އެމްޑީޕީ

ނަތީޖާއާ މެދު އަސްލަމް ސުވާލު އުފައްދާ!

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕް ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ކެންޕެއިން ޓީމުގެ ބައެއް މެންބަރުން ބުނެފި އެވެ.

އިންތިހާބުގައި 87،439 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާކަމަށް އެމްޑީޕީން ހާމަކުރި ނަމަވެސް، ރެއާ ހަމައަށް އިއުލާން ކޮށްފައިވާ 172 ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓު ލުމުގައި ބައިވެރިވެފައި ވަނީ 23،613 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 27 ޕަސެންޓެވެ.

މި އިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެހެންކަމުން ވޯޓް ނެގީ އެމަނިކުފާނު އެ މަގާމުގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. މިހާތަނަށް ސާފުކުރެވުނު ނަތީޖާތަކުން 23،369 މީހުން ވޯޓުލީއިރު ނުފެންނަ ކަމަށް 63 މީހުން ވަނީ ވޯޓު ދީފަ އެވެ.

އަދި އެމްޑީޕީގެ ނައިބު ރައީސްކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ވާދަކުރައްވައިގެން ޝިފާޒް އިންތިހާބުވެފައިވަނީ 13،233 ވޯޓުންނެވެ. އަސްލަމަށް ލިބިވަޑައިގެންނެވީ 9،957 ވޯޓެވެ.

ނަމަވެސް އަސްލަމްގެ ކެންޕެއިން ޓީމުގެ ބައެއް މެންބަރުން ވަނީ އިންތިޚާބުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އަދި އެކަންކަން ހުށައެޅުމަށްވެސް ކެންޕެއިން ޓީމުން ދަނީ ތައްޔާރުވަމުންނެވެ، މީގެ އިތުރުން އަސްލަމްގެ ސަޕޯޓަރުން ކިބައިން އެ ޓީމުގެ މެންބަރުން ވަނީ މައްސަލައެއް ފާހަގަކުރެވިފައިވާ ނަމަ ހުށައެޅުމަށްވެސް އެދިފައެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާއިން ބޮޑު ތަފާތަކުން ޝިފާޒް ކުރީގައި އޮތްނަމަވެސް އަސްލަމް ރަސްމީކޮށް އަދި ޝިފާޒަށް މަރުހަބާ ވިދާޅުވެފައެއް ނުވެއެވެ.

މީގެ އިތުުރުން ނަޝީދަށް ލިބިވަޑައިގެން ވޯޓްގެ އަދަދާއި، އަދި ފެންނަ ކަމަށް ވޯޓްދިން މީހުންގެ އަދަދާއިމެދުވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

އެމްޑީޕީގެ ނާއިބް ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާ އަސްލަމާއި، ޝިފާޒް ވަނީ ވަރުގަދަ ކެންޕެއިނެއް ކުރައްވާފައެވެ. މަޖިލީހުގެ ގިނަ މެންބަރުންނާއި، ރައީސް ނަޝީދަށް ވަފާތެރި ގިނަ މެންބަރުން ތިއްބެވީ އަސްލަމްގެ ފަހަތުގައެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުން ތިއްބެވީ ޝިފާޒްގެ ފަހަތުގައެވެ.