ބޮލީވުޑް

ޕަރިނީތީ އާއި ރާގަވްގެ ލޯބީގެ ވާހަކަ

ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އިންޑިޔާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ)ގެ ރާގަވް ޗައްދާގެ އެންގޭޖްމަންޓް މިދިޔަ ހޮނިހިރު ދުވަހު ވަނީ ބާއްވާފަ އެވެ. އަދި ވަރަށް އަވަހަށް ކައިވެނިކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އެންގޭޖްވުމާ ހަމަޔަށް ވެސް އެމީހުންގެ އޮތް ލޯބީގެ ގުޅުމުގެ ވާހަކަތައް ޕަރިނީތީ އާއި ރާގަވް ނުދައްކަ އެވެ. ދެ މީހުންނަކީ ސްކޫލް ދައުރުއްސުރެ ދެ ރައްޓެހިންނެވެ. ނަމަވެސް ލޯބީގެ ހުޅުކޮޅު ދިއްލުނީ ވަރަށް ފަހުންނެވެ.
އެ މީހުން އެކުގައި ފުރަތަމަ ފެނިފައިވަނީ މިދިޔަ މާޗް މަހު އެވެ. އެއީ ރެސްޓޯރަންޓެއްގައި ކާން ތިއްބަ އެވެ. އޭގެ ފަހުން އެއާޕޯޓަށް ފުރަން ގޮސް ތިއްބަ އާއި އެނޫން ވެސް ތަންތަނުން ވަރަށް ގިނައިން އެކުގައި ފެންނަން ފެށި އެވެ.

އިންޑިޔާގެ ނިއުސް އެޖެންސީ އޭއެންއައި ގައިވާ ރިޕޯޓެއް ބުނާ ގޮތުން ޕަރިނީތީ އާއި ރާގަވް މަތީ ތައުލީމު ހާސިލުކުރީ ލަންޑަންގެ ކޮލެޖު ތަކުންނެވެ. އެ ޒަމާނުއްސުރެ ދެ މީހުންގެ މެދުގައި އެކުވެރިކަން އޮތެވެ.

ވޯގް މަޖައްލާގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މެންޗެސްޓާ ބިޒިނަސް ސްކޫލުން ކިޔެވި ޕަރިނީތީގެ އަތުގައި ބިޒިނަސް، ފައިނޭންސް އަދި އިކޮނޮމިކްސްގެ ރޮނގުން ޓްރިޕްލް އޮނާޒް ޑިގްރީ އޮވެ އެވެ. ރާގަވް ކިޔެވީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް (އެލްއެސްއީ) އިންނެވެ.

ވިމެންސް އީރާ ކިޔައި މަޖައްލާއެއްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ގިނަ ދުވަސް ތަކަކަށްފަހު ރާގަވް އާއި ޕަރިނީތީ ބައްދަލުވީ މިދިޔަ އަހަރު ޝޫޓްކުރި "ޗަމްކީލާ" ކިޔާ ފިލްމެއްގެ ސެޓުންނެވެ. ޕަންޖާބުގައި މި ފިލްމުގެ ޝޫޓިންގްގައި ޕަރިނީތީ އުޅެނިކޮށް ރާގަވް އެއް ދުވަހު ޕަރިނީތީއާ ބައްދަލުކޮށްލަން އެ ސެޓަށް ދިޔަ އެވެ. އެކުވެރިއެއްގެ ހައިސިއްޔަތުންނެވެ. އެމީހުން ރައްޓެހިވީ އޭގެ ފަހުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މި ލޯބީގެ ވާހަކަތައް ފެންމަތިވީ މިއަހަރުގެ މާޗް ހިސާބުގަ އެވެ.

"ޗަމްކީލާ" އަކީ ޕަރިނީތީ މިހާރު ކުޅެން ސޮއިކޮށްފައިވާ މަދު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމުގެ ބަތަލަކީ ދިލްޖީތު ދޮސާންޖް އެވެ. އިމްތިޔާޒު އަލީ ޑައިރެކްޓްކުރާ މި ފިލްމުގައި ކިޔައިދެނީ ޕަންޖާބުގެ ދެ ލަވަކިޔުންތެރިން ކަމަށްވާ އަމަރްޖޯތު ކޯރު އާއި އަމަރް ސިންގް ޗަމްކީލާގެ ވާހަކަ އެވެ. ޕަރިނީތީ މި ފިލްމުގައި ކުޅެނީ ދިލްޖީތުގެ ކެރެކްޓާ އެވެ.