ގާސިމް އިބްރާހިމް

ރައީސްގެ އަރިސް ބޭފުޅުން ގާސިމް އަރިހަށް

ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ދެ ބޭފުޅަކު، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުފުޅުކުރައްވައިފިއެވެ.

ސަން އައިލެންޑް ރިސޯޓުގައި ރޭ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.

މި މަޝްވަރާ ބައްދަލުވުމުގެ ފޮޓޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ދެ ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ކުރެވުނު މަޝްވަރާގެ އިތުރު ތަފްސީލެއް ނުލިބުނު ނަމަވެސް، އެ ބޭފުޅޫން ކުރެއްވީ ޖޭޕީއާއިއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކަމުގައި މައުލޫމާތު ލިބެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފާސްކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާއެއްގައި ވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއާއި ރައީސް އޮފީހުގެ ވަޒީރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ ސަން އައިލެންޑްގައި ގާސިމްއާއި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ޖޭޕީ އަދި ގާސިމްގެ ތާއީދު ހޯދުމަށް ރައީސް މަސައްކަތް ކުރައްވަމުން އަންނަ އިރު، މި މަހުގެ 24-25 އަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އޮންނާނެ އެވެ.