ހަބަރު

ޕީޖީ ބިޝާމް މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

Nov 19, 2019
1

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފެށުމަށް މަޖިލީހުގެ ރިޔާސަތައް މައްސަލަ އަންގަން ޖުޑީޝަރީ ކޮމިޓީން ނިންމި ނިންމުން އިއުލާން ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.

މިއަދު ޖުޑިޝަރީ ކޮމިޓީގައި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ތާއީދު ކުރެއްވީ ޕީޖީ ބިޝާމް ވަކި ކުރުމުގެ އިޖުރާއަތް އަނެއްކާވެސް ފެށުމަށެވެ. އެ ހުށަހެޅުއްވުން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މިއަދުގެ ކޮމިޓީގައި ފާސްކުރި އެވެ.

މަޖިލީހުގެ ގަވައިދު މިހާރު އޮތް ގޮތުން ކޮމިޓީގެ އެ ނިންމުން މަޖިލީހުގެ ތަޅުމުގައި އިއުލާން ކުރަން ޖެހޭނެ އެވެ. އެއަށްފަހު އަނެއްކާވެސް މައްސަލަ ކޮމިޓީއަށް ދާނެ އެވެ. ކޮމިޓީ ދިރާސާ ކުރުމަށްފަހު ޕީޖީ ވަކި ކުރުމާމެދު ގޮތެއް ނިންމާނެ އެވެ. އަދި ވަކި ގޮތެއް ފާސް ކުރުމަށް މައްސަލަ ތަޅުމަށް ފޮނުވާނެ އެވެ.

އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. އެހެން ވިޔަސް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް އޮތީ ނުފެށިފަ އެވެ. މީގެ ކުރިން ވެސް އޭނާ ވަކިކުރުމުގެ މަސައްކަތް ފަށަން ޖުޑީޝަރީ ކޮމިޓީން ފާސްކުރިޔަސް ފަހުން އެ ނިންމުން ކޮމިޓީން ބާތިލް ކުރި އެވެ.

މީގެ ކުރިން ޕީޖީ ބިޝާމް ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެވެ. ސިރާޖް ހުށަހެޅުއްވުން ފުރަތަމަ ކޮމިޓީން ފާސްކުރި އެވެ. އެކަމަކު އެއީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ހުށަހެޅުއްވި ކަމެއް ކަމަށް ވިދާޅުވެ އެ ނިންމުން ބާތިލް ކުރަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދް ހުށަހެޅުއްވުން އެ ގޮތަށް ކޮމިޓީން ފަހުން ފާސްކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ. މި ފަހުން ވެސް އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއް ހައިކޯޓުން ދޮގު ކުރުމާ ގުޅިގެން ވެސް އޭނާއަށް ފާޑުކިޔުން އަމާޒުވި އެވެ.