މީހުން

ނަމޫނާ ދަރުމަވެރިން: ލޮލަށް ނުފެނުނަސް އެހެން މީހުންނަށް އެހީވުމުގައި!

"ގްރޭޑް އެކަކުން ފެށިގެން ފަހެކާ ހަމަ އަށް އައިއިރު އަޅުގަނޑަކީ ހަމަ ކްލާހުގެ ކަނެއްގައި ފޮރުވިފައި ހުރި ކުއްޖެއް. އޭރު ސްކޫލްގައި އަދި ކްލާހުގައި ވެސް އަޅުގަނޑަކަށް އެއްވެސް ހެލްޕެއް ނުލިބޭ. ޓީޗަރުންގެ އެއްބާރުލުމެއް ވެސް ނުލިބޭ. އެމީހުން އަޅުގަނޑާ ދިމާއަށް ބުނާނީ ނުކުޅެދޭ މީހެއް ނޫންހެއްޔޭ ކޮބައިހޭ ކިޔެވުމުގެ ބޭނުމަކީ. ލޯ އަނދިރި މީހެއް ނޫން ހެއްޔޭ ތިކަހަލަ މީހަކަށް ކޮން ކަމެއް ހެއްޔޭ މުޖުތަމައަށް ކޮށްދެވޭނީ."

ފަހަރެއްގައި މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ އެންމެ މަގްބޫލު އަދި ހިދުމަތްތެރި ދަރުމަވެރިންގެ ތެރޭގައި ފާތުމަތު އިބްރާހިމް (ފާތުން) މިއަދު ހިމެނެނީ އެ ދުވަހު އެކި މީސް މީހުންގެ ފަރާތުން އަމާޒުވި މިފަދަ ބަސްތަކުން ހިތްވަރު ލިބިގެންނެވެ. ޅ. ހިންނަވަރަށް އުފަން އުމުރުން 24 އަހަރުގެ މި ޒުވާނާ އަކީ މިދިޔަ އަހަރު އެމްއާރުސީ އިން އަގުވަޒަންކުރި އެންމެ ހިދުމަތްތެރި ދަރުމަވެރިޔާގެ މަގާމު ލިބިފައިވާ ފަރާތެކެވެ.

މީހުންނަށް އެހީވުމުގައި އަދި މުޖުތަމައަށް އެހީވުމުގައި އެފަދަ ދެ ވަނައެއް ނެތް ނަމޫނާއަކަށް ފާތުން މިއަދު ބަދަލުވެފައިވިޔަސް އޭނާގެ ވާހަކަ ވަރަށް ވެސް ހިތްދައްޗެވެ. މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންދާއިރު ފާތުން އަދި އެ އުޅެނީ އެހެން އެންމެނަށް ވުރެ މާ ހާލުގަ އެވެ.

"ރޭގަނޑު އަޅުގަނޑުގެ ލޮލަކަށް ނުފެނޭ ހަމަ އެއްވެސް ވަރަކަށް. އަލިކޮށްގެން ކޮންމެވެސް ވަރެއް ވޭ ދެން. މިސާލަކަށް އަލިގަނޑުގައި ހުރީ މީހެއްކަން އެނގިދާނެ. އެވަރުވިޔަސް އެ މީހެއްގެ މޫނެއް ވަކިކުރާކަށް ނޭނގޭނެ،" އުފަންވިއިރު ވެސް ފެނުމުގެ ފުރިހަމަކަން ލިބިފަފއި ނެތް ފާތުން ކިޔައި ދިނެވެ.

"ދުވާލު ވެސް އިރުގެ އަލިކަން ގަދަ އަށް ނުދޭ ތަނެއްގައި ތަނެއްދޮރެއް ވައްކެއް ނުކުރެވޭ. ކުރިން ފެންނަ ވަރަކަށް މިހާރަކު ނުފެނޭ. ކުރިން ތަންކޮޅެއް ސާފުކޮށް ފެނޭ. އެކަމަކު އަޅުގަނޑުގެ ލޮލުގެ ރެޓިނާ އަށް އަލި ނުލިބި ހަލާކުވަމުންދާތީ ފެނުން ގޯސްވަމުން ދަނީ މިގޮތަށް ދުވަސްވަމުންދާ ވަރަކަށް."

ފާތުންގެ އާއިލާގައި އަށް މެމްބަރުން ތިބިއިރު އޭނާގެ ދައްތަ އަށް ވެސް ދިމާވެފައި ވަނީ މި މައްސަލަ އެވެ.

"ދައްތަ އަށް އަދި އެއްވެސް ވަރަކަށް ނުފެނެއޭ ބުންޏަސް ރަނގަޅުވާނެ،" ފާތުން ބުންޏެވެ.

އޭނާ ބުނީ މީހުންނަށް އެހީވުމަށް ނުކުތީ އަދި މުޖުތަމަ އަށް ކަންތައް ކޮށްދިނުމަށް ނުކުތީ ނުކުޅެދޭ މީހެއްގެ ބޯޑު އަޅުވައިގެން މަސައްކަތެއް ނުކޮށް ގޭގައި ފޮރުވިގެން ނުހުންނަން ވެގެން ކަމަށެވެ.

"އަޅުގަނޑަށް ކިޔެވުނު އެއްޗެއް ކިޔެވީ ވެސް ވަރަށް އުނދަގުލުން،" ފާތުން ކިޔައިދިނެވެ.

"އަޅުގަނޑަށް ނޭނގޭނެ ބަލައިގެން ފޮތުން ކިޔާކަށް ވެސް. އަކުރުތައް ކުދިކަމުން. އެހެންވީމަ ސްކޫލް ލައިފްގައި ހުރިހާ އެއްޗެއް ވެސް ދަސްކުރަމުން އައީ އަޑުއަހައިގެން. އަޅުގަނޑުގެ ކައިރީގައި ހުރެގެން ހުރިހާ ފިލާވަޅެއް ކިޔައިދޭނީ ދައްތައެއް."

"ދަންވަރު ވެސް އަޅުގަނޑު ފޮތެއް ކިޔަން ބޭނުން ވެގެން ހަމަ ބުނާއިރަށް (އެ ދައްތަ) އެ ފޮތަކުން އަޅުގަނޑަށް ކިޔައިދޭނެ. މިހާރު ވަރަށް އުނދަގޫ ލިޔެ ހަދަން ވެސް. އެހެންވީމަ ވަރަށް ނުވެސް ލިޔަން މިހާރު."

ފާތުން ބުނީ އޭނާ އަކީ އެންމެ ކުޑައިރުއްސުރެން ފެށިގެން މީހުންނަށް އެހީވުމުގެ މަސައްކަތުގަ އާއި މުޖުތަމައަށް ކަންކަން ކޮށްދިނުމުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ އެފަދަ މަސައްކަތްތަށް ނިކަން ބޮޑު ޝައުގުވެރިކަމެއް ހުރި މީހެއް ކަމަށެވެ. އެގޮތުން ސްކޫލުން އޭރު ހިންގި ހަރަކާތްތަކުގަ އާއި އެކި ޖަމިއްޔާތަކުގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.

"ސުނާމީ ހާދިސާއާ ހިސާބުން މިފަދަ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން ދަނީ. އޭރު ސުނާމީ އަރައިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެއްޗެހި ބެހުމުގެ ހަރަކާތްތަކުގައި ވެސް ހުންނާނެ ބައިވެރިވެފައި. ލިބުނު ގެއްލުންތައް ބެލުމުގެ ސާވޭތަކުގައި ވެސް ބައިވެރިވެފައި ހުންނާނެ އަމިއްލަ ގޮތުން،" ފާތުން ކިޔައިދިނެވެ.

އެނާ ބުނީ ހިތްވަރެއްކޮށްފައި މި މަސައްކަތުގައި އުޅެނީ ނުކުޅެދޭ މީހުންނަށް ކަމެއް ނުކުރެވޭނެ ކަމަށް މީހުން ބުނާތީ އެކަން ބަދަލުކުރުމަށް ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ކުދިންނަށް ކަންތައްތައް ނުކުރެވެއޭ މީހުން ބުނާތީ އާއި އެފަދަ ކުރިން މުޖުތަމައުގެ ތެރޭގައި ފޮރުވިފައިވާތީ އަޅުގަނޑު ބޭނުންވީ ނުކުޅެދުންތެރިކަން ހުންނަ މީހާ އަށް މުޖުތަމަ އަށް ކަމެއް ކޮށްދެވިދާނެކަން އަންގަން. އަދި އެފަދަ ކުދިންނަށް ވެސް މުޖުތަމައިން ފުރުސަތުތައް ހޯދައިދޭން،" ފާތުން ބުންޏެވެ.

"އެ ވިސްނުމުގައި އަޅުގަނޑު އަދިވެސް މި މަސައްކަތްކުރަމުން މި އަންނަނީ."

"މި ރަށުގައި ވެސް ވަރަށް އާންމު ކަމެއް ނުކުޅެދޭ ދަރިންތައް ގޭ ތެރޭގައި ފޮރުވައިގެން ގެންގުޅުން. އަސްލު އެމީހުންނަށް ހީވަނީކަން ނޭނގޭ އެފަދަ ކުދިންނަށް އެމީހުންނަށް ލިބުނު މަލާމާތެކޭ"

"ނުކުޅެދޭކުދިންނަކީ މަލާމާތެއް ނޫން. ހަމަ އެއިން ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ކޮންމެ ވެސް ހުނަރެއް ހުންނާނެ"

"މިސާލަކަށް އަޅުގަނޑަށް ވެސް ލޮލުގައި ނުފެންނާތީ ނުކުރެވިދާނެ ކަންތައް ހުންނާނެ. އެކަމަކު މިހާރު މި ދަނީ ބައިވަރު ކަންތަކެއް ކުރަމުން ދޯ. އަމިއްލަ މުޖުތަމަ އަށް ބައިވަރު ކަންތައް ކޮށްދެމުން މި ދަނީ"

"ސްކޫލަށް ގޮސް އިމްތިހާނުގައި އިށީނދެ ޓެސްޓް ޕޭޕަރުގައި ލިޔެލާ ހަދައި ރޭގަނޑުގެ ގަޑިތަކުގައި ކުލަތައް ދެނެގަންނަން އަޅުގަނޑަށް އުނދަގޫވެދާނެ. ރޭގަނޑު ގަޑީގައި މިވެނި ކަމެއް ކުރާށޭ ބުންޏަސް ނުވެސް ވާނެ ދޯ"

"އެކަމަކު އަޅުގަނޑަށް ވެސް ކުރެވޭނެ ކަންތައް ހުންނާނެ."

ޔަގީނަށް ވެސް ފާތުން އެ ގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ގޮތުން އެ ވާހަކަތައް ސާބިތުކޮށްދެމުންނެވެ. އޭނާގެ ދިރިއުޅުމުގެ ގިނަ ވަގުތު މިހާރު ހޭދަވަނީ އެހެން މީހުންނަށް އެހީތެރިވުމުގަ އެވެ. 

"އަސްލު ތެދަށް ބުނާ ނަމަ މުޅި ދުވަސް މިހާރު ހޭދަވަނީ ކޮންމެވެސް މީހަކަށް ކަމެއް ކޮށް ދިނުމުގައި. އަބަދުވެސް އުޅެވެނީ ކޮންމެވެސް މީހެއްގެ ކަންތައްގަނޑެއްގައި،" ފާތުން ބުންޏެވެ.

"އަމިއްލަ މީހާ އަކަށް ނުބެލޭ ތެދަށް ބުނާ ނަމަ. އެހެން މީހުންގެ ކަންތައްތައް ބޮޑަށް ކޮށްދެވެނީ. އަޅުގަނޑަށް އިހްސާސްކުރެވެނީ މިހެން. އާއިލާގެ މީހުން ނުވަތަ ތިމާގެ މީހުން ސަލާމަތުން ތިބިއްޔާމު އަޅުގަނޑު ހުންނާނީ ސަލާމަތުންނޭ."

މިއީ ފާތުންގެ ވާހަކަ އެވެ. ޔަގީނަށް ވެސް އޭނާ އަކީ ނަމޫނާ ދަރުމަވެރިއެކެވެ.

ދެން މި ލިސްޓްގައި ތިބީ ކޮން ބައެއް ހެއްޔެވެ؟

މިއީ އެމްއާރްސީއާ އެކު މަސައްކަތްކުރާ ދަރުމަވެރިންގެ ތެރޭގައި ހިމެނޭ އެންމެ އުމުރުން ދުވަސްވީ އެއް ދަރުމަވެރިޔާ އެވެ.

ހދ. ކުޅުދުއްފުށްޓަށް އުފަން ހަދީޖާ އަލީ ނުވަތަ ހައްޖައްތަ އަކީ ދެ އަންހެން ކުދިންގެ މަންމަ އެކެވެ. އެކަނިވެރި މައެއްގެ ގޮތުގައި ހަޔާތުގެ ބޮޑު ބައެއް ހޭދަކޮށް މިހާރު އެހެން ކައިވެންޏެއްކޮށްފައިވީ ނަމަވެސް އަދިވެސް އަމިއްލަ ދަރިންނާއި އާއިލާ އަށް ވުރެ ބޮޑަށް އޭނާ އަށް މުހިންމީ އެހެން މީހުންނެވެ.

"މި ކުދިންގެ ބައްޕަ އަޅުގަނޑު ވަރިކޮށްލާފައި ހިގައްޖެ އެންމެ ދޮށީ ކުއްޖާ އަށް ހަތަރު އަހަރުގައި. އޭގެ 17 އަހަރު ފަހުން އެހެން މީހަކާ އިނީ،" ކުޅުދުއްފުށީގެ އެމްއާރްސީ ގޮފީގެ ބޯޑް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ހައްޖައްތަ ކިޔައިދިނެވެ.

ހައްޖައްތަގެ ދަތުރު ވެސް ވަރަށް އާދަޔާހިލާފެވެ. އުމުރުގެ ބޮޑު ބައެއް ދެ ކުދިން ގޮވައިގެން އެކަނި މާ އެކަނި އުޅުނުއިރު އާމްދަނީ ހޯދުމަށް ވެސް އުޅެން ޖެހުނީ ހާލެއްގަ އެވެ. އެގޮތުން އެއް ވަޒީފާ އިން އަނެއް ވަޒީފާ އަށް ބަދަލުވުމަކީ އޭރު އާންމުކަމެއް ކަމަށް ހައްޖައްތަ ބުންޏެވެ.

"އެންމެ ފުރަތަމަ މަސައްކަތްކުރީ ހޮސްޕިޓަލްގެ އެޓެންޑެންޓެއްގެ ގޮތުގައި. ދެން އަބަދުވެސް އުޅުނީ ރަނގަޅު އާމްދަނީއެއް ލިބޭ ވަޒީފާއަކަށް ބަދަލުވުމުގައި. އެންމެ ފަހުން އުޅުނީ ސިފައިންގެ މީހުންނަށް ކައްކާ މީހެއްގެ ވަޒީފާގައި. މިހާރު ވަޒީފާއެއް އަދައެއް ނުކުރަން،" ހައްޖައްތަ ކިޔައިދިނެވެ.

މިހާރު އޭނާގެ ވަޒީފާ އަކީ މިއީ އެވެ. ދަރުމަވެރިއެކެވެ.

ހައްޖައްތަ ބުނީ އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ލިބޭ އުފަލަކަށްވާއިރު އެހީތެރިކަން ފޯރުކޮށްދިނުމުން އެމީހުންނަށް ލިބޭ ހިނިތުންވުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށެވެ.

"މިގޮތަށް އުޅޭއިރު އަމިއްލަ މީހާ އަށް ވުރެ ބޮޑަށް ބެލެނީ އެހެން މީހުންނަށް،" ހައްޖައްތަ ބުންޏެވެ.

މި އިންޓަވިއުއެއް ދިންއިރު ވެސް ހައްޖައްތަ އުޅެނީ ބަލިކޮށެވެ. މާލެ އިން އިއްޔެ ރަށަށް ދިޔަ ބޯޓްގެ ފާހާނާ ތެރެއަށް ވެއްޓި އުނަގަނޑަށް ތަދެއް އަރައިގެންނެވެ.

"ކޮފީ ބޮވޭ ފުދޭވަރަކަށް."

އޭނާ ބުނީ މިހެންނެވެ. އެކަމަކު ޔަގީނަށް ވެސް ކޮފީގައި އަނގަތަޅަން ހޭދަކުރެވޭ ވަގުތަށް ވުރެ ގިނަ ވާނީ ކޮފީ ރަޝީދު ނުވަތަ އިބްރާހިމް ރަޝީދު ކޮންމެވެސް އެހެން މީހަކަށް އެހީތެރިވުމުގައި ހޭދަކުރާ ވަގުތެވެ.

މިއީ ވެސް އެންމެ މޮޅު ދަރުމަވެރިޔާގެ ގޮތުގައި އެމްއާރްސީ އިން މިދިޔަ އަހަރު އަގުވަޒަންކޮށްފައިވާ ފަރާތެކެވެ. އުމުރުން 28 އަހަރުގެ ރަޝީދު ބުނީ އެމްއާރްސީގެ ދަރުމަވެރި މަސައްކަތްތަކަށް ނުކުމެވުނީ ކުރާނެ ކަމެއް ނެތި ފޫހިވެފައި ހުންނަން ޖެހޭ ވަގުތުތައް ގިނަވެގެން ކަމަށެވެ. 

"މާލެ ބަދަލުވުމަށް ފަހު އާންމުކޮށް ކަމެއް ނެތި ފޫހިވެފައި ގޭގައި އިންނަން ޖެހޭތީ ފެށުނު ކަމެއް މިއީ. އެގޮތަށް އުޅެނިކޮށް ޔޫތު ސެންޓަރުން ބޭއްވި ޔޫތު ޗެލެންޖެއްގައި ބައިވެރިވެގެން އާންމުނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދޭން އުޅުމުގެ ތެރެއިން މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ،" ނ. މަގޫދޫ އަށް އުފަން ރަޝީދު ކިޔައިދިނެވެ.

އޭނާ ހިލޭ ސާބަހަށް މަސައްކަތްކުރަމުން ދަނީ 2010 ވަނަ އަހަރުން ފެށިގެންނެވެ. އެހިސާބުން ފެށިގެން މި ދާއިރާގައި އޭނާ އަށް ލިބިފައިވާ ތަޖުރިބާތަކުގެ ބޭނުން ދަނީ ނިކަން ރަނގަޅަށް ހިފަމުންނެވެ.

އެގޮތުން 2013 ވަނަ އަހަރު ގދ. ގައްދޫގައި ފެންބޮޑުވިއިރު އެ ރަށުގައި ވެސް ލީޑަރެއްގެ ގޮތުގައި އެ ޑިޒާސްޓާއާ ދެކޮޅަށް ހަރަކާތްތެރިވި އެވެ.

އުމުރުން 30 އަހަރުގެ ފައިސަލް އަކީ ކުރިން ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރި ޒުވާނެކެވެ. އޭނާ ބުނީ އިންސާނީ ހިދުމަތަށް ޝައުގުވެރިވެ އެކަމުގެ ތެރެއަށް ވަދެވިގެން ދިޔައީ ފުލުހުންގެ ވަޒީފާ އިން ވަކިވެގެން ކިޔަވަން އުޅުނު ދުވަސްތަކުގައި ލިބުނު ހުސް ވަގުތުތަކުގެ ތެރެއިން ދަރުމަވެރި ޕްރޮގްރާމްތަކުގައި ބައިވެރިވެގެން ކަމަށެވެ.

އެމްއާރްސީއާ އެކު ދަރުމަވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މިފަހުން ނޭޕާލަށް އައި ބިންހެލުމުގެ ސަބަބުން އާއިލާގެ މީހުން މަރުވެ ނަފުސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ރާއްޖޭގައި ތިބި ނޭޕާލުގެ ރައްޔިތުންނަށް އެހީވުމަށް އެމްއާރްސީ އިން ހިންގި ޕްރޮގްރާމެއްގައި ފައިސަލް އަކީ އިސްކޮށް އުޅުނު ފަރާތެކެވެ.

"އެންމެ ބޮޑަށް ދަސްވީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން. މިފަދަ ކާރިސާތަކުގައި އާންމުންނަށް އެހީވާނެ ގޮތްތައް ދަސްވެ ތަޖުރިބާލިބޭ ކަމެއް މިއީ،" ފައިސަލް ބުންޏެވެ.

"އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ޕެރެލައިޒްވުމުގެ ސަބަބުން ހިނގަން އުނދަގޫވެ ނުވަތަ ހަރަކާތްތެރިވެ އުޅެން އުނދަގޫވާ މީހުން ގޮވައިގެން ރެޑް ކްރެސެންޓްގެ އެމްބިއުލާންސް ހިދުމަތުގައި އުޅުމަކީ މިހާރު އާންމުކޮށް ކުރާ ކަންތައް."

ކޮންމެއަކަސް މިފަދަ އެތައް ދަރުމަވެރިއެއްގެ ވާހަކަ މިގޮތަށް ދެއްކިދާނެ އެވެ. އޭގެ ތެރެއިން ނަމޫނާ ބައެއް ފަރާތްތަކެއްގެ ވާހަކަ މި ގެނެސްދިނީ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދުވަހާ ގުޅުވާލައިގެންނެވެ. މިއަދަކީ ވޯލްޑް ހިއުމެނިޓޭރިއަން ޑޭ އެވެ.