މީރާ

މީރާގެ ބޯޑަށް މަޚްޒޫމް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ޝަބްނަމްގެ، ކ. ކާށިދޫ، މަޚްޒޫމް ސަލީމް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ދެ ބޭފުޅެއްގެ ނަމެވެ. އެ ލިސްޓްގައި ރައީސް އިސްކަން ދެއްވީ މަހްޒޫމަށެވެ. ދެން ފޮނުއްވީ މއ. ވިލާރޮދި، އިސްމާއީލް ސާޖިދުގެ ނަމެވެ.

މީރާގެ ބޯޑަށް މަޚްޒޫމް އައްޔަން ކުރަން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ އިއްތިފާގުންނެވެ. ރުހުން ދިނުމަށް ފާސްވާން ބޭނުންވާ އަދަދަށް މަޚްޒޫމަށް ވޯޓު ހަމަ ވުމުން، އީސްމާއީލް ސާޖިދުގެ ނަމަށް ވޯޓަކަށް ނާހަ އެވެ.

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައި ވަނީ މިދިޔަ މަހު 30 ވަނަ ދުވަހަށެވެ. އެ މަގާމަށް ހުޅުވާލާފައި ވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ އެވެ.

މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދިންއިރު، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މެންބަރަކު އައްޔަން ކުރަން ޖެހުނެވެ. މިހާރު ވަނީ އެ ދެ މަގާމަށް އާ ބޭފުޅުންތަކެއް އައްޔަން ކޮށްފަ އެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނު ކުރިން އޮތް ގޮތުން މީރާގެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ފަސް މެމްބަރެވެ.

ނަމަވެސް މިހާރު ގާނޫނު ބަދަލު ކޮށްފައި ވަނީ އޭގެ އިތުރަށް ފިނޭންސް މިނިސްޓްރީގައި ޓެކްސްއާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާފައިވާ ފަރާތެއް ވެސް ހިމެނޭ ގޮތަށެވެ. އެ ބަދަލާއެކު މީރާގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އަރަ އެވެ.