ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންގެ އަމަލުތައް މިހާރު ހުރީ "ޓޮލަރޭޓް" ކުރަން ދަތިވާ ހިސާބުގައި ކަމަށާއި "ބޯޑާލައިން" ހުރަސްކުރަން ތާއަބަދު ފުރުސަތު ނުދެއްވާނެ ކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަވަސްއިން މިއަދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވަޒީރެއްގެ އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީގެ މެންބަރަކު ސޮއި ކުރެއްވުމަކީ ޕާޓީގެ ހުރިހާ އުސޫލަކާއި ހަމައެއް މުގުރާލުން ކަމަށެވެ.
"އެހެންވީމާ ހަގީގަތުގައި އަޅުގަނޑަށް މިހާރު މިކަން މިއޮތީ ޓޮލަރޭޓް ނުކުރެވޭ ހިސާބުގައި. ޕީޖީ ގުރޫޕުން ނިންމަންޖެހޭ ކަންކަން ނިންމާނަން. ފިޔަވަޅު އަޅަންޖެހޭ މެންބަރުންނަށް ފިޔަވަޅު އަޅަން ޕާޓީގެ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވާނަން. އަޅަންޖެހޭ ފިޔަވަޅަކީ ކޮބައިކަން ނިންމާނީ ފިޔަވަޅު އަޅާ ކޮމިޓީން،" އަސްލަމް ވިދާޅުވި އެެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގައި ހިމެނޭ ހަތަރު މެންބަރަކަށް ފިޔަވަޅު އަޅައިދިނުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަަހަޅާފައިވާނެ ކަމަށެވެ. އަދި ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ މެންބަރަކު ސޮއި ކުރައްވާފައިވާ ކަމަށް އެނގިފައިވާތީ އެ މެންބަރަށް ވެސް ފިޔަވަޅު އަޅަން ހުށަަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގައި ތިއްބަވައިގެން ސަރުކާރުގެ ނިންމުންތަކަށް ޗެލެންޖުކޮށް، ސަރުކާރުގެ ވާދަވެރިންނާ ގުޅިގެން ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށެވެ. އަދި އެއީ ދެން ބަލަހައްޓައިގެން ތިބެވޭ ވަރަށް ވުރެ ކަންކަން މައްޗަށް ދިއުން ކަމަށްވެސް ސިފަކުރެއްވި އެވެ.
"ހަގީގަތުގައި އަޅުގަނޑަށްވެސް ވަރަށް ޕްރެޝަރު އެބައާދޭ ފިޔަވަޅު އެޅުން ލަސްވާތީ. ނަމަވެސް ފިޔަވަޅު އަޅަން ބަލާއިރު މިކަންކަމުގައި މިއުޅުއްވަނީވެސް ޕާޓީގެ އިސް ބޭފުޅުންތަކެއް. މިސާލަކަށް ޕާޓީ ރައީސް، ޕާޓީގެ ނައިބް ރައީސް، ކުރީގެ ޗެއާޕާސަން، ޕީޖީ ގުރޫޕްގެ ކުރީގެ ނައިބް ލީޑަރުން އެބަތިއްބެވި ފިޔަވަޅު އަޅަންޖެހޭ ބޭފުޅުންގެ ތެރޭގައި. އެހެންކަމުން ފިޔަވަޅެއް އެޅުމުގެ ކުރިން ޕާޓީއަށް މިހާ ހިދުމަތް ކޮށްދެއްވި ބޭފުޅުން ވީމާ ބަލާލަންވެސް އެބަޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ޓީމުގައި ޕާޓީގެ ރައީސް އިސްކޮށް ހުންނެވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށްވާތީ ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރުމަށް ޕާޓީގެ ޕީޖީ ގުރޫޕްގެ ވަރަށް ގިނަ މެންބަރުން މިހާރު އެދިވަޑައިގަންނަވާ ކަމުގައިވެސް އަސްލަމް ވިދާޅުވި އެވެ.
"ރައީސް ނަޝީދު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ލިޔުން ސޮއިކޮށްފައި އެބައޮތް. އެކަމަކު އެކަމުގައި ޕީޖީ ގުރޫޕްގެ ރަސްމީ ނިންމުމެއް އަދި ނޯންނާނެ. އެއީ އަޅުގަނޑުމެން އެންމެ ފަހަށް ކުރާނެ ކަންތައް. އަޅުގަނޑު އަދިވެސް މިބަލަނީ ހިޔާލުތަފާތުވެގެން އުޅޭ މެންބަރުން ޕާޓީގެ އުސޫލުތަކުގެ ތެރެއަށް ވަދޭތޯ،" އަސްލަމް އުއްމީދުކުރައްވާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އެމްޑީޕީގައި ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން"ގެ ހަރަކާތްތަކުގައި ބައިވެރިވާ މަޖިލިސް މެންބަރުން ގެންދަވަނީ ފާޅުގައި އެމްޑީޕީއާއި ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައިވެސް މިފަހަކަށް އައިސް އެ ބޭފުޅުން ގެންދަވަނީ ބައިވެރިވެވަޑައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ނަމަވެސް އުސޫލުތަކާ ހިލާފަށް އަމަލުކުރައްވާ މެންބަރުންނަށް ފިޔަވަޅެއް ނޭޅޭތީ އެމްޑީޕީގެ ބައެއް އާންމު މެންބަރުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.