މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު 5.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި

ރާއްޖެއަށް މިދިޔަ ޑިސެމްބަރު މަހު 5.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ޑިސެމްބަރު 2021ގައި ރާއްޖެއަށް މުދާ އިމްޕޯޓްކުރި ވަރަށްވުރެ ޑިސެމްބަރު 2022ގައި މުދާ އިމްޕޯޓްކުރި މިންވަރު ވަނީ 27 ޕަސެންޓް އިތުރުވެފަ އެވެ. ޑިސެމްބަރު 2021ގައި ރާއްޖެއަށް އިމްޕޯޓްކުރީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ލިބުނު އާމްދަނީ ވަނީ ޑިސެމްބަރު 2021އަށްވުރެ ދެ ޕަސެންޓް ދަށްވެފަ އެވެ. ޑިސެމްބަރު 2021ގައި ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި ލިބުނީ 364 މިލިއަން ރުފިޔާ އެވެ. މިދިޔަ ޑިސެމްބަރު މަހު ލިބުނީ 356 މިލިއަން ރުފިޔާ އެވެ.

ރާއްޖެއިން މިދިޔަ ޑިސެމްބަރު މަހު ވަނީ 299 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. އެ އަދަދަކީ ޑިސެމްބަރު 2021އަށްވުރެ 35 ޕަސެންޓް އިތުރުވުމެކެވެ. ޑިސެމްބަރު 2021ގައި ރާއްޖެއިން އެކްސްޕޯޓްކުރީ 221 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ ފްރާންސުންނެވެ. އެގައުމުން 766 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 724 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު ޗައިނާއިން 532 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރީ ތައިލެންޑަށެވެ.