ބޮލީވުޑް

ޕަރިނީތީ ޗޯޕްޅާ ބޮޑީ ޑަބަލް ބޭނުން ނުކުރާނެ

އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގައި ސައިނާގެ ރޯލު އަދާކުރާ ޕަރިނީތީ ޗޯޕްޅާ މިހާރު ދަނީ ބެޑްމިންޓަން ކުޅުމުގެ ތަމްރީނު ހޯދަމުންނެވެ. އަދި ތަމްރީނުގައި ދާދި ފަހުން ޕްރިނީތީގެ ކޮނޑަށް އަނިޔާވެ ފަރުވާ ހޯދަން ވެސް ޖެހިފައި ވެއެވެ. ނަމަވެސް ފިލްމުގެ އެއްވެސް މަންޒަރެއްގައި ބޮޑީ ޑަބަލް އެއް ބޭނުން ކުރަން ޕަރިނީތީ ބޭނުމެއް ނުވެ އެވެ.

ޕަރިނީތީގެ ގާތް މީހަކު އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނީ އަނިޔާ ވެގެން ދުވަސްކޮޅަކު ތަމްރީނުތަކާއި ރިހާސަލްތަކާ ދުރުގައި ޕަރިނީތީ ހުރި ނަމަވެސް ވަރަށް އަވަހަށް އެނބުރި އައިސް ތަމްރީނުތަކުގައި ބައިވެރިވާން ފަށާނެ އެވެ. މި ފިލްމުގެ ޕްރެކްޓީސްތަކާއި ރިހާސަލްތަކަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫންކަމާއި މިއީ ވަރަށް ބުރަ މަސައްކަތެއްކަން ޕަރިނީތީ އަށް ކުރިން ވެސް އެނގޭ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ މި ފިލްމުގައި ބޮޑި ޑަބަލްއަކާ ނުލާ ޕަރިނީތީއަށް ވަރަށް ފުރިހަމައަށް ސައިނާ ކުޅޭ ގޮތަށް ބެޑްމިންޓަން ކުޅޭ ގޮތް ދައްކަން ޖެހޭނެ އެވެ. ބެޑްމިންޓަން ކޯޓުގައި ޕަރިނީތީއަށް ސައިނާ އާ އެއްގޮތް ހަރަކާތްތަކެއް ނުދެއްކިއްޖެނަމަ ބެލުންތެރިން ފިލްމު ބަލައި ނުގަންނާނެކަމުގެ ބިރު އެބައޮތެވެ.

ކުރިން މި ފިލްމު ކުޅެން ހަމަޖެހިފައި އޮތީ ޝްރައްދާ ކަޕޫރެވެ. އޭނާ ވަރަށް ގިނަ ތަމްރީނުތައް ވެސް މި ފިލްމު ކުޅުމަށް ހަދާފައި ވެއެވެ. ނަމަވެސް ޑައިރެކްޓަރު ހިތްހަމަޖެހޭ ފެންވަރަކަށް ތަމްރީނުތައް ފުރިހަމަ ނުކުރެވި ގިނަ ދުވަސްތައް ވާތީ ޝްރައްދާ އަމިއްލައަށް ފިލްމުން ވަކިވީ އެވެ.