ކުޅިވަރު

އޭޝިއާ ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ

ޗައިނާގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖޭގެ ދެ ސާފަރުން ކަމަށްވާ، އިސްމާއީލް ރަޝީދު (ސްމައިލީ) އާއި ހުސައިން އަރީފް (އިބޫ) ޖާގަ ހޯދައިފި އެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ކުރިއަށް ދަނީ ޗައިނާގެ އިރުމަތީ ކަނޑުގެ އައްސޭރީގެ ސިޓީ ޝަންޓާއޯ ގަ އެވެ. ރާއްޖޭގެ ތިން ސާފަރުން ވާދަ ކުރެ އެވެ. އިބޫ އާއި ސްމައިލީ ފައިނަލަށް ދަތުރު ކުރީ މިއަދު ހެނދުނު ބޭއްވި ސެމީ ފައިނަލު ބުރުގައި ވާދަ ކުރި ހީޓުން ދެ ވަނަ ހޯދައިގެންނެވެ.

ސްމައިލީ ވާދަ ކުރީ ހީޓް އެކެއްގަ އެވެ. އޭނާ ވަނީ އެ ހީޓުން ދެ ވަނަ ހޯދާފަ އެވެ. އިބޫ ވާދަ ކުރީ އެންމެ ފަހު ހީޓްގަ އެވެ. ކުއާޓާ ފައިނަލަށް ކުރި ދަތުރުގައި ދެ ސާފަރުން ވެސް ވަނީ ވާދަ ކުރި ހީޓުން ދެ ވަނަ ހޯދާފަ އެވެ.

ސާފިން ޓީމު އެކުލަވާލީ މިއަހަރުގެ ޖޫން މަހު ބޭއްވި މުބާރާތުންނެވެ. ގައުމީ ޓީމު ސެލެކްޝަން ހެދުމަށް ބޭއްވި މުބާރާތުން އެއް ވަނަ ހޯދީ ސްމައިލީ އެވެ. ދެ ވަނަ ހޯދީ އިބޫ އެވެ. ތިން ވަނަ ހޯދީ އަހްމަދު އާގިލް (އަންމަޑޭ) އެވެ. ރާއްޖޭގެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ދިޔައީ އިބްރާހިމް ނައްޝަލް ނާސިރެވެ.