މި ފެށުނު އާ އަހަރު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބައެއް ކައިވެނި ކުރިތަން ވަނީ ފެނިފަ އެވެ.
އެކްޓަރު ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ކައިވެންޏަށްފަހު ބަތަލާ އަތިޔާ ޝެޓީ އާއި ކްރިކެޓް ކުޅުންތެރިޔާ ކޭއެލް ރާހޫލްގެ ކައިވެނި ވެސް މިއަހަރު ތެރޭގައި ކޮށްފައިވެ އެވެ. އަދި ބަތަލާ ސްވާރާ ބާސްކަރް އާއި ފަހަދް އަހްމަދުގެ ކައިވެންޏާއި ޑައިރެކްޓަރު އަބީޝޭކް ޕާތަކް އާއި، ޓީވީ ބަތަލާ ޝިވަލީކާ އޮބްރޯއީގެ ކައިވެނިވެސް ވަރަށް ފަހުން ކޮށް ނިމިއްޖެ އެވެ.
އެންމެން ކައިވެނި ކުރާ ތަން ފެނިފައި ބަތަލާ ޕަރިނީތީ ޗޯޕްޅާ ވެސް މިހާރު ބޭނުންވަނީ ކައިވެނިކޮށް ވީހާވެސް އަވަހަށް ދަރިން ހޯދަން ކަމަށް ދާދިފަހުން އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް ޕަރިނީތީ ބުނާ ގޮތުގައި އަދިވެސް އޭނާ ހިތްހަމަޖެހޭ ކަހަލަ މީހަކު ނުފެނެ އެވެ. ކައިވެނި ކުރަން ކިތަންމެ ބޭނުމަސް ކުރެވޭނީ އެފަދަ މީހަކާ ދިމާވެގެން ކަމަށް ޕަރިނީތީ ބުންޏެވެ.
ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއު އެއްގައި ޕަރިނީތީ ބުނީ އޭނާ މިވަގުތު ހުރީ ސިންގަލް ކޮށެވެ. އޭނާގެ ހަޔާތުގައި އެއްވެސް މީހަކު ނެތެވެ.
"އަހަންނަށް ރަނގަޅު މީހަކު ހޯދައިދީ. އޭރުން އަހަރެންގެ އަމިއްލަ ދިރިއުޅުން ހަމައަކަށް އެޅޭނީ،" ޕަރިނީތީ ބުންޏެވެ.
ޕަރިނީތީ ބުނި ގޮތުގައި އޭނާ ބޭނުންވަނީ ކެރިއަރާއި ޒަވާޖީ ހަޔާތް ބެލެންސްކޮށް ގެންދާށެވެ. އަދި އިންޑަސްޓްރީގައި ތިބި އޭނާގެ ބައެއް އެކުވެރިން ކައިވެނީގެ އަގު މާތް ގުޅުމުން ގުޅޭތަން ފެނިފައި އުފާވާ ކަމަށްވެސް ޕަރިނީތީ ބުންޏެވެ.
ޕަރިނީތީގެ ފިލްމީ ކެރިއަރަށް ބަލާއިރު މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ އިމްތިޔާޒު އަލީ ޑައިރެކްޓްކުރާ "ޗަމްކީލާ" ގައެވެ.
މި ފިލްމުގެ ބަތަލަކީ ދިލްޖީތު ދޮސާންޖް އެވެ. އަދި އަކްޝޭ ކުމާރާއެކު "ކެޕްސޫލް ގިލް" ކިޔާ ފިލްމެއް ވެސް ޕަރިނީތީ ދަނީ ކުޅެމުންނެވެ.