ހަބަރު

ޓޮއިލެޓް ޑޭ އަށް ހާއްސަ ކެމްޕޭނެއް

ވޯލްޑް ޓޮއިލެޓް ޑޭގެ މުނާސަބަތުގައި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން މި ކެމްޕޭން ފަށަފައިވަނީ މިއަދު ފާހަގަކުރަމުންދާ ފިރިހެނުންގެ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ކެމްޕޭން ރަސްމީކޮށް ފަށްޓަވާދެއްވީ އެމްޑަބްލިއުއެސްސީ ބޯޑުގެ ޗެއާޕާސަން އަހްމަދު މައުސޫމް އެވެ.

"ތައްޓަށްތަ، ޓައްޕަށްތަ؟" މިނަމުގައި ފެށި މިހާއްސަ ކެމްޕޭނަކީ މާލޭގެ ނަރުދަމާ ނިޒާމަށް ޖެހޭ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ފެށި ކެމްޕޭނެއް ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި ކެމްޕޭނުގެ އެންމެ ބޮޑު މަގްސަދަކީ ގޭގެއިންނާއި އިމާރާތްތަކުން ނަރުދަމާ ނިޒާމުގެ ތެރެއަށް ދޫކޮށްލެވޭ ތަކެތީގެ ސަބަބުން ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތައް ރައްޔިތުންނަށް ހާމަކޮށްދިނުމާއެކު، މިކަން ހައްލުކުރުމަށް ފަރުދީ ފެންވަރުގައި ކުރެވޭނެ ކަންކަން ބުނެދިނުން ކަމަށެވެ.

އެކުންފުނިން ބުނީ މި ކެމްޕޭނުގެ ސަބަބުން ނަރުދަމާ ނިޒާމަށް މިހާރު ޖެހޭ މައްސަލަތައް މަދުވެ އެމައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.