ކުޅިވަރު

އޭޝިއަން ޗެމްޕިއަންޝިޕުން އިބޫއަށް ލޯ މެޑަލް

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހާސިލު ކޮށްފި އެވެ.

ޗައިނާގެ އިރުމަތީ ކަނޑުގެ އައްސޭރީގެ ސިޓީ ޝަންޓާއޯ ގައި ބޭއްވި އޭޝިއާގެ ފުރަތަމަ ސާފިން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖޭގެ އިސްމާއީލް ރަޝީދު (ސްމައިލީ) ވެސް ވާދަ ކުރި އެވެ. މިއަދު މެންދުރު ފަހު ބޭއްވި ފައިނަލު އިވެންޓުން ސްމައިލީ ދިޔައީ ހަތަރު ވަނަ އެވެ.

ރާއްޖޭގެ ތިން ސާފަރުން ވާދަ ކުރި މުބާރާތުގައި އިބޫ އާއި ސްމައިލީ ފައިނަލަށް ދަތުރު ކުރީ މިއަދު ހެނދުނު ބޭއްވި ސެމީ ފައިނަލު ބުރުގައި ވާދަ ކުރި ހީޓުން ދެ ވަނަ ހޯދައިގެންނެވެ.

ސެމީ ފައިނަލުގައި އިބޫ ވާދަ ކުރީ އެންމެ ފަހު ހީޓްގަ އެވެ. އޭނާ ވަނީ ހީޓުން ދެ ވަނަ ހޯދާފަ އެވެ. ސްމައިލީ ވެސް ވަނީ ވާދަ ކުރި ހީޓުން ދެ ވަނަ ހޯދާފަ އެވެ. ކުއާޓަ ފައިނަލުން ޖާގަ ހޯދުމަށް ބޭއްވި ހީޓްގައި އިބޫ އާއި ސްމައިލީ ވަނީ ވާދަ ކުރި ހީޓުތަކުން އެއް ވަނަ ހޯދާފަ އެވެ.

ސާފިން ޓީމު އެކުލަވާލީ މިއަހަރުގެ ޖޫން މަހު ބޭއްވި މުބާރާތުންނެވެ. ގައުމީ ޓީމު ސެލެކްޝަން ހެދުމަށް ބޭއްވި މުބާރާތުން އެއް ވަނަ ހޯދީ ސްމައިލީ އެވެ. ދެ ވަނަ ހޯދީ އިބޫ އެވެ. ތިން ވަނަ ހޯދީ އަހްމަދު އާގިލް (އަންމަޑޭ) އެވެ. ރާއްޖޭގެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަށް ދިޔައީ އިބްރާހިމް ނައްޝަލް ނާސިރެވެ.

މިއަހަރު ޖަޕާންގައި ބޭއްވި ވޯލްޑް ޗެމްޕިއަންްޝިޕްގެ ކުއާޓާ ފައިނާލާ ހަމައަށް އިބޫ ދަތުރު ކުރި އެވެ.