެ.

ޝުމްބާ މިރޭ ބުނީ އޭނާ ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރީ އެ ކޮމިޝަނުން ތަހުގީގުކުރި އަފްރަޝީމްގެ މަރާއި ގުޅޭ ސިއްރު ރިޕޯޓް ރާއްޖޭގެ ބައެއް ނޫސްވެރިންނާ ހިއްސާކުރި ކަމަށް ބުނެ ކަމަށެވެ.

"އަޅުގަނޑު އަަތަކު އެ ރިޕޯޓެއް ނެތް. އަދި އެފަދަ ކަމެއް ނުކުރަން. އެ ތުހމަތުތަކަށް ވާނީ އިންކާރު ކޮށްފައި."

ޝުމްބާ ބުނީ ރިޔާސީ ކޮމިޝަނުން އެންމެ ރަނގަޅުވާނީ އެ ރިޕޯޓް ހިއްސާކުރި އިދާރާތަކުގެ ވެރިން ކޮމިޝަނަށް ހާޒިރު ކުރުން ކަމަށެވެ.

"ލީކުކުރި އަދި ކުރާ މީހުން އެންމެނަށް ވެސް އިނގޭ. ކަމާބެހޭ ނުބެހޭ މީހުން ހާޒިރުކުރަނީ ކީއްކުރަން."

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓު ހިއްސާކޮށްފައިވަނީ ޕީޖީ، އޭޖީ، ކައުންޓަރު ޓެރަރިޒަމް ޔުނިޓް، ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހަށެވެ.

ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް އެ އާއިލާއިން ވަނީ ބުނެފަ އެވެ.

ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްވެސް ވަނީ ލީކު ވެފައެވެ.

ބަންގްލަދޭޝްގެ ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ ދިރިއުޅުނު ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ މާޗް 29، 2017 އިގަ އެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަަދޭޝް ސަރުކާރުން ފުރަތަމަ ބުނީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށެވެ.

އޭނާގެ މަރުގެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން ބަންގްލަދޭޝް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން ކަނޑައަޅާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވެސް ވަނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

ރައުދާ އާތިފުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް އާއިލާއިން ބަލައި ނުގަންނަ ކަމަށް އެ އާއިލާއިންވެސް ވަނީ ބުނެފައެވެ.