މިސާލަކަށް ޔޫއެފްއޯ ފެންނަ ވާހަކަ އެވެ. އޭލިއަނުން ދުނިޔެ އަށް ވެއްޓި އެފަދަ އޭލިއަންތައް އެމެރިކާ ސަރުކާރުގެ ބެލުމުގެ ދަށުގައި ސިއްރުކޮށްފައިވާ ވާހަކަ އެވެ. ނުވަތަ އިންސާނުން ހަނދަށް ދިޔަ ވާހަކަ އެވެ. ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލީ އެމެރިކާ ސަރުކާރުން ކަމަށް ބުނާ ތިއަރީ ވެސް މަޝްހޫރެވެ.
ނުވަތަ ރައީސް ޔާމީންގެ ބޮލުގައި ޓިއުމަރެއް އުފެދި އެ ބޭފުޅާގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ވާހަކަ އެވެ. ޔާމީންގެ ވެރިކަން ވައްޓާލަން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނިޒާމް މާލެ އަށް ގެންނެވި "ވޯޓާ ކްރައިސިސް" ގެ ވާހަކަ އެވެ. ނުވަތަ ނޫސްވެރިޔާ ރިލްވާނަށް ވީގޮތާ ބެހޭ ގޮތުން އެކި މީހުން ދައްކާ ވާހަކަތަކެވެ.
މި ހުންނަނީ ހައްތަހާ ވެސް އެ ވާހަކަތަކަކާ ގުޅިގެން ތަފާތު އެކި ކޮންސްޕިރެސީ ތިއަރީތައް އުފަންވެފައިވާ ވާހަކަތަކެކެވެ.
އެހެންވީމަ މިފަދަ ކޮންސްޕިރެސީ ތިއަރީތަކަށް އެހާ ފަސޭހައިން ބަރޯސާވެވެނީ ނުވަތަ މިފަދަ ވާހަކަތައް އެހާ ފަސޭހައިން ގަބޫލުކުރެވެނީ ކީއްވެ ހެއްޔެވެ؟ މެޑިކަލް ޖާނަލް "އެޕްލައިޑް ކޮގްނިޓިވް ސައިކޮލޮޖީ" ގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނަނީ ކޮންސްޕިރެސީ ތިއަރީތައް ފަސޭހައިން ގަބޫލުކުރާ މީހުންނަކީ އޭމީހުންގެ ނަފުސުގެ ކޮންޓްރޯލް އަމިއްލަ އަތުން ދޫވެފައިވާ މީހުން ކަމަށެވެ.
މިދީރާސާއެއްގައި އިސްކޮށް ހަރަކާތްތެރިވި ވީޔޫ ޔުނިވާސިޓީ އެމްސްޓަޑޭމްގެ ޕްރޮފެސަރެއް ކަމުގައިވާ ޔޭން ވިލިއެމް ވޭން ޕްރޫޖެން ވިދާޅުވެފައި ވަނީ އެމީހުންގެ ދިރާސާކުރިއަށް ގެންގޮސްފައި ވަނީ 119 މީހަކު ބައިވެރިކޮށްގެން އެ މީހުން ދެ ބަޔަކަށް ބަހާލައިގެން ވަކި ތަރުތީބަކުން ހަވާލުކުރި ޒިންމާތަކަކަށް ބަލައިގެން ކަމަށެވެ.
އެގޮތުން ދެ ގްރޫޕަކަށް މީހުންތައް ބަހާލުމަށް ފަހު ދިރާސާގައި އެއް ގްރޫޕަކާ ސުވާލުކޮށްފައި ވަނީ ފުރިހަމަ ބާރު ލިބުނު ކަމެއްގެ ވާހަކަ ލިޔުމަށާއި އަމިއްލަ ބާރު ގެއްލުނު ކަމެއްގެ ވާހަކަ ލިޔުމަށެވެ. އެ ގޮތަށް ލިޔުމަށް ފަހު މި ގްރޫޕްގެ ވިސްނުން ދެނެގަތުމަށް ދެން ކުރީ ސުވާލެކެވެ.
އެއީ އެމްސްޓަޑޭމްގައި ގިނަ އަދަދެއްގެ ގެތަކަކަށް ގެއްލުން ލިބުނީ ބިލްޑިން ޕްރޮޖެއްގެ މަސައްކަތް ގޯސްކޮށް ގޮސްގެން ކަމަށް ސަރުކާރުން ބުނާ ވާހަކައިގައި ވަނީ ކިހާވަރެއްގެ ހަގީގަތެއްތޯ ބެލުމުގެ ސުވާލެވެ. ދިރާސާގައި ބައިވެރިވެ އެމީހުންގެ ކޮންޓްރޯލް ގެއްލުނު ވާހަކަ ކިޔައިދިން މީހުންގެ ތެރެއިން ގިނަ މީހުން ބުނެފައި ވަނީ ގެތަކަށް ގެއްލުން ލިބުނު ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަ އަކީ އެހެން ނުބައި ކަމެއް ފޮރުވުމަށް ހަދާފައިވާ ކޮންސްޕިރެސީ ތިއަރީއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ނަމަވެސް ނަފުސުގެ ފުރިހަމަ ކޮންޓްރޯލްގެ ވާހަކަ ކިޔައިދިން މީހުން އެގޮތަށް ގަބޫލުނުކުރާ ކަމަށް ދިރާސާގެ ތަޖުރިބާކާރުން ބުނެފައިވެ އެވެ.
ދިރާސާކުރި ފަރާތްތަކުން ބުނެފައި ވަނީ ބާރުގަދަ ސަރުކާރަކުން ނުވަތަ އޯގަނައިޒޭޝަނަކުން ރައްޔިތުންނާ ދެކޮޅަށް ކަންކަން ސިއްރުކޮށް ފޮރުވައި ކަންކަން ކޮށްފާނެ ކަމަށް ގަބޫލުކުރުމަކީ އިންސާނުންގެ ތަބީއަތުގައި އަށަގެންފައި ހުންނަ ކަމެއް ކަމަށެވެ. ނަމަވެސް އެކި ކޮންސްޕިރެސީ ތިއަރީތައް ގަބޫލުކުރާ ހިސާބަށް އިންސާނާ ވެއްޓެނީ އޭނާގެ އަމިއްލަ ވިސްނުމުގެ ކޮންޓްރޯލާއި ނަފުސުގެ ކޮންޓްރޯލް ގެއްލިގެންދާ ހިސާބުން ކަމަށެވެ.