ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގެ ކުލަބު ސައިފް ސްޕޯޓިން ކުލަބުގެ ކޯޗް ކަމާ މި މަހު ހަވާލުވި ރާއްޖޭގެ މުހައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
ނިޒާމްގެ ފުރަތަމަ މެޗަކީ ބަންގުލަދޭޝްގެ އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު ޓްރެއިނިން މެޗެކެވެ. އެ މެޗުގައި ބައްދަލު ކުރީ ބަންގުލަދޭޝް ފްރީޑަމް ފައިޓާސްގެ ޓީމާ ދެކޮޅަށެވެ. ނިޒާމްގެ ޓީމުން މެޗު ކާމިޔާބު ކުރީ 4-1 ންނެވެ.
މިވަގުތަކީ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށް ގައުމީ ޓީމަށް ހާއްސަ ކޮށްފައިވާ ވަގުތު ކަމަށް ވުމުން މިއަދުގެ މެޗު ސައިފުން ކުޅުނީ ބަންގުލަދޭޝްގެ ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިޔަކު ނުލަ އެވެ. ބަންގުލަދޭޝްގެ ގައުމީ ޓީމުގެ ކެޕްޓަން ޖަމާލް ބުއްޔާން ކުޅެމުން ދަނީ ސައިފްއަށެވެ. އަދި މިއަދުގެ މެޗުގައި ބިދޭސީ ކުޅުންތެރިންވެސް ސައިފްގެ ޓީމުގައި ކުޅެފައެއް ނުވެ އެވެ.
ބަންގުލަދޭޝް ޕްރިމިއާ ލީގް ފަށުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ މަހު އެވެ. މި މަހުގެ ހަތް ވަނަ ދުވަހު ނިޒާމް އާ އެ ޓީމު ހަވާލު ކުރީ އެއް އަހަރުގެ މުއްދަތަށެވެ. އެ ދުވަހު ބަންގުލަދޭޝްގެ މީޑިއާ އާ ވާހަކަ ދައްކަމުން ނިޒާމް ބުނެފައި ވަނީ ކޮންމެ މުބާރާތަކަށް ނުކުތަސް އޭނާގެ ޓާގެޓަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.
މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ޓީސީއަށް ހޯދައިދިން ނިޒާމް ވަނީ ޓީސީ ގޮވައިގެން ނުކުމެ ބަންގުލަދޭޝްގައި 2017 ވަނަ އަހަރު ބޭއްވި ޝައިހް ކަމާލް އިންޓަނޭޝަނަލް ކުލަބު ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ ޓޯނަމަންޓް ފޯމެޓަށް ގެންދިޔަ ބޭރުގެ މުބާރާތެއް ދިވެހި ޓީމުން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ޓީސީ އާއެކު ސައިފް ސްޕޯޓްސް ކުލަބު ދެ ލެގުގައި ވެސް ބަލި ކުރި އެވެ.
"ބަންގުލަދޭޝް ފަސްގަނޑުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އަދި އެ ގައުމުގެ ވަރުގަދަ ހުރިހާ ކުލަބެއްގެ މައްޗަށް ކުރި ހޯދިފައި ހުރީމަ އެއީ ވަރަށް ބޮޑަށް އެމީހުން ފާހަގަ ކުރި ކަމެއް،" ސައިފް ސްޕޯޓިން ކުލަބާ ހަވާލުވާން ބަންގުލަދޭޝްއަށް ފުރުމުގެ ކުރިން ރާއްޖޭގެ މީޑިއާ އާ ވާހަކަ ދައްކަމުން ނިޒާމް ބުނެފައި ވެއެވެ.