ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރާއި އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެއިން 2.85 ބިލިއަން ޑޮލަރު -- 44 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގަށްވުރެ 41.4 އިންސައްތަ އިތުރު މިންވަރެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އިމްޕޯޓްކުރީ ދެ ބިލިއަން ޑޮލަރު -- 31.1 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖޭގެ އެކްސްޕޯޓްވެސް ވަނީ މި މުއްދަތުގައި 43.8 އިންސައްތަ އިތުރުވެފަ އެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރީ 322.4 މިލިއަން ޑޮލަރު -- 4.97 ބިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކުރީ 224.2 މިލިއަން ޑޮލަރު -- 3.45 ބިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 690.4 މިލިއަން ޑޮލަރު -- 10.6 ބިލިއަން ރުފިޔާގެ ޕެޓްރޯލިއަމްގެ ބާވަތްތައް އެތެރެކޮށްފައިވެ އެވެ. މީގެތެރޭގައި ޕެޓްރޯލާއި ޑީސަލް އަދި އޭވިއޭޝަން ގޭސް ހިމެނެ އެވެ. ކާބޯތަކެތީގެ ގޮތުގައި 556.1 މިލިއަން ޑޮލަރު -- 8.57 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.
ރާއްޖޭގެ އެކްސްޕޯޓްގެ ތެރެއިން 118 މިލިއަން ޑޮލަރު --- 1.81 ބިލިއަން ރުފިޔާއަކީ މަހާއި މަހުގެ އުފެއްދުންތަކެވެ.