މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ކުރިޔަށް އޮތް ތިން ދުވަހު ވިއްސާރަ ކުރާނެ: މެޓް އޮފީސް

މިހާރު ވިއްސާރަ ކުރަމުން ދަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއް ސަބަބުން ކަމަށާއި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަންނަ ހޯމަ ދުވަހު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރުގެ އަތޮޅުތަކާއި ރާއްޖޭގެ މެދުގައިވާ އަތޮޅުތަކުގެ އެކި ހިސާބުތަކަށް ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑި އިރަށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ. އެ އޮފިޝަލް ވިދާޅުވީ އުތުރާއި މެދު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެކަމަކު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިގަދަވާނެ އެވެ.

ވިއްސާރައާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ މުއައްސަސާތަކުން ވަނީ އެދިފަ އެވެ.