އިމްޕޯޓް އެކްސްޕޯޓް

މިދިޔަ މަހު އިމްޕޯޓު މަތިވެއްޖެ

މި ދިޔަ މަހު ރާޢްޖެ އަށް އެތެރެ މުދާ އިތުރުވެ، އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 10 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އާންމު ކޮށްފައިވާ އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރޫ މަހު މި އަދަދުވަނީ 4.2 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެއިތުރުން، ފާއިތުވި އޮކްޓޯބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 0.37 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު 287 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދުވަނީ 288 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކްސްޕޯޓު ކުރި މުދަލުން ދައުލަތަށް މިދިޔަ އަހަރު 257 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މި އަހަރު ލިބިފައިވާ 298 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 16 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން އިމްޕޯޓު ކުރި މުދަލުން މިދިޔަ މަހު ދައުލަތަަށް އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމަކީ ޔޫއޭއީ އެވެ. މީގެ އިތުރުން ހިމެނެނީ ޗައިނާ އާއި ސިންގަޕޫރެވެ. ޗައިނާ އިން މި މުއްދަތުގައި 744 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި ޔޫއޭއީ އިން 743 މިލިއަން ރުފިޔާ އަދި ސިންގަޕޫރުން 557 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.